ދުމުގެ އަސަރު ފެތުރޭ ގޮތަށް އަލިފާން ރޯވުމުގައި ޒިންމާވާ ކުންފުނިތައް ސިންގަޕޫރުން ބަލަމުންދާ ކަމަށް ބޮޑުވަޒީރު ލޯރެންސް ވޮންގް ވިދާޅުވެއްޖެ އެވެ.
އޮކްޓޯބަރު 15 ގައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ބޮޑުވަޒީރު ވިދާޅުވީ، ކޮންމެހެން ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ސިންގަޕޫރުގެ 'ޓްރާންސްބައުންޑަރީ ހޭޒް ޕޮލިއުޝަން އެކްޓް' ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށާއި، އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތުތައް ވެސް ބަލާނެ ކަމަށެވެ.
"މޫސުމާއި ވައިގެ މިސްރާބު ކޮންޓްރޯލް ކުރުމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއް ނޫން، އަދި އަޅުގަނޑުމެންގެ ސަރަހައްދުން ބޭރުގައި ހިނގާ ކަންކަން ސީދާ ގޮތެއްގައި ކޮންޓްރޯލެއް ނުކުރެވޭނެ. ނަމަވެސް، ސިންގަޕޫރުގެ ރައްޔިތުން ރައްކާތެރިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަދި އަވަށްޓެރި ގައުމުތަކާ ގުޅިގެން މި މައްސަލައިގެ އަސްލު ސަބަބުތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނަން،" ބޮޑުވަޒީރު ވޮންގް ވިދާޅުވި އެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މި ދުމުގެ އަސަރު ކުރިމަތިވަނީ އިންޑޮނޭޝިޔާގެ ޖަންގަލިތަކާއި ޗަސްބިންތަކުގައި ރޯވާ އަލިފާނުގެ ސަބަބުންނެވެ. އަދި ހަނަފަސްކަން ދިގުލައިދިއުމުގެ ސަބަބުން މިކަން ވަނީ އިތުރަށް ގޯސްވެފަ އެވެ.
"އަޅުގަނޑުމެން ވާނީ އިންޑޮނޭޝިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައި. އަދި އެ ގައުމާއި އާސިއާންގެ ބައިވެރިންނާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ގާތުން މަސައްކަތް ކުރަމުންދާނަން،" އޭނާ އިތުރަށް ވިދާޅުވި އެވެ.
އިންޑޮނޭޝިޔާގެ ފޮރިން މިނިސްޓަރު އަރުމަނަތާ ނާސިރު އޮކްޓޯބަރު 15 ގައި ވިދާޅުވީ، ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ސަރަހައްދުތަކަށް ދުމުގެ އަސަރު ފެތުރެން މެދުވެރިވި ޖަންގަލީގެ އަލިފާން ނިއްވުމަށް ބޭރު ގައުމުތަކުންދޭ އެހީތެރިކަން އެ ގައުމުން ބަލައިގަންނާނެ ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކުން ހުށަހަޅާފައިވާ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާ ކުރެވި، އެކަން މިހާރު ކުރިއަށްދާ ކަމަށާއި، ރައީސް ޕްރަބޯވޯ ސުބިއަންތޯ އެކަމަށް ރުހުން ދެއްވާފައިވާތީ ފަންނީ ފެންވަރުގައި މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިންގަޕޫރުގެ ސަރުކާރުން މިހާރު ދަނީ ނާޒުކު ހާލަތްތަކުގައި ތިބި ރައްޔިތުންނަށް އެން-95 މާސްކު ހިމެނޭހެން މާސްކު ބަހަމުންނެވެ. އަދި ކޮމިއުނިޓީ ކްލަބްތަކާއި ހޮވާލެވޭ ރެސިޑެންޓްސް ނެޓްވޯކް ސެންޓަރުތަކުގައި ފިނިކުރި ވަގުތީ ހިޔާވަހިކަން ވަނީ ގާއިމުކޮށްފަ އެވެ.
ބޮޑުވަޒީރު ވޮންގް ވިދާޅުވީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. "ދުމުގެ އަސަރު ގޯސްވަމުންދާތީ އެންމެހާ ބޭފުޅުންވެސް އަމިއްލަ ސިއްހަތަށާއި ވަށައިގެން ތިބި މީހުންނަށް ސަމާލުކަން ދެއްވުން އެދެން،" އޭނާ ވިދާޅުވި އެވެ.
އޮކްޓޯބަރު 15 ގެ މެންދުރުގެ ވަގުތެއްގައި ސިންގަޕޫރުގެ ހުޅަނގު ސަރަހައްދުގައި ވައިގެ ނުސާފުމިން ބަލާ ޕީއެސްއައި ވަނީ މި މޫސުމުގައި އެންމެ މަތިވި މިންވަރު ކަމަށްވާ 212 އަށް އަރާފަ އެވެ.
ބުރަކޮށް އުޅެމުން ވެސް ލޯބީގެ ގުޅުމަށް ވަގުތު ދޭން ވާނެ!
ދަރިފުޅު މާ ރުޅިގަދަވެ ބޮޑާ ހާކާނަމަ ހަދަންވީ ކިހިނެއް؟
އޮޑިޓް: 2022 ގައި ވެމްކޯއަށް 127 މިލިއަންގެ ބޮޑު ގެއްލުމެއް