ކުރިޔަށް އޮތް ތަނުގައި އަހަރެމެން ވަގުތު ބެލުމަށް މިގެންގުޅޭ ގަޑިން ސިކުންތެއްގެ މިންވަރު އުނިވެ އެކަމުގެ ސަބަބުން ގިނަ ކަންތައްތަކަކަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައިންސްވެރިން ބުނަން ފަށައިފި އެވެ.

އަހަރެމެން ވަގުތު ބަލައި މިއުޅެނީ ދުނިޔެ އޭގެ އޯބިޓުގައި ބުރު ޖަހާ ސްޕީޑަށް ރިއާޔަތް ކޮށްގެންނެވެ. އެ ސްޕީޑަށް ބަދަލު އަންނަ މިންވަރަކަށް ގަޑީގެ ކަށްޓަށް ބަދަލު ގެންނަން ޖެހެ އެވެ.

ދުނިޔޭގެ ގަޑިތައް ކޯޑިނޭޓް ކުރަމުން ގެންދަނީ އެޓޮމިކް ޓައިމް ސިސްޓަމަކުންނެވެ. މި ސިސްޓަމުން ގަޑީގެ ކަށި އެނބުރޭ މިންވަރު ވަރަށް ފުރިހަމައަށް އެއްގޮތަކަށް މޮނިޓާ ކުރެ އެވެ. އެހެން ނަމަވެސް އެޓޮމިކް ޓައިމާ އެސްޓްރޮނޮމިކަލް ޓައިމާ މުޅިއަކުން ދިމައެއް ނުވެ އެވެ. ސަބަބަކީ އެޓޮމިކް ޓައިމްގައި ގަޑި ހިނގާ މިންވަރަށް ބަދަލު ނާންނައިރު އެސްޓްރޮނޮމިކް ޓައިމަށް ބަދަލު އައުމެވެ. އެއީ ދުނިޔެ އޯބިޓުގައި އެނބުރޭ މިންވަރަށް އަންނަ ބަދަލުގެ ސަބަބުންނެވެ. އެޓޮމިކް ޓައިމާ ޚިލާފަށް އެސްޓޮރޮނޮމިކަލް ޓައިމް ގާތްގަނޑަކަށް 2.5 މިލި ސިކުންތު ކޮންމެ ދުވަހަކު ގަޑިން އުނިވެ އެވެ. މި އުނިވާ ބައި ހަމަ ޖެއްސުމަށް 1972 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ގަޑި ބަލަހައްޓާ މީހުން އަންނަނީ އެޓޮމިކް ގަޑިއަށް ލީޕް ސިކުންތެއް އިތުރު ކުރަމުންނެވެ. 1972ން 2016 އަށް ތަފާތު 27 ފަހަރު ދުނިޔޭގެ ގަޑިއަށް 27 ލީޕް ސިކުންތު ވަނީ އިތުރު ކޮށްފަ އެވެ.

ދުނިޔޭގެ ބުރުޖެހުން މަޑުވުން ބިނާވެފައި އޮންނަނީ ހަނދުގެ ދަމާބާރުގެ ސަބަބުން ދިޔަވަރަށް އަންނަ ބަދަލާ އެވެ. ކަންތައް އެގޮތަށް އޮތް ކަމަށް ވިޔަސް މިހާރުގެ ހޯދުންތަކަށް ބަލާއިރު، ދުނިޔޭގެ ބުރުޖެހުން މަޑުވަމުން އައި އައުން މިހާރު ވަނީ ހުއްޓިފަ އެވެ. އޭގެ ބަދަލުގައި އެ އެނބުރުން ބާރުވަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފަ އެވެ. މިބަދަލު ފާހަގަވެފައި ވަނީ 2016 އާއި 2017 އާ ދެމެދު އެވެ. މި ބަދަލާއެކު ދުނިޔޭގެ ބައިނަލްއަގުވާމީ ގަޑި ބަލަހައްޓާ މީހުންނަށް ޖެހިފައިވަނީ ގަޑިން ސިކުންތެއް އުނިކުރާށެވެ. އެއީ ނެގެޓިވް ލީޕް ސިކުންތެކެވެ. މިހާރު ދުނިޔޭގެ ދައުރުކުރުން ހުރިގޮތަށް ބަލާއިރު 2029 ވަނަ އަހަރު އަހަރެމެން މިގެންގުޅޭ ގަޑިން އެއް ސިކުންތު އުނިކުރަން ޖެހޭނެ އެވެ. އެކަން ވެގެންދާނީ ތާރީޚީ ކަމަކަށެވެ.

