ބަރުދަން ލުއި ކުރުމަށް ކުރާ މަސައްކަތަށް ޑިޓޮކްސް ބުއިންތައް ވަރެއް ނެތެވެ. ބަރުދަން ލުއި ކުރުމުގެ އިތުރަށް މިއީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ސާފުކޮށް މެޓަބޮލިޒަމް އަވަސްކޮށް އަދި ގޭސްޓްރިކް މައްސަލަ ދިމާވުމުން ވެސް ދުރުކޮށްދޭ ބުއިމެކެވެ.

މި ހިމަނާލަނީ ގޭގައި ވެސް ތައްޔާރުކުރެވިދާނެ ޑިޓޮކްސް ބުއިންތަކެވެ.

ގްރީން ޓީ އާއި ލުނބޯ

ފޮޓޯ: ޕިންޓަރެސްޓް

މި ޑިޓޮކްސް ތައްޔާރުކޮށްލުމަށްޓަކައި ގްރީން ޓީ ތައްޓެއް ހެދުމަށް ފަހު ހޫނުކޮށް ހުއްޓާ އެއަށް ލުނބޯއެއްގެ ހަތަރުބައި ކުޅަ އެއްބައި ފިތާލާށެވެ. އެއަށް ފަހު އެ ހޫނު ކަން މަތީ ބޯލާށެވެ.

މާމުއި، ލުނބޯ، އިނގުރު

ފޮޓޯ: ޕިންޓަރެސްޓް

ހޫނު ފެންތައްޓަކަށް ލުނބޯ، އިނގުރު އަދި މާމުއި އަޅާލުމުން މި ޑިޓޮކްސް ބުއިން ތައްޔާރުކޮށްލެވުނީ އެވެ. މާމުއި އަކީ ޒަމާނުއްސުރެ ބަރުދަން ލުއި ކުރުމުގެ އިތުރުން ތަފާތު ބަލިތަކަށް ބޭސްކުރުމަށް ވެސް ބެނުންކުރެވޭ އެއްޗެކެވެ.

ލުނބޯ އާއި ކިއުކަމްބާ ޑިޓޮކްސް

ފޮޓޯ: ޕިންޓަރެސްޓް

މި ޑިޓޮކްސް ބުއިން ތައްޔާރުކޮށްލުމަށްޓަކައި ފޮތި ފޮއްޗަށް ލުނބޯ އާއި ކިއުކަމްބާ ކޮށާލާށެވެ. އެއަށް ފަހު ޖަގަކަށް އެޅުމަށް ފަހު އޭގެ ތެރެއަށް މިންޓް ފަތް ކޮޅަކާއި ކުޑަ ލޮނު ކޮޅެއް އަޅާލާށެވެ. ފެން އަޅައިގެން މި ޑިޓޮކްސް ބުއިން ދުވާލުގެ އެކި ވަގުތު ތަކުގައި ބޮމުން ގެންދާށެވެ.

ކިއުނކަމްބާ އަކީ ލޯ ކެލޮރީ ހުންނަ އަދި ގިނަ އަދަދަކަށް ފެން އެކުލެވޭ އެއްޗެކެވެ.

ޕައިންއެޕަލް ލެމަނޭޑް

ފޮޓޯ: ޕިންޓަރެސްޓް

އަލަނާސި ފޮތި ފޮއްޗަށް ކޮށާލުމަށްފަހު ބްލެންޑަރަށް އަޅާލާށެވެ. އެއަށް ފަހު އެ ޖޫސް ތައްޓަކަށް އެޅުމަށް ފަހު އެއަށް ލުނބޯ ހުތް ކޮޅަކާއި މޭޕަލް ސިރަޕް، ކެއިން ޕެޕާ އަދި ކުޑަ ލޮނު ކޮޅެއް އަޅައިގެން ގިރާލާށެވެ. އެހިސާބުން ޕައިންއެޕަލް ލެމަނޭޑް ތައްޔާރުވީ އެވެ.

ދިރާސާތަކުން ދައްކާގޮތުން އަލަނާސިއަކީ ފެޓީ އެސިޑްތައް އޮކްސިޑައިޒްކުރުމަށް އެހީވެދޭ އެއްޗެކެވެ. އޭގެ ސަބަބުން ބަރުދަން ލުއިވެ މާ ބޮޑަށް ފަލަވުމުން ދުރުކޮށްދޭނެ އެވެ.

އޮރެންޖާއި ކެރެޓް ޖޫސް

ފޮޓޯ: ޕިންޓަރެސްޓް

މި ބުއިން ތައްޔާރުކޮށްލުމަށްޓަކައި އޮރެންޖާއި ކެރެޓް އެއްކޮށް ގިރާލުމަށްފަހު އޭގެ ތެރެއަށް މާމުއި ކޮޅަކާއި ކޮރިއެންޑާ ފަތްކޮޅެއް އަޅާލާށެވެ. ފެން އަޅާ ރަނގަޅަށް ގިރާލައިގެން ބޯލާށެވެ.

