"ކޮންމެ ކުއްޖެއް ވެސް އަމިއްލަ ހެދުން ފަހާލަން ސަޅި،" މިއީ އީރާ ގެ ކޯސްތަކުގެ ބައިވެރިން އެންމެ އަޅައިގަންނަ މެސެޖެވެ. މި ސަޅިކަން ބޭނުން ނުވާން ވީސަބަބެއް ނެތެވެ. ކޯސް ފުރިހަމަ ކުރާއިރު ހެދުމެއް ނުފެހިގެން މީހުން ކައިރިއަށް ސަލާޖަހަން ދާކަށް ނުޖެހޭނެ އެވެ. އޭނާގެ ބައިވެރިންނާ ވަކިވަނީ އަމިއްލަ ހެދުން ފެހޭ ވަރަށް ތަމްރީން ކޮށްދީފަ އެވެ. އަމިއްލަ ހެދުމުގެ އިތުރުން ވިޔަފާރިއަށް ވެސް އެކަން ކުރެވޭވަރުގެ ގާބިލު ބަޔަކަށް ހަދާފަ އެވެ.

ފާތުމަތު އީރާ ޝަކީލް (އީރާ) އަކީ ރާއްޖޭގައި ފެހެމުގެ މަސައްކަތް ކުރާ އެންމެ ފުންނާބު އުސް މީހުންގެ ތެރޭގައި ގުނާލެވޭ އެކެކެވެ. މަދްރަސީ ތައުލީމު ފުރިހަމަ ކުރިއިރު ވެސް ފެހުމުގެ ދާއިރާއަށް ދިއުމުގެ މާބޮޑު ޝައުގުވެރިކަމެއް ނެތެވެ.

"ގަލޮޅު އަވަށު އޮފީހުގައި ހިންގި ފަހާކޯހެއްގައި ފުރަތަމަ ބައިވެރިވީ. އެއީ ސީރިއަސް ކޮށް ކުރިކަމެއް ނޫން. ރައްޓެހި ކުއްޖަކާ އަޅުގަނޑާ ދެމީހުން އަޖުމަ ބަލާލުމަށް ބައިވެރިވެލީ. އަމަތުﷲ ފިކުރީ އެކޯހުގައި ކިޔަވައިދެއްވީ. އެޓީޗަރަށް ވަރަށްބޮޑަށް ޝުކުރު އަދާކުރަން. ކޯސް ނިމުނުއިރު ފެހުމަށް އިޓްރެސްޓް އުފެދެން ފަށައިފި،". އުމުރުން 25 އަހަރުގައި ފެހުމުގެ ތެރެއަށް އީރާއަށް ވަދެވުނު ގޮތް ކިޔައިދެމުން ބުންޏެވެ.

ލިބުނު ތަޖުރިބާގެ އަލީގައި އީރާ ގަސްތުކުރީ އިތުރަށް ކުރިއަށްދާށެވެ.

އީރާ ފަހަން ދަސްކުރި ދުވަސްވަރު އޭރު ގަލޮޅު އަވަށު އޮފީހުގެ އިސްވެރިއެއް ކަމަށްވާ މަރުހޫމާ މުއުމިނާ އަބްދުލްގައްޔޫމާއެކު ފޮޓޯއަކަށް ހުއްޓިގެން.

"ދެން އަޅުގަނޑު ކުރިކަމަކީ ކޯހުން ދަސްވި މަސައްކަތާއި ހުނަރު އިތުރަށް ފުޅާކުރަން ފަހާ ތަންތަނުގައި މަސައްކަތް ކުރަންފެށީ. އެ ތަންތަނުން ފެހުމާބެހޭ ވަރަށް ގިނަ މަސައްކަތް ދަސްވި. ވަރަށް ގިނަ ކަސްޓަމާސް ވެސް ލިބެން ފެށި. އެމީހުން އެދުނު ފަހާ ކޯސް ހިންގަން،" ފަހާކޯސް ހިންގުމުގެ ވިސްނުން ވެސް ދިނީ އިރާގެ ކަސްޓަމާސްކަން ފާހަގަ ކޮށްލި އެވެ.

