ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް)އަށް ތިލަފުށީގައި ކޮންޓެއިނާ ޓާމިނަލް ބަނދަރު ހިންގަން ދޭން މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއީ އިގްތިސާދީ ގޮތުން ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަދެއްކެވި ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ އިބްރާހީމް މުހައްމަދު ނިސާން ވިދާޅުވީ ތިލަފުށިން ބިން ވިއްކަން މިދިޔަ ބުދަ ދުވަހު ހުޅުވާލީ ދުބާއީ ވޯލްޑަށް ތިލަފުށީ ޕޯޓު ދޭން ކަމަށެވެ.

އެ ވާހަކައާ ގުޅިގެން އޯޑިއަންސްގައި އިންނެވި ރައީސް ޔާމީން ވިދާޅުވީ ބޮޑެތި ބޯޓުތައް ރާއްޖެ ހުރަސްކޮށް ނޫނީ ދަތުރު ނުކުރާނެ ކަމަށެވެ. އަދި، އެ މަނިކުފާނުގެ ވެރިކަމުގައި އެމިރޭޓްސްއަށް ކުރެއްވި ދެ ރަސްމީ ދަތުރުފުޅުގައި ވެސް ދުބާއީ ޕޯޓް ވޯލްޑަށް ތިލަފުށީ ޕޯޓު ދިނުމަށް އެދުނުކަން ފާހަގަކުރެއްވި އެވެ.

"ކިރިޔާ ވެސް އިގުތިސޯދީ ވިސްނުމެއް، ފައިސާގެ ވިސްނުމެއް ހުންނަ މީހަކަށް ވިއްޔާ އެނގޭނެ ދިވެހިރާއްޖެ ކަހަލަ ވަށައިގެން ކަނޑު އޮންނަ ގައުމަކަށް އަދި އިރުން ހުޅަނގުން އަދި ހުޅަނގުން އިރަށް ދަތުރު ކުރާ ހުރިހާ ވިޔަފާރި މުދަލެއް މި ދަނީ ދިވެހިރާއްޖޭގެ ދެ ޗެނަލް މެދުވެރިކޮށް[ކަން]. އުތުރުގައި އިހަވަންދިޕޮޅު ޗެނަލް އަދި ދެކުނުގަ އައްޑު އަތޮޅުގައި މި އޮންނަ ޗެނަލް. އެހެންވީމަ ރާއްޖެ ހުރަސްކޮށްފައި ނޫނީ ބޯޓުތަކެއް ނުދާނެ،" ޔާމީން ވިދާޅުވި އެވެ. "އެ ޕޯޓު އެއޮތީ ނުދީފައި. ސަބަބަކީ އަޅުގަނޑުމެން ހިސާބު ހެދިއިރު މާލޭގައި ކޮންޓެއިނާ ޓާމިނަލެއް ހެދުމަށް އޭރު ބޭނުންވާ ވަސީލަތުން އަށްޑިހަ ވަރަކަށް ޑޮލަރުން އެކަން ކުރެވޭ. އެއީ ފަށައިގަތުން."

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އަތުގައި އެ ޕޯޓު އޮންނަން ޖެހޭ ދެ ސަބަބެއް އެބަ އޮތް ކަމަށެވެ. އެގޮތުން، ދުބާއީ ޕޯޓް ވޯލްޑަށް 50 ނުވަތަ 100 އަހަރަށް ޕޯޓު ކުއްޔަށް ދޭއިރު، އޭގެން މާބޮޑު އެއްޗެއް ރާއްޖެއަށް ނުލިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ކާގޯ ބޯޓުތަކުގެ ދަތުރުތަކުގެ ގާތްގަނޑަކަށް 60 ޕަސެންޓް ރާއްޖެ ހުރަސްކޮށް ދަތުރުކުރާއިރު އެއީ ވަރަށް ބޮޑު އިގުތިސޯދީ މަންފާއެއް ރާއްޖެ އަށް ހޯދެން އޮތް ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ވެރިކަމުގައި ވެސް ދުބާއީ ވޯލްޑުން ތިލަފުށީ ޕޯޓް ހޯދަން ހުށަހެޅި ކަމަށާއި ނަމަވެސް، އެކަމަށް އިންކާރު ކުރީ އެ ޕޯޓް އެޅުމަކީ ދިވެހިންނަށް ކުރެވޭނެ ވަރު ކަމަކަށްވެފައި، އެހެން ބަޔަކަށް އެ ތަން ދީފި ނަމަ، ރާއްޖެ އަށް ލިބެން އޮތް މަންފާއެއް ގެއްލޭނެތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެ ބޭފުޅުންގެ ރަސްމީ ބޭފުޅުން އަޅުގަނޑާ ދެ ފަހަރަށް ވާހަކަ ދެއްކި ދުބާއީ ވޯލްޑަށް އަޅުގަނޑުމެންގެ ތިލަފުށި މާލެ ޕޯޓް ދޭން. ދެ ފަހަރު މަތިން ވާހަކަ ދެއްކި ދުބާއީ ވޯލްޑްގައި އެންމެ އިސްކޮށް އުޅުނު މީހާ ދެ ފަހަރަށް މާލެ ވަޑައިގެންނެވި. އެ ޕޯޓް އެ އޮތީ ނުދީފައި،" ޔާމީން ވިދާޅުވި އެވެ.

