ބޮލީވުޑްގެ ޒުވާން ތަރި ތާޕްސީ ޕަންނޫއާއި އޭނާގެ ލޯބިވެރިޔާ މެތިއަސް ބޯސް އުދައިޕޫރުގައި ސިއްރުން ކައިވެނި ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

މިކަން ރަސްމީކޮށް ތާޕްސީގެ ފަރާތުން ޔަގީންކޮށް ދީފައި ނުވި ނަމަވެސް އެންމެ ފަހުން އާއްމުކޮށް ތާޕްސީ ފެނުނުއިރު އޭނާ ހުރީ އިންޑިއާގައި ކައިވެނި ކޮށްގެން އުޅޭ އަންހެނުން ޖަހާ "ސިންދޫރު" ނިއްކުރީގައި ޖަހައިގެންނެވެ.

ތާޕްސީއާއި މެތިއަސް ކައިވެނި ކޮށްފައިވަނީ ނުވަ އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މިދިޔަ ހަފްތާގެ ތެރޭގައި ކަމަށް ބުނެވެ އެވެ.

ބޮލީވުޑްގެ އެހެން ތަރިންނާ ހިފާފަށް ތާޕްސީގެ ޒާތީ ހަޔާތުގެ ވާހަކަތައް މީޑިއާގައި މާ ގިނައިން ނުދެވޭއިރު ތާޕްސީ ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަ ވެސް ދައްކާފަ އެވެ.

އެގޮތުން ތާޕްސީ ބުނީ އެންމެން ވެސް އުޅެނީ އެކްޓަރުންނާއި ކްރިކެޓް ކުޅުންތެރިންގެ ފަހަތުން ކަމަށާއި އޭނާގެ ލޯބިވެރިޔާއާ ބެހޭ ގޮތުން މައުލޫމާތު ހޯދަން މީޑިއާއިން އެހާވަރުން ނޫޅޭ ކަަމަށެވެ.

ތާޕްސީ އިޝާރާތް ކޮށްފައިވަނީ މި ފަހަކަށް އައިސް ބޮލީވުޑްގެ ތެރެއިން ކުރިއަށް ދިޔަ ބައެއް މަޝްހޫރު ކައިވެނިތަކަށެވެ. އޭގެ ތެރޭގައި އަނުޝްކާ- ވިރާޓް، ރަންބީރު - އާލިއާ ފަދަ ތަރިން ހިމެެނެ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ތާޕްސީ އެންމެ ފަހުން ފެނުނީ ޝާހްރުކް ޚާންއާއެކު ރާޖް ކުމާރު ހިރާނީގެ ފިލްމު "ޑަންކީ"އިންނެވެ.