ލޯބީގެ ތަފާތު، ފުން އަސަރުތަކެއް ހިމެނޭ ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ސީރީޒް "ޝަރުތު"ގެ ފުރަތަމަ ހަ އެޕިސޯޑު މިހާރު މީޑިއާނެޓުގެ ވީޑިއޯ ކްލަބް މެދުވެރިކޮށް ޓީވީ އަދި މޯބައިލް ޑިވައިސްތައް މެދުވެރިކޮށް ބަލާލެވޭނެ އެވެ. މިއީ އެމްއެސް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ.
މި ސީރީޒްގައި ޖުމްލަ 15 އެޕިސޯޑު ހިމެނެ އެވެ. "ޝަރުތު" ސީރީޒްގައި ފެނިގެންދާނީ މައި ކެރެކްޓަ ދާނިސް އޭނާގެ ބައްޕަގެ އެދުމުގެ މަތިން ހިތާއި ދެކޮޅަށް އޭނަ ލޯބިވާ އަންހެން ކުއްޖާ ޒޯޔާގެ ބެސްޓްފްރެންޑް ތާރާ އާއި މަޖުބޫރުން ކައިވެނި ކުރުމަށްފަހު ދިމާވާ އެކިއެކި ހާދިސާތަކެވެ. ކައިވެންޏަށްފަހު ދާނިސް އާއި ގާތްވުމަށް ތާރާ ކުރާ މަސައްކަތާއި އެކަމުން ރެކެން ދާނިސްކުރާ މަސައްކަތް މި ސީރީޒްގައި ފެނިގެންދާނެ އެވެ. އަދި ދާނިސް އާއި ޒޯޔާގެ ލޯބީގެ ގުޅުމަށް ކައިވެންޏާއި ހެދި ބުރޫއަރައި ދިމާވާ އެކި އެކި ކަންކަން ވެސް މި ސީރީޒްއިން ފެނިގެންދާނެ އެވެ.
މި ސީރީޒްގެ މައި ރޯލުތަކުން ފެނިގެންދާ ތަރިން ތެރޭގައި ތާރާގެ ރޯލުން ފެނިގެންދާ ދިވެހިންގެ ތެރޭގައި މަގްބޫލު ތަރި އައިޝަތު ލަހުފާ (ލާކް) ފާހަގަކުރެވެ އެވެ. މީގެ އިތުރުން ފިލްމީ އިންޑަސްޓްރީގައި ހަރުފަތްތައް ގިރާކުރަމުން އަންނަ ތަރިން ކަމުގައިވާ ޝާފިއު މުޙައްމަދު (ޝާފީ) އަދި ޝަހީދާ މުޙައްމަދު (ޑޯރާ) މި ސީރީޒްގެ އިސް ރޯލުތަކުން ފެނިގެންދާނެ އެވެ. މި ސީރީޒްގެ ޝޫޓިންގް ކުރިއަށް ގޮސްފައިވަނީ ޅ. އަތޮޅުގެ ހިތްގައިމު ކުރެންދޫގަ އެވެ.
މި ސީރީޒް ޑައިރެކްޓް ކޮށްފައިވަނީ މީގެ ކުރިން ވެސް މަގްބޫލު ސީރީޒްތަކެއް ދިވެހިންނާއި ހަމައަށް ގެނެސްދީފައިވާ ހުނަރުވެރި ފަރާތެއް ކަމަށްވާ މުހައްމަދު އަބޫބަކުރު (މާއެނބޫ) އެވެ. މާއެނބޫގެ ޑައިރެކްޝަނެއް ކަމަށްވާ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ތައްޔާރުކުރި ސީރީޒް "ހިތް ކަލާޔަށް އެދޭތީ" އަކީ ވީޑިއޯ ކްލަބް ޚިދުމަތުގެ އެންމެ މަގްބޫލު އެންމެ ގިނަބަޔަކު ބެލި ސީރީޒްތަކުގެ ލިސްޓުގެ ގަދަ ފަހެއްގައި ހިމެނޭ ސީރީޒްއެއްކަން ފާހަގަކުރެވެ އެވެ.
މިދިޔަ ފެބްރުއަރީ 14 ވަނަ ދުވަހު ވީޑިއޯ ކްލަބުން ވަނީ އެ ޚިދުމަތުގެ ތިންވަނަ އަހަރީ ދުވަސް ފާހަގަކޮށްފަ އެވެ. މިގޮތުން އަހަރީ ދުވަހާ ދިމާކޮށް ވީޑިއޯ ކްލަބުން ވަނީ މިފަހުން ސިނަމާގައި ރިލީޒްކުރި އެންމެ މަގްބޫލު އެއް ފިލްމު ކަމަށްވާ "ނޮވެމްބަރ" ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފަ އެވެ.
ވީޑިއޯ ކްލަބުން އަންނަނީ އެމް އޮރިޖިނަލްސް ބެނާގެ ދަށުން ދިވެހި އަމިއްލަ އުފެއްދުންތަކަށް ހާއްސަ އިސްކަމެއް ދީގެން، ދިވެހިންނާ ހަމައަށް ދިވެހިންގެ ރަހަތަކާއި ގުޅޭ، މުނިފޫހިފިލުވަނިވި ފިލްމާއި ސީރީޒް ގެނެސްދެމުންނެވެ.