ފުރަތަމަ ތަމްރީން ދޭން ފެށި ގޮތް ވަރަށް ތަފާތު

ގޭގެއަށް ގޮސް ޓިއުޝަން ދޭ ބީދައިން އީރާ ވެސް ފުރަތަމަ ވިސްނީ ގޭގެއަށް ގޮސް މީހުންނަށް ފަހަން ދަސްކޮށް ދިނުމަށެވެ.

"އޭރު ހިތަށްއެރީ ކިޔަވައިދޭ ޓީޗަރުން ގޭގެއަށް ގޮސް ޓިއުޝަން ވެސް ދެނިއްޔޭ. ހަމައެގޮތަށް ފަހަން ވެސް ދަސްކޮށް ދެވިދާނެޔޭ. އެހެން ހިތަށް އަރާފައި ހަވީރު ނޫހުގަ އިސްތިހާރެއް ޖެހީ. އެއަށް ވަރަށް ގިނަ މީހުންގެ ތަރުހީބު ލިބުނު. ދެން ފެށީ ގޭގެއަށް ގޮސް މީހުންނަށް ފަހަން ދަސްކޮށްދޭން،" އީރާ ކިޔައިދިނެވެ.

އީރާ ފެހުމުގެ މަސައްކަތް ދަސްކުރި ދުވަސްވަރު ހެދުމެއް ފަހަނީ.

ފެހުމަކީ ވަރަށް ގިނަ ތަކެތި ހުރެގެން ކުރެވޭ ކަމަކަށްވުމުން ގޭގެއަށް ގޮސްގެން ފަހަން ދަސްކޮށް ދިނުން މާފަސޭހަކަމަކަށް ނުވި އެވެ.

"އެންމެބޮޑު އުނދަގުލަކަށް ދިމާވީ އެ ދާގެއެއްގައި ފަހަން ބޭނުންކުރާ ސާމާނު ނެތުން. ދެވަނަ ކަމަކީ ފަހަން ދަސްކޮށްދޭ ގަޑީގައި، އެ ގެއެއްގަ އުޅޭ އެހެން މީހުންގެ ފަރާތުން އެކިކަހަލަ އުނދަގޫ ކުރިމަތިވުން. އެހެންވެ އެކަން ހުއްޓާލީ،" ގޭގެއަށް ދިއުން ހުއްޓާލި ސަބަބު އީރާ ކިޔައިދިނެވެ.

"އީރާ ކަލެކްޝަން" ފެށުން

އަމިއްލަ ގޭގަ ފަހާ ކޯސްތައް ދެން ހިންގަން ފެށީ "އީރާ ކަލެކްޝަންސް"ގެ ނަމުގަ އެވެ. އެކި އުމުރުގެ އަދި ދެޖިންސުގެ މީހުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ފެހުމުގެ ބޭސިކް، އެޑްވާންސް އަދި ދިގު ހެދުން ކޯސް އީރާ ހިންގަނީ ދުވާލުގެ އެކި ގަޑިތަކަށް ބަހާލައިގެން ނެވެ.

"އެއްގޮތަކަށް ވެސް ތިނޯހަށް ރޮދި ލައްވަން ނޭނގޭ ކުދިންނަށް ވެސް މި ކޯސްތަކުގައި ބައިވެރި ވެވޭނެ. ކޯހުގައި ދަސްކޮށްދެވޭނީ މިންނަގައިގެން އެކި ޑިޒައިންތަކަށް ކެނޑުން އަދި ފެހުން. ކުޑަކުދިން ފަށައިގަންނައިރު ކުރާހައިގެން ރޮނގު އަޅައިގެން ރޮނގުމަތީ ދިގަށް ފަތިޖަހަން ފުރަތަމަ ދަސްކޮށްދެނީ. ދެން ފެހުމުގެ އެކި 'ޓެކްނިކްސް' ބޭނުންކުރަން. އެންމެ ފޫހިވާ ކުއްޖާ ވެސް ފަހަންފެށީމަ އެކަމަށް ޝައުގުވެރިވާކަން ފާހަގަވޭ،" އޭނާ ބުންޏެވެ.

