އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭނެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު ކަން ކުރެއްވި ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ބަލަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ހިޔާނާތާ ގުޅިގެން މާދަމާ މެންދުރު ފަހު 15:00 ގައި ފައްޔާޒް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށިފައިވާ ކަމަށެވެ. އާރުޑީސީން ހިޔާނާތެއް ވެއްޖެ ކަމަށް ބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ." ފައްޔާޒް ވިދާޅުވި އެވެ.

ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ސޯލިހުގެ ސަރުކާރުގައި އުފެއްދި އާރުޑީސީގެ ހިޔާނާތުގެ މައްސަލާގައި 14 މިލިއަން ރުފިޔާ ހިމެނޭ ކަމަށާއި މިހިޔާނާތުގައި 11 މިލިއަން ރުފިޔާ އެކުންފުނީގެ މުވައްޒަފެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ވިދާޅުވީ މި މައްސަލަގައި ތިން މީހެއްގެ އެކައުންޓަށް 14 މިލިއަންއަށް ވުރެން ގިނަ ފައިސާ އާރްޑީސީއިން ފޮނުވާފައިވާ ކަމަށާއި މީގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ އެކައުންޓަށް އަދި އާރްޑީސީގައި މަސައްކަތް ކުރާ އެހެން މުވައްޒިފުންގެ އެކައުންޓަށް އެ ތިން މީހުން ފޮނުވާފައިވާ ކަމަށެވެ.

"އެކެއްގެ އެކައުންޓަށް 219 ޓްރާންސެކްޝަން ހެދިފައި ހުރިކަން އެބަ އެނގޭ، އެ އެކައުންޓްތަކަށް ފައިސާ ޖަމާކޮށްފައި ހުރި ގޮތް އެއީ ހޯދަންޖެހޭ ކަމެއް، ކޮންމެ ޓްރާންސެކްޝަނެއްގެ މައުލޫމާތު ވަކި ވަކިން ހޯދާ އެމީހުންނާއި ސުވާލުކުރަންޖެހޭ، ސަރުކާރުގެ އިސް ފަރާތްތަކުގެ ކުންފުނިތަކާއި އެކައުންޓްތަކަށް އާރްޑީސީގެ ފައިސާ ޖަމާވެފައިވޭ، އެކެއްގެ އެކައުންޓަށް އެބަހުރި އެކި ފަހަރު މަތިން 11 މިލިއަން ރުފިޔާ ވަދެފައި،" ނާފިޒް ވިދާޅުވި އެވެ.

އާރްޑީސީގެ އޮފީހުގައި ހިންގި އެތައް ގަޑި އިރުގެ ތަހްގީގަކަށް ފަހު ގިނަ އަދަދެއްގެ ލިޔެކިޔުންތައް ފުލުހުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ގެންދިޔަ އެވެ. އާރުޑީސީގެ އެކައުންޓުގައި ހުރި 13.8 މިލިއަން ރުފިޔާ ވަގަށް ނަގައި އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައެއް ފުލުހަށް ހުށަހެޅި އެ އިދާރާއިން އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަން ހާމަވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެހެންނަމަވެސް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް ހާމަވެފައިވަނީ ވަގަށް ނެގި ފައިސާގެ އަދަދު 13 މިލިއަނަށްވުރެން ގިނަކަމެވެ.