ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.

އެސްޓީއޯ ހިންގާ ގަވައިދުގައި ވާ ގޮތުންނާއި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރަކު އިންތިހާބު ކުރެވެ އެވެ. އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރެވެނީ ހަ ޑިރެކްޓަރުންނެވެ.

އެސްޓީއޯއިން ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީ ވިޔަފާރި އާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަށް އެ ކުންފުނިން ބާރު އަޅާ ކަމަށެވެ.

ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވާނަންސް ކޯޑުގައި ބާރުއަޅާފައިވ ގޮތަށް ކުންފުނީގެ ބޯޑަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ޝައުގުވެރިކަން ފާޅުކޮށް އިންތިހާބުގައި ވާދަކުރުމަށް ވެސް އެސްޓީއޯއިން ވަނީ އެދިފަ އެވެ. އަދި އެއީ މިންތީގެ ހަމަހަކަން ގާއިމްކުރުމަށް އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތައް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ.

އެސްޓީއޯއިން ބުނިގޮތުގައި އާއްމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތާތަކީ އުމުރުން 30 އަހަރުން މަތީގެ ދިވެއްސަކަށް ވާންޖެހޭނެ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރީލް މަހުގެ އަށްވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށެވެ. އެސްޓީއޯގެ ސެކްރެޓޭރިއޭޓަށް އެޑްރެސްކޮށް އީމެއިލް ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެ އެވެ.