ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން ބޮސްކާލިސްއާ ހަވާލުކޮށްފައިވާ މަޝްރޫއު ކުރިއަށް އޮތް މަހެއް ތެރޭ ނިމޭނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އިތުރު 85 ހެކްޓަރު ހިއްކުމުގެ މަޝްރޫއު ފަށާނީ އޭގެ ފަހުން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ އާދިއްތަ ދުވަހުގެ ނިޔަލަށް ގުޅިފަޅުން 127.9 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ.
މާލޭ މީހުންނަށް ގޯތި ދޭން ކުރީ ސަރުކާރުން ހިއްކަން ފެށި ގުޅިފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.
މިނިސްޓަރު މުއްތަލިބު މިއަދު ވިދާޅުވީ ގުޅިފަޅު ހިއްކުމަށް މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން ރައީސް މުއިއްޒު ވިދާޅުވި 85 ހެކްޓަރުގެ ބިން ހިއްކުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ކުރިއަށްގެންދާނެ ކަމަށެވެ.
"ރައީސް ފަހުން އިއުލާނު ކުރެއްވި [އިތުރު] 85 ހެކްޓަރުގެ ބިން ހިއްކުމަށް. އެއީ މިހާރު ކުރިއަށްދާ ކޮންޓްރެކްޓުގެ ތެރޭ ހިމެނޭ މަސައްކަތެއް ނޫން ވީމާ، މިހާރު ކުރިއަށްދާ ކޮންޓްރެކްޓުގެ މަސައްކަތް ނިމުނީމާ އިތުރަށް ހިއްކަން ޖެހޭ ބައި ހިއްކުމުގެ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މުއްތަލިބު ވިދާޅުވީ ގުޅިފަޅުން ހިއްކާ ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށާއި ހަ މަސް ތެރޭ އެ މަސައްކަތް ވެސް ނިމޭނެ ކަމަށެވެ.
ގުޅިފަޅު ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ޖުލައި ދެވަނަ ދުވަހު އެވެ.
މި މަޝްރޫއުގެ ދަށުން 150 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ބޮސްކާލިސްއާ ހަވާލުކޮށްފައިވަނީ 120 މިލިއަން ޔޫރޯ (ދެ ބިލިއަން ރުފިޔާ) އަށެވެ.