މާލޭގެ ސޯސަން މަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އެކިވަރުގެ އަނިޔާތައް ވެއްޖެ އެވެ.
ފުލުހުން ބުނިގޮތުގައި ރޭ ދަންވަރު 1:15 ހާއިރު ހިނގި މި ހާދިސާގައި ޖެހިފައި ވަނީ ދެ ސައިކަލެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 26 އަހަރުގެ އަންހެނަކަށެވެ.
މީގެ ތެރެއިން އެއް ސައިކަލު ދުއްވަން އިން 21 އަހަރުގެ ޒުވާނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮންނަ މީހެއް ނޫން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި އެކްސިޑެންޓު ހިނގި ވަގުތުގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދަނީ ފެތުރެމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އަނިޔާވި ތިން މީހުން ވެސް މަގުމައްޗަށް ވެއްޓިފައި އޮތް އިރު، އަންހެން މީހާގެ ބޮލުން ގިނަ އަދަދަކަށް ލޭ ފައިބަމުން ދިޔަ މަންޒަރު ފެނެ އެވެ.
އެނގިފައިވާ ގޮތުގައި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާއަށް ވަނީ ސީރިއަސް އަނިޔާތަކެއްވެފަ އެވެ.
މީގެ އިތުރުން އެކްސިޑެންޓުވި ދެ ފިރިހެނުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާއިރު އެ ދެ މީހުންގެ މޫނުގެ ކަށިގަނޑު އެކި ތަންތަނުން ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު އެނގޭ މީހަކު "ހުރިހާ" އަށް ބުންޏެވެ. ނަމަވެސް އެކަމާ ގުޅިގެން އައިޖީއެމްއެޗުގެ ރަސްމީ ބަހެއް އަދި ނުލިބެ އެވެ.
މަގުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނައިރު، މިފަހުން ހުޅުމާލޭގައި ސައިކަލެއްގެ ފަހަތުގައި އިން ނުވަ އަހަރުގެ އަންހެން ކުއްޖަކު ވެސް ވަނީ އެކްސިޑެންޓެއްގައި މަރުވެފަ އެވެ.
އެންމެ އަވަހަށް ނިމޭނީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް: ސައުދީ
ސަމާލުވޭ! ފޯނާއި ލެޕްޓޮޕްގެ ސްކްރީން އަލިން ލޯތައް ހަލާކުވަނީ!