މިއީ ރާއްޖޭގެ ސްކޫލަކުން މީގެ ކުރިން ނުފެންނަ މަންޒަރެކެވެ. ސްކޫލުތަކުން ބާއްވާ އެކިއެކި އިވެންޓުތަކުގެ ފޮޓޯ އާއި ވީޑިއޯ އާއްމުކޮށް ނަގާނީ އެ ސްކޫލެއްގެ މީޑިއާގެ ކަންކަން ބަލަހައްޓާ މުވައްޒަފުންނެވެ. ނަމަވެސް، މިފަހަރު ދ. ކުޑަހުވަދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުން މި ފަހަރު ފެނުނީ ތަފާތު މަންޒަރެކެވެ.

އެ ސްކޫލްގެ މީޑިއާ ކްލަބްގެ ދަރިވަރުން މިވަނީ، ޓީވީ ބްރޯޑްކާސްޓިން ފުލް ސެޓަޕެއް ބޭނުންކޮށްގެން ސްކޫލްގެ ކުޅިވަރު ހަރަކާތެއް ލައިވް ސްޓްރީމްކޮށްފަ އެވެ.

ކީ-ސްޓޭޖް 3 ގެ ދަރިވަރުންގެ ސްޕޯޓްސް ފެސްޓިވަލްގެ ފައިނަލް އާއި ނިންމުމުގެ ރަސްމިއްޔާތު ލައިވްކުރުމުން ފެށިގެން، އެ މަންޒަރުތައް ފަހަށް ރައްކާކުރުމުގެ ހުރިހާ ކަމެއްގައި ބައިވެރިވީ އެ ސްކޫލުގައި ދަރިވަރުންނެވެ.

ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕޯޓްސް ފެސްޓިވަލް ކަވަރުކުރުމުގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ދ. އަތޮޅު ތައުލީމީ މަރުކަޒު

މި މަހުގެ 1-10 އަށް ބޭއްވި ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތުގެ ކަވަރޭޖުގައި އެ ސްކޫލުގެ ގްރޭޑު 9 އަދި 10 ގެ 10 ވަރަކަށް ދަރިވަރުން ބައިވެރިވި އެވެ. މީޑިއާ ކްލަބްގައި މިހާރު ވެސް ގްރޭޑު 6 އިން ފެށިގެން މަތީގެ ދަރިވަރުން ބައިވެރިވެ އެވެ.

މި ކަވަރޭޖުގައި ދަރިވަރުން ވަނީ ކެމެރާ ބޭނުންކުރުމާއި ލައިވަށް އަޑު ވެއްދުމާއި ލައިވް ޕްރޮޑަކްޝަން އަދި ކަވަރޭޖްގެ ތެރެއިން މުއާމަލާތް ކުރުމުގެ ހުނަރު ފަރިތަކޮށްފަ އެވެ.

މި ކަވަރޭޖް މީޑިއާ ކްލަބްގެ ދަރިވަރުން ކުރިއަށްގެންދިޔައީ ޕްރޮފެޝަނަލް ޓީވީ ބްރޯޑްކާސްޓް މިންގަނޑުތަކާ އެއްގޮތަށެވެ.

ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕޯޓްސް ފެސްޓިވަލް ކަވަރުކުރުމުގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ދ. އަތޮޅު ތައުލީމީ މަރުކަޒު

އެ ސްކޫލުގެ ފޭސްބުކް ޕޭޖުގައި ބުނީ، ސްޕޯޓްސް ފެސްޓިކަލްގެ ކަވަރޭޖުގައި ބައިވެރިވެގެން ދަރިވަރުންނަށް ގިނަ ކަންކަން ދަސްވެފައިވާ ކަމަށެވެ. އެކަންކަމުގެ ތެރޭގައި ކުޅިވަރު ހަރަކާތެއްގައި ގިނަ ކެމެރާ ސެޓަޕެއް ބޭނުންކޮށްގެން ޝޮޓް ހަދާނެ ގޮތްތަކާއި އިންޓަކޮމް ސިސްޓަމް މެދުވެރިކޮށް މުއާމަލާތްކުރުމުގެ ހުނަރު ދަސްކޮށްދީފައިވެ އެވެ.

އޭގެ އިތުރުން ބޫމް މައިކް އޮޕަރޭޓްކުރާނެ ގޮތާއި ކުޅިވަރު ކުޅޭ ތަނެއްގައި، އެ ތަނުގެ އަސްލު އޯޑިއޯ ބަލަހައްޓާނެ ގޮތްތައް އަދި ތަފާތު 2 އޯޑިއޯ މިކްސަރު މެދުވެރިކޮށް ސްޓޭޖް އޯޑިއޯ މައިކްރޯފޯން ބަލަހައްޓާނެ ގޮތް ކިޔައިދީފައިވާ ކަމަށް، މީގެ ހަތަރު ދުވަސްކުރިން އެ ޕޭޖުގައި ކުރި ޕޯސްޓުގައި ބުންޏެވެ.

ދ. އަތޮޅު ތަޢުލީމީ މަރުކަޒުން ބުނީ މި ފުރުސަތަކީ ދަރިވަރުންނަށް އަމަލީ މައިދާނުގައި ހުނަރު އުނގަންނައިދިނުމަށް ފަހިކޮށްދީފައިވާ ފުރުސަތެއް ކަމަށެވެ. އަދި ކުރިމަގުގައި ޕްރޮފެޝަނެއްގެ ގޮތުގައި މީޑިއާ ދާއިރާ ޚިޔާރުކުރުމަށް ދަރިވަރުންގެ ހިތްތަކުގައި މިކަމަށް ޝަޢުގުވެރިކަން އުފެއްދުމަށް ދިން ފުރުސަތެއް ކަމަށް ވެސް އެ ސްކޫލުން ބުނެ އެވެ.

ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޕޯޓްސް ފެސްޓިވަލް ކަވަރުކުރުމުގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ދ. އަތޮޅު ތައުލީމީ މަރުކަޒު

އެ ސްކޫލުން ބުނީ މި ދާއިރާއިން ދަރިވަރުންނަށް ބޭނުންވާ ހުނަރު އިތުރުކުރުމަށް ތަމްރީން ފުރުސަތުތައް ވެސް އެ ސްކޫލުން ފަހިކޮށްދެމުން އަންނަ ކަމަށެވެ. އެގޮތުން އެ ސްކޫލުގެ އާޓް އެންޑް މީޑިއާ ކްލަބުގެ ދަރިވަރުން މިހާރު އަންނަނީ ވީޑިއޯ ޕްރޮޑަކްޝަނާއި އޯޑިއޯ ތިއަރީގެ ތަމްރީނުތައް ހަދަމުންނެވެ. އެއާއެކު، އެ ކުދިންނަށް މަސައްކަތުގެ މާހައުލުގައި ބޭނުންވާ ތަމްރީނު ވެސް ދެމުން އަންނަ ކަމަށް، އެ ޕޭޖުގައިވެ އެވެ.

ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހުޅުވުނީ 1984 ވަނަ އަހަރު އެވެ. އެ ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12އާއި ހަމައަށް އަންނަނީ ކިޔަވައިދެމުންނެވެ. ސްކޫލްގައި 800 އެއްހާ ދަރިވަރުން ތައުލީމު ހާސިލްކުރެ އެވެ.