ދުނިޔޭގެ ބުރުޖެހުން ލަސްވަމުން އައި އައުން މަޑުޖެހި އަވަސްވާން ދިމާވި ސަބަބެއްކަމަށް ސައިންސްވެރިން ދެކެނީ ދުނިޔެ ހޫނުވުމުގެ ސަބަބުން ޕޯލްގައި ހުރި އައިސްތައް ވިރުން ފަދަ ތިމާވެށީގެ ބަދަލެވެ.

ގަޑި ބެލެހެއްޓުމުގައި ދިމާވާ މި ފަޅި ސިކުންތުގެ މައްސަލައަކީ އަހަރެމެންގެ އާންމު ދިރިއުޅުމުގައި ފާހަގަކޮށްލެވޭ ވަރުގެ ކަމަކަށް ނުވިއަސް ބައެއް ޓެކް ކުންފުނިތަކާއި ބައެއް ބިޒްނަސްތަކަށް އެއީ ވަރަށް މުހިންމު ކަމެކެވެ. އަދި އެހާ އުނދަގޫ އޮޅުންބޮޅުން އަރާ ކަމެކެވެ. ކޮމްޕިއުޓަ ސިސްޓަމަށް އެޓޮމިކް ޓައިމް އިތުރު ކުރުމުގައި 2012 ވަނަ އަހަރު ހެދުނު ގޯހެއްގެ ސަބަބުން ބައެއް އެއާލައިންތަކުގެ އޮޕަރޭޝަންތަކަށް ބުރޫ އެރި އެވެ.

ދުނިޔޭގެ ގަޑީގެ ސިސްޓަމަށް ކޮންމެ ދެތިން އަހަރަކުން އިތުރު ކުރަމުން ގެންދާ ސިކުންތު އިތުރު ކުރުމުގެ ބަދަލުގައި 2026 ނުވަތަ 2029 ވަނަ އަހަރު ސިކުންތެއް މަދުކުރަން ޖެހުމުން ވެސް ދިމާވާނެ މައްސަލަތައް މަދެއް ނޫނެވެ. މިސާލަކަށް ރަޝިއާގެ ސެޓެލައިޓް ސިސްޓަމްގައި ބޭނުންކުރަނީ އެސްޓްރޮނޮމިކަލް ޓައިމެވެ. އެ ޓައިމް އެޑޮޕް ކޮށްފައިވަނީ އެޓޮމިކް ޓައިމަށް އިތުރުކުރާ ސިކުންތާ އެވެ. އެހެންކަމުން ސިކުންތެއް އިތުރު ކުރުމުގެ ބަދަލުގައި އުނިކުރަން ޖެހުމުން އެ ސެޓެލައިޓް ސިސްޓަމަށް ދިމާވާނެ މައްސަލަތައް ހައްލުކުރުން ވެސް ވާނީ ވަރަށް ކޮމްޕްލިކޭޓް ކަމަކަށެވެ. މީގެ އިތުރުން ދުނިޔޭގެ ޓެކް ކުންފުނިތައް ކަމަށްވާ ގޫގްލްއާއި އެމެޒަން ފަދަ ކުންފުނިތަކުން ވަނީ އެމީހުންގެ ޓެކްނޮލޮޖީގެ ތެރެއަށް ސިކުންތުގެ ބައިކުޅަބައި އިތުރު ކޮށްގެން ޕްރޮގްރާމް ކޮށްފަ އެވެ. އެހުރިހާ ޕްރޮގްރާމްތަކަށް ބަދަލު ގެނައުމަކީ ވެސް ކުރަންޖެހޭނެ ކަމެކެވެ.

މިހުރިހާ އޮޅުންތަކާއި އުނދަގޫ ހާލަތްތަކާއެކު ބައެއް ސައިންސްވެރިން ދެކޭ ގޮތުގައި ދުނިޔެ އެނބުރެމުންދާ މިންވަރު ބާރުވި ކަމަށް ވިޔަސް ސިކުންތެއް ކަނޑާލުމަކީ މިވަގުތު އަދި ކުރަން ޖެހޭ ކަމެއް ނޫނެވެ. ސަބަބަކީ ދުނިޔެ އެނބުރެމުންދާ ނިސްބަތް މަޑުޖެހުމުގެ ފުރުސަތު ވެސް އޮތުމެވެ.