"ކަނބަލުންނެކޭ ނުކިޔާނެ" އެވެ. މިވާހަކަ ދައްކާ ދައްކާ، ވައިގައެއް ނުހިފި އެވެ. ލާ، ދުންފަތްގަނޑު ކުޑަވީމާ ކަމަށް ހިތާ ހުއްޓާ މިފަހަރު މިވާހަކަ މި އަޑުއިވުނީ ރާއްޖޭގެ ނިސްބަތުން އެނެމެ ބޮޑު "ދުންފަތްގަނޑު ލާނެ" ކަމުގައި ބެލެވޭ ބޭފުޅެއްގެ ދޫފުޅުންނެވެ. އެއީ ދިވެހި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ލިޔެކިޔަން ދަސްކޮށްދެއްވި ބޭފުޅާ އެވެ. މުޅި ރާއްޖޭގައި ހިންގެވި އަސާސީ ތައުލީމުގެ ޒަރީއާއިންނެވެ. އެ ބޭފުޅާގެ އިލްމީ ގާބިލުކަމާ، ބަހުގެ އަދަބިއްޔާތުގެ ހުނަރު ވެރިކަމާމެދު ދެބަސްވާނެ މީހަކު މަދުވާނެ އެވެ. އެއީ ދިވެހި ރާއްޖޭގައި 30 އަހަރުގެ މުއްދަތަށް ރައީސްކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

"ދިވެހި ބަހުން ވާހަކަ ދައްކާއިރު ނުވަތަ ލިޔާއިރު 'ކަނބަލުން' މިހެން ވަކިން ބޭނުމެއް ނުކުރާނެ. ކިޔާނީ 'އަނބި ކަނބަލުން، ދަރިކަނބަލުން، މިހެން. ޖުމްލަ ކޮށް އަންހެނުންނޭ ބުނަން ވެއްޖެނަމަ ބުނާނީ ހަމަ 'އަންހެނުން' މިހެން. ކަނަބަލުންނެކޭ ނުބުނާނެ،" މައުމޫން ވިދާޅުވެފައިވެ އެވެ.

މައުމޫނުގެ ނަންފުޅުގައި ސޯޝަލް މީޑިއާއަށް ދޫކުރެއްވި ލިއުންކޮޅެއްގައި ލިއުއްވާފައި އޮތެވެ. އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ ފަހަކަށް އައިސް އަންހެނުންނޭ ކިޔުމުގެ ބަދަލުގައި އަންހެނުންނަށް ނިސްބަތްކޮށް ކަނބަލުން ކިއުން އާންމު ވެފައިވާ ދުވަސްވަރެއްގަ އެވެ. މިކަން ޚާއްސަކޮށް ބޮޑަށް ވައިގައި ހިފާފައި ވަނީ ސިޔާސީ ހަރަކާތްތަކާ ގުޅޭ ބަސްމަގުގަ އެވެ.

ރައީސް މައުމޫނުގެ ވާހަކަފުޅަށް ތާއީދުކޮށް ވަރަށް ގިނަ ބަޔަކު ވާހަކަ ދެއްކި ފަދައިން އެމަނިކުފާނު ވިދާޅުވާ ކޮންމެ އެއްޗަކާ ދެކޮޅު ހަދާ ގުރޫޕުން އެވާހަކަފުޅަށް ވެސް ހަޖޫ ޖެއްސެވެ.

މައުމޫނުގެ ވާހަކަފުޅަށް އެއްބަސްވެ ވަޑައިގެން ޚިޔާލު ފާޅުކުރެއްވި ރާއްޖޭގެ ބްރޯޑްކާސްޓިންގެ ދާއިރާގައި އަގު ނުކުރެވޭފަދަ ޚިދުމަތްތަކެއް ކުރެއްވި ބަދުރުއް ނަސީރު ވިދާޅުވީ އެބޭފުޅުން ކުޑައިރުގައި ބަސްމަގު ހުރީ އެހެން ކަމަށެވެ. ނަމަވެސް ތަރައްގީގެ ވަކި ހިސާބަކުން، އަންހެނުން ކިއުން އެއީ ހުތުރު ކަމަކަށްވެ، ކަނބަލުންގެ ގޮތުގައި މުޚާތަބު ކުރެވެން ފެށީ އެވެ. އެއީ "ކަލޭ" ކިއުން ހުތުރުވީ ގޮތަށެވެ.

ބަދުރު އިތުރަށް ވިދާޅުވީ "ބަސްބަހީ މީހުން ހަދާ އެއްޗެއް ނޫން ކަމަށް ގަބޫލު ކުރިއަސް ބަސްބަހަކީ ބަދަލުވަމުންދާ އެއްޗަކަށް ވާތީ ހިމޭނުން އިނދެވެނީ ކަމުގައެވެ. ހަމަ އެފަދައިން 'އަންހެނުން'، 'ފިރިހެނުން' ހުތުރު ބަސްތަކަކަށްވާ ހިސާބަށް ވެސް ބަސް ތަރައްގީ ވެދާނެއެވެ." މިހެންނެވެ.