ކެރެޓަކީ ބީޓާ-ކެރޮޓީން އާއި ފައިބާ އެކުލެވޭ އެއްޗެކެވެ. ފައިބާ ގިނައިން އެކުލެވޭ ކާއެއްޗެހި ކެއުމުން އަވަސް އަވަހަށް ބަނޑުހައިވުމުން ދުރުކޮށްދެ އެވެ.

ބީޓްރޫޓާއި މިންޓް ޖޫސް

ފޮޓޯ: ޕިންޓަރެސްޓް

ބީޓްރޫޓް ބްލެންޑަރަށް އަޅާ ގިރާލުމަށް ފަހު މިންޓް ފަތް ކޮޅަކާއި ލޮނު ކޮޅެއް އަޅާލުމުން މު ބުއިން ތައްޔާރުކުރެވުނީ އެވެ.

ބީޓްރޫޓަކީ ވެސް ގިނަ އަދަދަކަށް ފައިބާ އެކުލެވޭ އެއްޗެކެވެ.

ޑިޓޮކްސް ބުއިންތަކުން އަސްލު ވެސް ބަރުދަން ލުއިވޭ ތަ؟

ބައެއް ޑިޓޮކްސް ބުއިންތަކަކީ -މިސާލަކަށް ލުނބޯ ޑިޓޮކްސް ޑައިޓް- އިން ވަނީ ބަރުދަން ލުއި ކުރުމުގައި ނަތީޖާ ދައްކާފަ އެވެ. އެހެން ނަމަވެސް އެންމެނަށް ޑިޓޮކްސް ބުއިންތަކުން އަސަރުކުރާނެއޭ ބުނެވޭ ވަރަށް އަދި މައުލޫމާތު އެއްކުރެވިފައެއް ނެތެވެ.

ކެލޮރީ ކާ ވަރު މަދުކޮށް ބޮޑަށް ފެން އެކުލެވޭ އެއްޗެހި ކެއުމަކީ އަވަހަށް ބަރުދަން ލުއިކޮށްދޭ ކަމެކެވެ. އެހެން ނަމަވެސް މިއީ ވަގުތީ ކަމެކެވެ. ނުވަތަ "ވޯޓަރ ވެއިޓް ލޮސް" އެކެވެ. "ފެޓް ލޮސް" އެއް ނޫނެވެ. ހަށިގަނޑުގައި ހުންނަ ކޮންމެ ގްލައިކޮޖެން ގްރާމްގައި މަދުވެގެން ތިން ގްރާމް ފެން ރައްކާކުރެވިފައި ހުރެ އެވެ. ގިނައިން ފެން ބުއިމުން މި ގްލައިކޮޖެންތައް ހަކަތައަށް ބަދަލުވެ އެވެ.

ޑިޓޮކްސް ފެން ބޯންވީ ކޮންއިރަކު؟

ޑިޓޮކްސް ބުއިންތަކަކީ ކެއުމުގެ ބަދަލުގައި ބޯ އެއްޗެއް ނޫނެވެ. އޭގެބަދަލުގައި ހެނދުނު ހޭލާގޮތަށް ހާބަނޑާ ހުރެ ބުއިމުން ހަށިގަނޑުގެ ހައިޑްރޭޝަން ލެވެލް ދަމަހައްޓައިދީ މެޓަބޮލިޒަމް ބޫސްޓްކޮށްދެ އެވެ.

މީގެ އިތުރުން ކެއުމުގެ ވަގުތުތަކުގެ ދެމެދުގައި ވެސް ޑިޓޮކްސް ފެން ބުއިން ރަނގަޅެވެ.

ބަރުދަން ލުއިކުރަން ބޭނުންވާ ނަމަ އެންމެ ރަނގަޅުގޮތަކީ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް ސިއްހަތަށް ފައިދާހުރި އާދަތައް މީހާގެ ގައިގައި އަށަގެންނެވުމެވެ.

ޑިޓޮކްސް ބުއިންތަކުން ހަށިގަނޑަށް ބޭނުންވާ އިތުރު ހައިޑްރޭޝަންއާއި ނަރިޝްމެންޓް ލިބޭނެ އެވެ. ނަމަވެސް ބަރުދަން ލުއި ކުރުމަށްޓަކައި ހަމައެކަނި ޑިޓޮކްސް ބުއިންތަކަށް ބަރޯސާވުމަކީ ރަނގަޅުގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ހެނދުނު ހޭލަގޮތަށާއި ކެއުމުގެ ކުރިން ނުވަތަ ފަހުން ޑިޓޮކްސް ބުއިމެއް ބުއިން، ސިއްހަތު ރަނގަޅު ކަނާ ކެއުން، ކަސްރަތުކުރުން އަދި ހަމަ ނިދި ހޯދުމަކީ ސިއްހަތަށް ގެއްލުން ނުވާނެ ހެން ބަރުދަން ލުއިކުރުމަށް ކުރެވިދާނެ ކަންތަކެވެ.