މަސްވެރިންނަށް މި ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީގެން، އެންމެ ބޮޑަށް މި ސަރުކާރަށް ފާޑުކީ ގއ. ވިލިނގިލީ، އަލީ ރަޝީދު (މަސްވެރި އަލިބެ) އަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ވަޒީފާ ދީފި އެވެ.

އެއް އަހަރުގެ މުއްދަތަކަށް ކޮންޓްރެކްޓަށް މަސްވެރި އަލިބެ އާރްޑީސީގެ ވަޒީފާއަށް ނަގާފައި ވަނީ އިންވެންޓްރީ މެނޭޖްމަންޓް އޮފިސަރެއްގެ މަގާމަށެވެ.

އަލިބެ ބުނީ މައިބަދައިގަ މައްސަލަ އުޅޭތީއާއެކު މަސްވެރިކަން ކުރެވޭނެ ހިތްވަރެއް މިހާރު ނެތް ކަމަށެވެ. އަދި އޭނާ އަކީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް ބުރަ މަސައްކަތްތަކެއް ކުރި މީހެއްކަމުން މި ސަރުކާރުގެ ވަޒީފާއެއް އޭނާއަށް ލިބުން ހައްގު ކަމަށް ވެސް އަލިބެ ބުންޏެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަލިބެ މީގެ ކުރިން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މި ސަރުކާރަށް ދޭން ނުފެންނަ ކަމަށެވެ. ނަމަވެސް މިހާރު އަލިބެ ވަނީ ގއ. ވިލިނގިލި ދާއިރާއަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ޔަޒްމީދު މުހައްމަދަށް ތާއީދުކޮށްފަ އެވެ.

އަލިބެ އަކީ މަސްވެރިކަމުގައި 12 ވަރަކަށް އަހަރު އުޅެފައިވާ މީހެކެވެ. އަދި އޭނާ ވަނީ ކުރިން ރިސޯޓްތަކުގައި ވެސް އެކި ވަޒީފާތައް އަދާކޮށްފަ އެވެ.