ބަދުރު ވިދާޅުވި ފަދައިން ފަހަކަށް އައިސް ބޭނުން ކުރަން ނުވާވަރުގެ ހުތުރު ބަސްބަސް ކަމަށް ވެފައިވާ ބަސް ބަސް ވަރަށް ގިނަ އެވެ. އޭގެ ތެރެއިން އެއް ބަހަކީ ރާއްޖެތެރެ އެވެ. ދިވެހި ބަހުގެ ހަމަތަކުގެ ތެރެއިން ރާއްޖެތެރެއާއި އަތޮޅު ތެރެއާއި ރަށުތެރެއަކީ ތަފާތު މާނަ ދޭހަވާ ތަފާތު ބަސްތަކެއް ކަމުގައި ވިޔަސް ފަހަކަށް އައިސް އަޑު އިވެނީ މާލެ ނޫން އެހެން ތަން ތަނަށް ރަށް ރަށް ނުވަތަ އަތޮޅު ތެރެ ފަދަ ބަސް ބަސް ބޭނުން ކުރާ އަޑެވެ. މިސާލަކަށް ރަށްރަށުގެ ސިއްހީ ހާލަތޭ ބުނެފިނަމަ އޭގައި މާލެއެއް ނުހިމެނެ އެވެ. އެކަމަކު މާލެ ވެސް އެއީ ރަށެކެވެ.

ބަދުރު ވިދާޅުވެފައިވާ ފަދައިން ބަސްބަހީ މީހުން ހަދާ އެއްޗެއް ނޫނެވެ. އެއީ ބަދަލު ވަމުންދާ އެއްޗެކެވެ. މީގެ 200 ވަރަކަށް އަހަރު ކުރިން ދިވެހިން ވާހަކަ ދެއްކުމުގައި ބޭނުން ކުރި ގިނަ ބަސްތައް މިއަދު އެގޮތަށް ބޭނުން ނުކޮށްފާނެ އެވެ. ބައެއް ބަސްތައް އުވި. ބައެއް ބަސްތައް އަލަށް އުފެދުމުގެ އިތުރުން، ބައެއް ބަސްތައް ބޭނުންކުރާ މާނަ ބަދަލު ވެފައިވެސް ހުރެދާނެ އެވެ. އެހެންކަމަށް ވިޔަސް ބަހުގެ ހަމަތަކާއި އުސޫލުތަކާ ޚިލާފަށް ބޭނުން ގޮތަކަށް ބަސް ބޭނުން ކުރެވިގެން ނުވާނެ އެވެ. ބަޔަކު އެކަން ކުރާނަމަ އެކަމަކަށް ހިތްވަރު ދިނުމުގެ ބަދަލުގައި އެކަމެއް އިސްލާހު ކުރެވޭތޯ ބަލަން ޖެހެ އެވެ. ރައީސް މައުމޫނު އެކުރެއްވީ އެ މަސައްކަތެވެ.

މައުމޫނު ވިދާޅުވި ފަދައިން ދިވެހި ބަހުގެ ރީތި ހަމަތަކުގައި ވާހަކަ ދައްކާއިރު ކަނބަލުން މިބަހަކީ އެބަހުގެ ކުރިޔަށް އިތުރު ބަހެއްލުމަކާ ނުލައި ބޭނުން ކުރާ ބަހެއް ނޫނެވެ. މިސާލަކީ ބޭކަނބަލުންނެވެ. މީގެ އަނެއްކޮޅަކީ ބޭކަލުންނެވެ. އަންހެނުންނަށް ކަނބަލުން ނުކިޔޭ ފަދައިން ފިރިހެނުންނަށް ކަލުންނެކޭ ވެސް ކިޔައެއް ނޫޅެ އެވެ.

ދިވެހި ބަހުގެ ވާހަކަ ދައްކައި އުޅޭ ދަރަޖައިގެ ގޮތުން ބަލާއިރު ވެސް ބޭކަނބަލުންނަކީ އެންމެ މަތީ ދަރަޖައެއް ވެސް ނޫނެވެ. އެންމެ މާތްކޮށް މުޚާތަބުކުރަން ބޭނުން ނަމަ ކިޔަން ޖެހެނީ އަންހެން ބޭފުޅުންނެވެ. އެހެން ކަމުން އިއްޒަތް ދިނުމާއި ގަދަރު އުފުލުމުގެ ނިޔަތުގައި ނަމަވެސް ކަނބަލުން ކިޔައިގެން އަންހެނުންނަށް އެވެވެނީ އިހާނަތެވެ. ގަދަރު ކުޑަކޮށްލެވެނީ އެވެ.

މިނިސްޓަރުގެ ގޮތުގައި ފިރިހެން ބޭފުޅުންނާއި ކަނބަލުން ތިބޭކަށް ނުޖެހެ އެވެ. ފިރހެނުންނަށް ވުރެ އަންހެނުންގެ ދަރަޖަ ދަށް ވެގެން ނުވާނެ އެވެ. އެހެންކަމުން ބޭނުން ކުރަން ޖެހެނީ އަންހެނުންނާއި ފިރިހެނުންނެވެ. އަންހެން ބޭކަނބަލުންނާއި ފިރިހެން ބޭކަލުންނެވެ. އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނެވެ. ރައީސް މައުމޫނު ވިދާޅުވި ފަދައިން "ކަނބަލުންނެކޭ ނުބުނާނެ"އެވެ.