ކުނި މެނޭޖުކުރާ ސަރުކާރު ކުންފުނި (ވެމްކޯ) އަށް 2022 ވަނަ އަހަރު ނިމުނުއިރު 127.88 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައިވާ ކަމަށް އޮޑިޓް އޮފީހުން އާންމުކުރި މާލީ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.

އޮޑިޓް ރިޕޯޓުގައިވާ ގޮތުން، 2022 ވަނަ އަހަރު ވެމްކޯއަށް އާމްދަނީގެ ގޮތުގައި 215.43 މިލިއަން ރުފިޔާ ލިބުނެވެ. މިއީ 2021 ވަނަ އަހަރު ލިބުނު 174.98 މިލިއަން ރުފިޔާއާ އަޅާބަލާއިރު 23.1 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް ކުންފުނީގެ އިދާރީ ހަރަދުތައް އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުން ކުންފުނި ހިންގާފައި ވަނީ ބޮޑު ގެއްލުމުގަ އެވެ.

އެގޮތުން 2022 ވަނަ އަހަރު އިދާރީ ހަރަދުގެ ގޮތުގައި 281.62 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އެންމެ ބޮޑު ހަރަދެއް ކޮށްފައިވަނީ މުވައްޒަފުންގެ މުސާރައަށެވެ. މުސާރައާއި އިނާޔަތްތަކަށް އެކަނިވެސް 234.67 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން މާލީ ބަޔާންތަކުން ހާމަވެ އެވެ.

މީގެއިތުރުން އެ އަހަރު ދައުލަތުގެ ބަޖެޓުން 105.20 މިލިއަން ރުފިޔާ ވެމްކޯއަށް އިންޖެކްޓްކޮށްފައިވާއިރު، އެ އަހަރުގެ ނިޔަލަށް ކުންފުނީގެ ޖުމްލަ ސޯފީ ގެއްލުން ވަނީ 486.23 މިލިއަން ރުފިޔާއަށް އަރާފަ އެވެ.

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާވެ، ބޮޑެތި ގެއްލުމުގައި ހިންގާ ކުންފުނިތަކެކެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސަރުކާރުގެ 12 ކުންފުންޏަކުން ކުއާޓަރެއްގެ ތެރޭގައި އެކަނިވެސް ސެންޓްރަލް ބަޖެޓަށް ސައްތޭކަ މިލިއަނުން ގެއްލުންވާކަން ފާހަގަކުރެވޭއިރު، ބޭރުގެ މާލީ އިދާރާތަކުން ވެސް އަންނަނީ އެފަދަ ކުންފުނިތައް އަވަސް މުއްދަތެއްގެ ތެރޭގައި އިސްލާހުކުރުމަށް ތަކުރާރުކޮށް ގޮވާލަމުންނެވެ.