ވެކްސިންއާއެކު ވެސް ކޮވިޑް އަހަރެމެންގެ ތެރޭގައި ދާއިމަށް އުޅެން ފަށާފާނެކަމުގެ އިންޒާރު ޑޮކްޓަރުންނާއި ސިއްހީ މާހިރުންދަނީ ދެމުންނެވެ.

ކޮރޯނާ ވައިރަސް އަހަރެމެންގެ ތެރެއިން ފިލާ ނުގޮސްފާނެ ކަމަށް ވައިޓްހައުސްގެ ކޮރޯނާ ވައިރަސް އެޑްވައިޒަރު އެންތަނީ ފައުޗީ އާއި މޮޑާނާގެ ސީއީއޯ ސްޓީވެން ބަންސެލް އަދި ޑަބްލިއުއެޗްއޯގެ ހެލްތް އިމަޖެންސީ ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މައިކް ރަޔާން ވިދާޅުވި އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެގެ ނިޔަލަށް މުޅި ދުނިޔޭން 107 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވެ އެވެ. އަދި 2.36 މިލިއަން މީހުން ކޮވިޑް ޖެހިގެން މަރުވެފައިވެ އެވެ.

މިވައިރަސް ކުރިއަށް އޮތްތާގައި އާންމުކޮށް އުޅޭ ބައްޔަކަށް ނުވަތަ އެންޑެމިކްއަކަށް ބަދަލުވެގެންދާނެ ކަމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންގެ އިންފެޝިއަސް ޑިސީސް އެޕިޑެމޮލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ ޑޭވިޑް ހޭމަން ވެސް ވިދާޅުވި އެވެ.

މިކަން ހޭމަން ވަނީ ތިންކްޓޭންކެއް ކަމަށްވާ ޗަތަމް ހައުސްއިން މިހަފްތާގައި ބޭއްވި ވެބިނާއެއްގައި ވެސް ފާހަގަކޮށްފަ އެވެ.

"އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ގިނަ އެޕިޑެމޮލޮޖިސްޓުންނާއި ސިއްހީ ހިދުމަތްތެރިންނާއި ވާހަކަދައްކައިފިއްޔާ އެ މީހުން ބުނާނީ ކުރިއަށް އޮތްތަނުގައި މިބަލިމަޑުކަން އެންޑެމިކްއަކަށް ބަދަލުވެގެންދާނެ ކަމަށް. އެއީ ކުރު މުއްދަތަކަށް އަދި ދިގުމުއްދަތަށް ވެސްމެ،" ހޭމަން ވިދާޅުވި އެވެ.

ހޭމަން އަކީ 2002-2003 ވަނައަހަރުގެ ސާސް އެންޑެމިކްގައި ޔޫއެން އެޖެންސީގެ އިންފެެކްޝިއަން ޑިޒީޒް ޔުނިޓްގެ ހިންގުމާ ހަވާލުވެ ހުންނެވި ބޭފުޅާ އެވެ. އަދި މިހާރު ޑަބްލިއުއެޗްއޯގެ ސްޓްރެޓިޖިކް އެންޑް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޗެއާމަން އެވެ.

ހޭމަން ވިދާޅުވާ ގޮތުން އަދި ވައިރަހުގެ ކުރިމަގު އޮތްގޮތެއް ނޭނގެ އެވެ. ސަބަބަކީ އެއީ އަދި ނެނގޭ އެތައް ބައިވަރު ކަންކަމަކަށް ބަރޯސާވާ ކަމަށްވުމެވެ.

މުއްސަނދި ގައުމުތަކުން ކޮވިޑް ވެކްސިން ފޯރުކޮށްދޭން ފެށިތާ ދެމަހެއްހާ ދުވަސް ވާންކައިރިވެފައިވާ އިރު އާބާދީގެ ބޮޑުބަޔަށް ވެކެސިން ދެވެން އަދި ދުވަސް ނަގާނެ އެވެ. ނަމަވެސް ބައެއް ފަގީރު ގައުމުތަކަށް އެ ގައުމުގެ މީހުން ވައިރަހުން ދިފާއުކުރުމަށް އެންމެ ޑޯޒެއްގެ ވެކްސިން ވެސް ލިބިފައެއް ނުވެ އެވެ.

އިކޮނޮމިސްޓް އިންޓެލިޖެންސް ޔުނިޓުން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނާގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަންނަ އަހަރުގެ މެދެއްހާތަނުގައި އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދެވޭނެ އެވެ. ނަމަވެސް، މެދުފަންތީގެ ގައުމުތަކަށް މިއަދަދު ހަމަކުރެވޭނީ 2023 ވަނަ އަހަރު އަދި އިގްތިސާދީގޮތުން ދަށްފަންތީގެ ގައުމުތަކަށް މިއަދަދާ ހަމަޔަށް ވާސިލްވެވޭނީ 2024 ވަނަ އަހަރުގައި ކަމަށް މި ރިޕޯޓުގައިވެ އެވެ.

މިރިޕޯޓުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ކޮވިޑްގެ ހާލަތު ކޮންޓްރޯލްކުރުމަށް ދިމާވެފައިވާ ދަތިތައް ފާހަގަކޮށްފައިވެ އެވެ.

"ކޮވިޑް19 އަކީ އާންމުކޮށް ވެސް އިންސާނުންގެ ތެރޭގައި އުޅޭ ބައްޔެއް ފަދަ މަލިމަޑުކަމެއް. ސައިންޓިފިކް ހަގީގަތަކީ ދުނިޔޭގެ އެތައް ބަޔަކަށް މިބަލި ޖެހިފައިވާތީ، މިވައިރަސް މިއުޓޭޓްވަމުންދާނެކަން،" އިނގިރޭސިވިލާތުގެ ސައިޓިފިކް އެޑްވައިޒަރީ ގްރޫޕް ފޯރ އިމަޖެންސީސް ގެ މެމްބަރު އަދި ވެލްކަމްގެ ގެ ޑިރެކްޓަރު ޑރ. ޖެރެމީ ފަރާރް ވިދާޅުވި އެވެ.

"މިވައިރަސްއާއެކު ދިރުއުޅުމުގެ މާނައަކީ ވައިރަސް ކޮންޓްރޯލް ކުރުރެވޭނެއެކޭ ނޫން. 2020 ވަނަ އަހަރުން އިބުރަތް ހާސިލްކޮށް އަވަހަށް އަމަލުކުރަންވީ. ކޮންމެ ދުވަހަކީވެސް މުހިންމު ދުވަހެއް،" ފަރާރް އިތުރަށް ވިދާޅުވި އެވެ.