"ސަބަބަކަށް ވަނީ އޭރު އަޅުގަނޑުމެން ހިސާބު ހެދިއިރު މާލޭގައި ކޮންޓެއިނާ ޓާމިނަލެއް ހެދުމަށްޓަކައި އޭރުގެ ވަސީލަތްތަކާ އެކު ގާތްގަނޑަށް 80 މިލިއަން ޑޮލަރު އަދި މިހާރަށް ބަލާނަމަ 200 މިލިއަނެއްކާ ޑޮލަރުން އެކަން ކުރެވޭ. އެއީ ފަށައިގަތުން."

"އެކަމަކު މި ދެންނެވި ހުރިހާ ބޯޓުފަހަރެއް ތްރޫފުޓް މެދުވެރިކޮށް ދާކަމަށް ވަންޏާ މިއީ ރަން ވަޅެއް،" ރައީސް ޔާމީންގެ ޒާމަތުގައި އެކަން ނުކުރީ މިއީ ރާއްޖެއަށް ކުރެވޭވަރުގެ ކަމަކަށް ވުމުން ކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވި އެވެ.

ދެވަނަ ސަބަބެއްގެ ގޮތުގައި ޔާމީން ވިދާޅުވީ، ރާއްޖޭގައި ދުބާއީ ވޯލްޑުން ހަދާ ޕޯޓެއް ދުވަހަކު ވެސް އިންޓަނޭޝަނަލް ޕޯޓަކަަށް ނުވާނެ ކަމަށެވެ. އެއީ، ކޮޗިންގައި ދުބާއީ ވޯލްޑުން މިއަށްވުރެ ބޮޑު ޕޯޓެއް ގާއިމްކޮށްފައިވާތީ ކަމަށާއި، ރާއްޖޭގެ ޕޯޓު ވާނީ އެ ތަނުގެ ސެޓެލައިޓަކަަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެހެންކަމުން ދުވަހަކު ވެސް ދުބާއިގައި ހަދާފައިވާ ފަދަ ފްރީ ޒޯނެއް ރާއްޖޭގައި ނުހަދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ރާއްޖެއިން އަމިއްލައަށް ޕޯޓެއް ގާއިމުކޮށްފިނަމަ ރާއްޖޭގެ ޕޯޓު ވާނީ ކޮޗިންގެ ޕޯޓާ ވާދަކުރާ ޕޯޓަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއީ ދުބާއީ ވޯލްޑުން ރާއްޖޭގައި ޕޯޓު ގާއިމްކުރަން ބޭނުންވާ ސަބަބެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން މިފަދަ ކަންކަން ކުރާއިރު، ވަރަށް ރަނގަޅަށް ވިސްނައި ގޮތް ނިންމުން އެދޭ ކަމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.

ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލާފައިވަނީ، މިދިޔަ ބުދަ ދުވަހެވެ. މިކަމާ ގުޅިގެން އެޗްޑީސީން ބުނީ، ވިޔަފާރީގެ އެކިއެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން 2،500-4،999 އަކަފޫޓުގެ 64 ޕްލޮޓް، 5،000-9،999 އަކަފޫޓުގެ 42 ޕްލޮޓާއި 10،000-14،999 އަކަފޫޓުގެ ދެ ޕްލޮޓަށް އެދި ބިޑު ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.