ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަމުންދާ ބްރެޒިލްގެ ޓޫރިސްޓެއްގެ ދަބަހާއި، ޑްރޯނެއް ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެކަން ހިނގި ގޮތް ކިޔައިދޭ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުުރު ވަމުންނެވެ.

އެ މިހާ ބުނި ގޮތުގައި، އޭނާ ގޮނޑުދޮށުގައި ޑްރޯންއެއް އަރުވަން ހުއްޓާ ފުރާވަރުގެ ދެ ފިރިހެން ކުއްޖަކު އެ ތަނަށް ގޮސް އެ ޑްރޯންގެ އަގާ އެއްޗެހި އެހި އެވެ. ފެންނަ ފެނުމަށް އެއީ ވަރަށް ރަނގަޅު ކުދިންތަކެއް ކަމަށް އޭނާ އަށް ހީވި އެވެ.

އޭނާ ބުނީ އެ ކުދިންނާ ދެ ތިން މިނިޓެއްހާއިރު ވާހަކަ ދައްކަން ހުރުމަށް ފަހު، ޑްރޯން ތިރިކޮށްފައި އޭނާ މޫދަށް އެރުނީ ކަމަށެވެ. މޫދަށް އެރުނީ އޭނާގެ ޑްރޯން އާއި ދެ ދަބަސް އޭނާ ދުއްވަން ގެންގުޅުނު ސައިކަލުގެ ކައިރީގައި ބަހައްޓާފައި ކަމަށް ބުންޏެވެ.

"މޫދަށް އެރުނީ ސައިކަލު ހަމަ ފެންނަ ހިސާބަށް. އެ ގަޑީގައި އެކަކު ވެސް ނާދެ. ފަހަރެއްގައި އެ ކުދިން ތިބީ ވަލުތެރޭ ފިލާ. ދެން އިރުކޮޅަކުން ފެންނަނީ އެ ކުދިން މަޑުމަޑުން އަންނަ ތަން. އައިސްފައި ދަބަސް ނަގާ ތަން. އެކަމަކު ޑްރޯން އާއި އޭގެ ކޮންޓްރޯލް އޮންނަނީ އެތާ ކައިރީގައި އަހަރެންގެ ތުވާލި ތެރޭގައި ބާއްވައިފައި،" އޭނާ ބުންޏެވެ.

"އަހަރެންގެ ދެ ދަބަސް އޮންނާނެ. އެއް ދަބަސް އެއީ ޑްރޯން ލާން ގެންގުޅޭ ކަޅުކުލައިގެ ދަބަހެއް. އަނެއް ދަބަހަކީ އުނަގަނޑުގައި އަޅުވާ ދަބަހެއް. އޭގެ ތެރޭގައި އަހަރެންގެ ވޮލެޓް އޮންނާނީ." "އަހަރެންގެ ހުރިހާ އެއްޗެއް ގެއްލިއްޖެ."

އެ ކުދިން ފޭރުނީ އުނަގަނޑުގައި އަޅުވާ ދަބަހެވެ.

ދަބަސް ތެރޭގައި ފޯނަކާއި، ވޮލެޓެއްގެ އިތުރުން މުހިއްމު ލިޔެކިޔުންތަކެއް ހުންނާނެ ކަމަށް އެ ޓޫރިސްޓު މީހާ ބުނެ އެވެ. އަދި ވޮލެޓުގައި 200 ޑޮލަރާއި 1،500 ރުފިޔާ އަދި ކްރެޑިޓް ކާޑުތަކެއް ހުންނާނެ ކަމަށް ވެސް އެ މީހާ ބުނެ އެވެ.

ގެއްލުން ތަކެތި އަނބުރާ ދިނުމަށް އޭނާ ވަނީ އެދިފަ އެވެ. އެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ވެސް މިހާރު އައިޑެންޓިފައި ކޮށްފައިވާ ކަމަށެވެ.