ތިލަފުށީގެ ސިނާއީ ބޭނުންތަކަށް ހާއްސަކޮށްފައިވާ ސަރަހައްދުން ބިން ވިއްކުމަށް ހުޅުވާލައިފި އެވެ.

އޮންލައިންކޮށް އެޕްލައި ކުރެވޭ ގޮތަށް ހުޅުވާލާފައިވާ ބިޑް ޕޯޓަލްގައި ރަޖިސްޓްރީ ވެގެން ބިން ގަތުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އެޗްޑީސީން މިއަދު ވަނީ ހުޅުވާލާފަ އެވެ.

އެޗްޑީސީން ބުނިގޮތުގައި ވިޔަފާރީގެ އެކި އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކުމަށް ހުށަހަޅާފައިވެ އެވެ. އެގޮތުން 2،500-4،999 އަކަފޫޓުގެ 64 ޕްލޮޓް، 5،000-9،999 އަކަފޫޓުގެ 42 ޕްލޮޓާއި 10،000-14،999 އަކަފޫޓުގެ ދެ ޕްލޮޓް ބިޑަށް ހުޅަހެޅޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރިއާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުތައި ތަރައްގީކުރާ މައި މަރުކަޒެވެ. ސިނާއީ އެތައް މަސައްކަތެއް ކުރަމުންދާ އެރަށުގައި ސިމެންތި ބަންދުކުރުމާއި، ގޭސް ފުޅިތަކަށް އެޅުމާއި، އޮޑިދޯނިފަހަރު ބަނުން ފަދަ ތަފާތު އިންޑަސްޓްރިއަލް މަސައްކަތް ކުރަމުން ދެ އެވެ. އަދި ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއާ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެއާއި ރަށްތަކަށް ސަޕްލައިކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބޭނެ އެވެ.

މީގެ އިތުރުން މިހާރު ކުރިއަށް ދާ ތިލަ-މާލެ ބްރިޖް މެދުވެރިކޮށް ތިލަފުއްޓާއި މާލެ ގުޅުވާލުމުން ވިޔަފާރި މުދާ އުފުލުމުގައި ލުއިފަސޭހަވެ، މުދާ ސަޕްލައި ކުރުމަށް ހޭދަވާ ވަގުތު ކުޑަވާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ތިލަފުށްޓަކީ ވިޔަފާރިވެރިނަނަށް ފަހި ފުރުސަތުތަކެއް ގެނެސްދިނުމުގެ ބޭނުމުގައި ޒަމާނީ ފެނަވަރަށް ތަރައްގީ ކުރަމުން އަންނަ ރަށެކެވެ.

އެޗްޑީސީން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ، ސަރުކާރުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ ތަރައްގީއަށް ހިންގޭ މުހިއްމު މަޝްރޫއުތައް ހެދިފައިވާ ތާވަލުތަކާ އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް އެކަމުން ލިބެން ހުރި ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ކަމަށެވެ.