އީރާ ފަހަން ދަސްކޮށްދިން ކްލާހެއްގެ ބައިވެރިންނާއެކު ފޮޓޯއަކަށް ހުއްޓިގެން. އީރާއަކީ ރާއްޖޭގައި ފެހެމުގެ މަސައްކަތް ކުރާ އެންމެ ފުންނާބު އުސް މީހުންގެ ތެރޭގައި ގުނާލެވޭ އެކެއް.

"މަސައްކަތުގެ ކުރިއަށް ދެވުން ބިނާވެފައި ވަނީ އެކުއްޖެއްގެ ހިތްވަރު ހުރިވަރެއްގެ މައްޗަށް. އަންހެން ކުދިން ވެސް އަދި ފިރިހެން ކުދިން ވެސް ދަސްކުރަން ވަރަށް ރަނގަޅު މަސައްކަތެއް. ވަރަށް ރަނގަޅު އާމްދަނީ އެއްވެސް ލިބޭނެ އަގަށް ފަހާނަމަ،" ފެހުމުގެ އިތުރުން ކްރާފްޓްގެ މަސައްކަތް ވެސް ކުރާ އީރާ ކިޔައިދިނެވެ.

ދިގުހެދުން ފަހަން ދަސްކޮށްދެނީ ވަކި ކޯހެއްގެ ގޮތުގައި

ޚާއްސަ މުނާސަބަތުތަކަށް ދިގުހެދުމެއް ހޯދުން ވަނީ ވަރަށް ދަތި އުނދަގޫ ކަމަކަށްވެފަ އެވެ. ތަންވަޅު ކުޑަވެފައި ހުއްޓާ ދޭ އޯޑަރުގެ ސަބަބުން ،ދިގުހެދުމެއް ފަހާދޭ އަގު ވެސް އޮންނަނީ ވަރަށް ބޮޑުވެފަ އެވެ. މިކަމަށް ހައްލެއް ގެނެސް ދިނުމަށް އީރާ ވަނީ ޚާއްސަ ދިގުހެދުން ފަހަން ދަސްކުރާ ކޯހެއް ފަށައިފަ އެވެ. އޭގެ ސަބަބުން ބޭނުން އިރަކު އަމިއްލަ ދިގުހެދުން ފަހާލުމުގެ ހިތްހަމަޖެހުން ލިބިގެންދާނެ އެވެ.

އީރާ ފަހާފައިވާ ކުޑަކުއްޖެއްގެ ހެދުމެއް. އީރާ އަކީ ރާއްޖޭގައި ފެހެމުގެ މަސައްކަތް ކުރާ އެންމެ ފުންނާބު އުސް މީހުންގެ ތެރޭގައި ގުނާލެވޭ އެކެއް.

"ގިނަފަހަރު މި ވާގޮތަކީ ބޮޑު އަގުދީގެން ފައްސާ ހެދުން ލިބޭއިރު އޭގައި ކޮންމެ ވެސް މައްސަލަތަކެއް ހުރޭ. އަމިއްލައަށް ފަހާނަމަ އެނގޭނެ ދުރާލާ ފަހަން ފަށަން. އަދި ޖެހޭ މައްސަލަ ވެސް މަދުވާނެ. ދިގު ހެދުން ކޯސް ފެށުމުގެ ދެވަނަ ބޭނުމަކީ އެއީ ބްރޭންޑަކަށް ވާތީ. ދުނިޔޭގެ އެއްވެސް ތަނަކުން ލިބޭކަން ނުހުންނާނެ ދިވެހި ދިގުހެދުމެއް،" އީރާގެ ދިގުހެދުން ކޯހާ ބެހޭގޮތުން އިތުރަށް ކިޔައިދިނެވެ.

މަސައްކަތުގައި ދިމާވާ ދަތިތައް

މާލެ އާއި އަތޮޅުތެރޭގައި ގިނަ ކޯސްތަކެއް ހިންގާ، ގާތްގަނޑަކަށް 8،000 އެއްހާ މީހުން ތަމްރީނުކޮށްފައިވާ އީރާގެ މަސައްކަތުގައި ވެސް ބައެއް ދަތިތައް ހުރިކަން ފާހަގަކުރި އެވެ.

