ކޮވިޑް-19ގެ ހާލަތާ ގުޅިގެން ދިވެހި ޕްރިމިއަރ ލީގާއި ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ފަރިތަކުރުންތައް މެދުކަނޑާލާފައި އޮތުމުން، ކްލަބުތަކާއި ކުޅުންތެރިންނަށް ދިމާވާ ދަތިތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްއާ ބައްދަލުކުރުމަށް، ކްލަބުތަކުން ރަސްމީކޮށް ހުށަހަޅައިފި އެވެ.

ރައީސްއާ ބައްދަލުކުރުމުގެ ފުރުސަތަށް އެދި، ފުރަތަމަ ޑިވިޝަންގެ އަށް ކްލަބުގެ ފަރާތުން މިއަދު ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައިވާކަން ފުރަތަމަ ޑިވިޝަންގެ ކްލަބެއް އިސް އޮފިޝަލެއް ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ސީޓީގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19ގެ ކޭސްތައް މާލޭގައި އިތުރުވާތީ، ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓުވުނީ އެޗްޕީއޭގެ ގައިޑްލައިނަށް ކްލަބުތަކުން ފުރިހަމަ އަށް އަމަލުކުރަމުން ދަނިކޮށެވެ. އަދި ފުޓްބޯޅައިގެ ތެރެއިން ކޮވިޑް-19ގެ ކްލަސްޓާއެއް އުފެދިފައިނުވާއިރު، އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ދިވެހި ޕްރިމިއަރ ލީގާއި ކްލަބުތަކުގެ ފަރިތަކުރުންތައް މެދުކަނޑާލުމަކީ ކްލަބުތަކުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި ކްލަބުތަކުން ތިބީ "ވެކްސިން ޖަހައިގެން ވިޔަސް،"، އެޗްޕީއޭ އިން ދޭ ކޮންމެ ގައިޑްލައިނަކަށް ވެސް އަމަލުކުރަން ތައްޔާރަށް ކަމަށެވެ. އަދި މިކަމުގައި ކްލަބުތަކާއި ކުޅުންތެރިން ކަންބޮޑުވުންތައް ރައީސާ ހިއްސާކުރައްވަން ކްލަބުތަކުން ބޭނުންވާތީ، ރައީސާ ބައްދަލުކުރުމުގެ ފުރުސަތެއް ދެއްވުމަށް ކްލަބުތަކުން ދަނީ އެދިފަ އެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވާތީ އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން، ޓީމު ކުޅިވަރުތަކުގެ ހަރަކާތްތަައް ވަނީ ހުއްޓުވައިފަ އެވެ. މިކަމާ ގުޅިގެން، ކްލަބުތަކުގެ މެނޭޖްމަންޓުންނާއި ކުޅުންތެރިން ވެސް ވަނީ މީގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް، ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