ތިލަމާލެ ބްރިޖް މަޝްރޫޢުގެ މަސައްކަތް ތާވަލަށްވުރެ 1.11 ޕަސެންޓް ކުރިއަށް ޖައްސާލެވިފައިވާ ކަމަށާއި، މަސައްކަތުގެ ޓައިމްލައިން އަވަސްކުރަން ކޮންޓްރެކްޓަރާ މަޝްވަރާކުރައްވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ އެފްކޮން އިންފްރާޗްޓްރަކްޗާއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ ތިލަމާލެ ބްރިޖް ހެދުމުގެ މުޅި މަޝްރޫއު ނިންމަން މިހާރު ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު 30، 2026 އަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި ތިލަމާލެ ބްރިޖް ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައި ވަނީ މާޗް 31 2026އަށް ކަމަށެވެ. އަދި ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައި ވަނީ ސެޕްޓެމްބަރު 30 2026އަށް ކަމަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެ ކަމަށް ވެސް ޓައިމްލައިންގައި ހިމަނާފައި ވަނީ 30 ސެޕްޓެމްބަރު 30 2026އަށް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތިލަމާލެ ބްރިޖްގެ މުޅި މަޝްރޫއުގެ 35.53 ޕަސެންޓް މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ.

ބްރިޖް މަސައްކަތުގެ އަޕްޑޭޓް:

  • ބްރިޖް ތަނބުތަކުގެ ޕައިލިން މަސައްކަތުގެ 58 ޕަސެންޓް ނިމިފައި
  • ޕައިލް ކެޕްގެ 43 ޕަސެންޓް މަސައްކަތް ނިމިފައި
  • ޕިއާ ކޮލަމްންސްގެ 40 ޕަސެންޓް ނިމިފައި
  • ބްރިޖް ސުޕާސްޓްރަކްޗާގެ ޕްރީކާސްޓް ސެގްމަންޓްގެ 24 ޕަސެންޓް ވަނީ ކާސްޓްކޮށް ނިމިފައި

މިނިސްޓަރު ވިދާޅުވީ މިހާރު އެ ޕްރޮޖެކްޓްގެ މަސައްކަތްތައް ތާވަލަށް ވުރެ އަވަސްކޮށްފައިވާ ކަމަށެވެ.

"ޝެޑިއުލަށްވުރެ ކުރީގައި މަސައްކަތްތައް ދަނީ. މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ޝެޑިއުލަށް ގެންދިއުމަށް. އެ އަމާޒަށް ވާސިލްވެ ކޮންޓްރެކްޓަރަށް މަސައްކަތް ރަނގަޅަށް ގެންދެވެން ފެށީމަ، މަސައްކަތުގެ ޓައިމްލައިން އަވަސްކުރަން ބުނާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްގީކުރުމަށް 7 ބިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެ އެވެ.