ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ އުސޫލުތަކާއި މެންބަރުން އިންތިހާބު ކުރެވޭ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހުތަކެއް ގެންނަން ދަ ޑިމޮކްރެޓްސް އިން ހުށަހަޅައިފި އެވެ.

ގާނޫނުއަސާސީއަށް މި އިސްލާހުތައް ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ. މި ބިލްގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

މެމްބަރު އާޒިމް ވަނީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގެ މާއްދާއަށް (ނ) އިތުރު ކުރުމަށެވެ. އެ ގޮތުން 21 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައަޅާނީ މި އުސޫލުން ކަމަށް އާޒިމް ހުށަހެޅުއްވި އެވެ.

މި އުސޫލު ހިނގާނީ މިހާރު އިންތިހާބުކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމަށްފަހު ދެވަނައަށް އިންތިހާބުކުރާ ރައްޔިތުންގެ މަޖިލީހުގެ އުމުރުން ފެށިގެން ކަމަށް އިސްލާހުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް އާޒިމް ހުށަހެޅުއްވި އިސްލާހުގައި ވަނީ

  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ 6،000 މީހުންނާއި 12،000 މީހުންނަށް އެއް މެންބަރު
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ 12،000 މީހުންނާއި 18،000 މީހުންނަށް ދެ މެންބަރު
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ 18،000 މީހުންނާއި 24،000 މީހުންނަށް ތިން މެންބަރު
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ 24،000 މީހުންނާއި 36،000 މީހުންނަށް ހަތަރު މެންބަރު
  • އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 36،000 މީހުންނަށްވުރެ ގިނަނަމަ ފަސް މެންބަރުން

މީގެ ގާނޫނުއަސާސީގެ 72 ވަނަ މާއްދާއަށް (ރ) އަދި (ބ) އިތުރުކުރަން ވަނީ ހުށަހަޅުއްވާފަ އެވެ.

އެގޮތުން ސިޔާސީ ޕާޓީތަކުން އިންތިހާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާއަކުން އެއް ދާއިރާ އަންހެން ކެންޑިޑޭޓަކަށް ހާއްސަކުރުމަށާއި އެކަން ފުރިހަމަ ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގައި އެކަން ތަފުސީލުކޮށް ބަޔާންކުރަންވާނެ ކަމަށް އާޒިމްގެ އިސްލާހުގައިވެ އެވެ.

ގާނޫނުއަސާސީއަށް އާޒިމް މި އިސްލާހު ހުށަހަޅުއްވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ 33 ޕަސަންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް އެމްޑީޕީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ.