ސޯނަލް ކަޕޫރު އަހޫޖާ ލީޑު ރޯލުން ފެނިގެންދާ އެކްޝަން ފިލްމު "ބްލައިންޑް"ގެ ޝޫޓިން ނިންމާލައިފި އެވެ.

ޝޯމީ މަކީޖާ ޑައިރެކްޓްކުރާ މި ފިލްމު އެއްކޮށް ޝޫޓުކޮށްފައި ވަނީ ސްކޮޓްލޭންޑްގެ ގްލާސްގޯގައި، 39 ދުވަހުގެ ތެރޭގަ އެވެ.

ފިނި މޫސުމަށް ބެލުމެއް ނެތި މި ފިލްމުގެ ޓީމުން ވަނީ ގަދަ ހިތްވަރާއި އެ މީހުންގެ އެންމެ ފުރިހަމަ މަސައްކަތް ދައްކުވައިދީފަ އެވެ. އަދި ޕެންޑެމިކްގެ ތެރޭގައި ލޮކްޑައުންއާއެކު އަޅާފައިވާ އެހެނިހެން ފިޔަވަޅުތަކާއެކު ވެސް، ފިލްމުގެ ކްރޫއިން ވަނީ ރައްކާތެރިކަމާއެކު، ތާވަލާ އެއްގޮތަށް ފިލްމުގެ މަސައްކަތް ނިންމާލާފަ އެވެ.

ފިލްމު އުފެއްދި ފަރާތުން ވަނީ މިއީ ބެލުންތެރިން ވަރަށް ޝައުގުވެރިވާނެ ފިލްމަކަށް ވާނެކަމުގެ ޔަގީންކަން ދީފަ އެވެ.

މިއީ އެކްޝަން ފިލްމަކުން ސޯނަމް ފެނިގެންދާ ފުރަތަމަ ފިލްމު ކަމުން ބެލުންތެރިން މި ފިލްމަށް ކުރާ އުންމީދު ބޮޑެވެ. މި ފިލްމުގައި ދައްކުވައިދެނީ ލޮލަށް ނުފެންނަ ޕޮލިސް އޮފިސަރަކު ސީރިއަލް ކިލާއެއް ހައްޔަރު ކުރުމަށް ކުރާ މަސައްކަތެވެ.

މިފިލްމް ސްކްރީނަށް އަންނާނެ ތާރީހެއް އަދި އިއުލާނުކޮށްފައި ނުވި ނަމަވެސް ބެލެވޭ ގޮތުގައި މިއަހަރު ފަހުކޮޅު ސިނަމާތަކުގައި ފިލްމު އަޅުވާނެ އެވެ.