ދިރާގުން ހިންގި "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ގުރުއަތު ނެގުން މި އަހަރުގެ އަޟްޙާ އީދާ ދިމާކޮށް ޖޫން 17 ގައި ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ހިންގި މި ޕްރޮމޯޝަނަކީ ދިރާގުގެ 35ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އައު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި އެ ކުނުފުނިން ތައާރަފުކުރި ހަރަކާތެކެވެ. އެގޮތުން މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ހޫނު ތަރުހީބެއް ވަނީ ލިބިފައިވާ ކަމަށް ދިރާގުން ބުނެ އެވެ. އަދި މި އިނާމު ލިބޭ ފަރާތް އެނގުމުގެ ޝައުގުވެރިކަން ވަނީ އާންމުންގެ މެދުގައި އިތުރުވެފައި ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މި ޕްރޮމޯޝަންގައި އެންރޯލްވުމަށްޓަކައި ދިރާގު ކަސްޓަމަރުން ވަނީ މިދިޔަ ޖެނުއަރީ 31ގެ ކުރިން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަ ބްރޯޑްބޭންޑް 30M އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފަ އެވެ. އެގޮތުން އެންރޯލްވި ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވެވޭނީ އޭރު ސަބްސްކްރައިބް ކުރި ޕްލޭންތަކުގައި ޖޫން 17 އާ ހަމައަށް މަޑުކޮށްގެން ކަމަށް ދިރާގުން ބުނެ އެވެ. މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ސަބްސްކްރައިބްކޮށްފައިވާ ޕްލޭންތައް ކަސްޓަމަރުންނަށް އަޕްގްރޭޑް ވެސް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ. އަދި ލަކީ ޑްރޯގައި ކަސްޓަމަރުންގެ ސަބްސްކްރައިބް ކޮށްފައިވާ ޕްލޭންތައް އެ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރުމަށް ވެސް ހިޔާރު ކުރެވޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

މި ޕްރޮމޯޝަން ނިމުމުގެ ކުރިން ދިރާގުން ވަނީ ދިރާގު ހެޑް އޮފީސް އަދި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ދެ އިވެންޓެއްގައި މި ޕްރޮމޯޝަންގެ އިނާމު ގޮތުގައި ދެވޭނެ ޓެސްލާ ކާރު އާންމުނަށް ދައްކާލާފަ އެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.