ހޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ބެން އެފްލިކް، ޑީސީގެ ސުޕަހީރޯ ފިލްމު "ޖަސްޓިސް ލީގް" އަކީ އޭނާގެ ފިލްމީ ކެރިއަރުގައި ކުރިމަތިވި އެންމެ ހިތްދަތި އަދި އެންމެ ފުން އަނދަވަޅުގެ ކަމަށް ސިފަކޮށްފި އެވެ.

"ހެޕީ ސޭޑް ކޮންފިއުޒްޑް" ޕޮޑްކާސްޓަށް ދިން އިންޓަވިއުއެއްގައި، ބެޓްމޭންގެ ރޯލުން ފެނިގެންދިޔަ އެފްލިކް ވަނީ އެ ފިލްމުގެ މަސައްކަތްތަކާއި ވޯނާ ބްރަދާސް ސްޓޫޑިއޯއިން ކަންކަން ކުރިއަށް ގެންދިޔަ ގޮތަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

އޭނާ ފާހަގަކުރި ގޮތުގައި ފިލްމުގެ އަސްލު ޑައިރެކްޓަރު ޒެކް ސްނައިޑާއަށް ދިމާވި އާއިލީ ހިތާމަވެރި ހާދިސާއަކާ ގުޅިގެން، އޭނާ މަގާމުން ވަކިކޮށް ފިލްމުގެ މަސައްކަތްތައް އަލުން ކުރުމަށް (ރިޝޫޓް ކުރުމަށް) ޖޮސް ވެޑަން ގެނައުމަކީ އެ ފިލްމަށް ލިބުނު ގެއްލުމެކެވެ.

އެއާއެކުޒެކްގެ އާއިލާއަށް ދިމާވި ހިތާމަވެރި ކަމެއް ސްޓޫޑިއޯއިން ނަހަމަ ގޮތުގައި ބޭނުންކޮށް، އޭނާ އެ ފިލްމުން ބޭރު ކޮށްލުމަކީ އޭނާގެ ކެރިއަރުގައި ފެނުނު އެންމެ ހުތު އެއް ކަންތައް ކަމަށް އެފްލިކް ބުންޏެވެ.

"އެއީ ވަރަށް ގޯޔަ ތަޖުރިބާއެއް. ޒެކް އެ ފިލްމުން ވަކިކުރުމާއި އަޅުގަނޑުމެން ކުރިއަށް ގެންދިޔަ ރިޝޫޓްތަކަކީ ކެރިއަރުގެ އެންމެ ދަށް ދުވަސްވަރު ކަމަށް ބުނެވިދާނެ،" އެފްލިކް ކިޔައިދިނެވެ.

"ކާރިސާއެއްގެ ސަބަބުން މީހަކު މަރުވުން އެއީ އެއްވެެސް ކަމަކާ އަޅައި ނުކިޔޭވަރުގެ ބޮޑު ކަމެއް. އެކަން ސްޓޫޑިއޯއިން ބަހަނާއެއްގެ ގޮތުގައި ބޭނުން ކުރުމަކީ ވަރަށް ހުތުރު ކަމެއްގެ ގޮތުގައި އަހަންނަށް ސިފަވީ." އޭނާ ބުންޏެވެ.

މީގެ އިތުރުން، އެ ދުވަސްވަރު އަމިއްލަ ދިރިއުޅުމަށް ދިމާވި ގޮންޖެހުންތަކާއި، ގިނައިން ރާބުއިމުގެ އާދައާ ހުރެ އޭނާއަށް ވެސް އެއީ ވަރަށް އުނދަގޫ ދުވަސްވަރެއްކަން އެފްލިކް ހާމަކުރި އެވެ.

ނަމަވެސް އެ ހުރިހާކަމަކަށްވުރެ ބޮޑަށް ފިލްމުގެ ސެޓުގައި ސްޓޫޑިއޯ އާއި އުފެއްދުންތެރިންނާ ދެމެދު އޮތް ނުތަނަވަސްކަމާއި، ފިލްމު ޑައިރެކްޓް ކުރުމުގައި ގެންގުޅުނު ގޮތްތަކުގެ ސަބަބުން ފިލްމު މުޅިން ހަލާކުވެގެންދިޔަ މަންޒަރު ފެނުނު ކަމަށް އޭނާ ބުންޏެވެ.

ފަހުން ޒެކް ސްނައިޑާގެ އަމިއްލަ ކަޓް ނެރުމުގެ ފުރުސަތު ލިބުމުން އެކަމާ ވަރަށް އުފާކުރިކަން ފާހަގަ ކުރަމުން އެފްލިކް ބުނީ، އެއީ ހައްގު މިންވަރު ކަމަށާއި އެކަމާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހުނު ކަމަށެވެ.