"މުޅި ރާއްޖޭގައި ފަހާ ކޯސް ހިންގި ނަމަވެސް، ރާއްޖޭގަ ހުރެގެން އިންޓަނޭޝަނަލް ފެންވަރަށް ކިޔެވޭނެ ގޮތް ނެތުމަކީ އަޅުގަނޑުގެ ކުރިމަގަށް އެޅިފައިވާ ހިޔަންޏެއް. އިންޓަނޭޝަނަލް ސެޓިފިކެޓެއް ނެތުމުގެ ސަބަބުން ބައެއް އިންސްޓިޓިއުޓްތަކުން ހިންގާ ކޯސްތަކުގައި އަޅުގަނޑަކަށް ކިޔަވައެއް ނުދެވޭ. ދެން މި މަސައްކަތް ކުރުމުގަ ހުރި ދައްޗަކީ ޖާގައިގެ ތަދިކަން. ކުލާހެއްގަ އެންމެ ގިނަ ވެގެންވެސް ބައިވެރި ކުރެވޭނީ ފަސް މީހުން. އަހަރުގެ މެދުތެރެއަކީ ފަހަން އެންމެ ގިނަމީހުން އެދޭ ދުވަސްވަރު. އެހެންނަމަވެސް ޖާގަ ގިނަކުރެވޭކަށް ނޯވޭ. މިކަމަށް ބޭނުންވާ ތަކެތި މާލޭން ނުލިބުމަކީވެސް ވަރަށް ދަތިކަމެއް،" އީރާ ފާހަގަކުރި އެވެ.

އެންމެ ދެކެން ބޭނުންވާ ދުވަސް

ފެހުމުގެ ފަންނު ފުޅާކޮށް ކުރިއަރުވަން ބޭނުންވާ ފަރުދެއްގެ ހައިސިއްޔަތުން، އީރާ ދެކެން ބޭނުންވާ ދުވަހަކީ ކޮބާތޯ އެހެމުން އީރާ ދިނީ ވަރަށް ތަފާތު ޖަވާބެކެވެ.

އީރާ މީހަކަށް ފަހަން ދަސްކޮށްދެނީ. އޭނާ ވަނީ ގިނަ އަދަދެއްގެ މީހުންނަށް ފަހަން ދަސްކޮށްދީފައި.

"ވަރަށް ދެކެން ބޭނުންވޭ ހުޅުމާލޭގައި ސަރުކާރުން ފަހާ ފެކްޓްރީއެއް ހުޅުވާނެ ދުވަހެއް. ޔުނިފޯމް ބޭނުންކުރާ ސްކޫލްތަކާއި، އޮފީސްތަކާއި އަދި ރިސޯޓްތައް ވަރަށް ގިނަ. އެހުރިހާ ޔުނިފޯމެއް ވެސް ބޭރު ގައުމަކުން ހައްދައިގެން ގެނައުމުގެ ބަދަލުގައި، ރާއްޖޭގަ ދިވެހިން އެ ޔުނިފޯމްތައް ފަހާ ދުވަހެއް ދެކެން ވަރަށް ބޭނުން. ދިވެހިން ލާ ޔުނިފޯމަކީ ދިވެހިންގެ އަތުން ފަހާ އެއްޗެއްސަށް ވާންވާނެ. ފަހާ ފެކްޓްރީއެއް ހުންނަ ނަމަ، ދިވެހިން އެވަޒީފާތަކަށް ވެސް ވަންނާނެ. ދިވެހިންނަކީ ވަރަށް ހުނަރުވެރި ބައެއް. އަދި ވަރަށް ބޮޑަށް ބޭނުންވޭ އަޅުގަނޑުގެ ކައިރިން ފަހަން ދަސްކޮށްގެން ނިކުންނަ ކުދިން، ވަރަށް ކާމިޔާބު ކަމާއެކު މި ފަންނުގައި ކުރިއަށް ދާތަން ދެކުން. އެއީ އަޅުގަނޑަށް ވަރަށް ބޮޑު އުފަލަކާ ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް،" ވަރަށް އުންމީދުން ފުރިގެންވާ ރާގެއްގައި އީރާ ބުނެލި އެވެ.