ގަވައިދާ ހިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯކޮށް، މާލޭގެ މަގުތަކަށް އުކާލާފައި އޮތް 300 އަށް ވުރެ ގިނަ ވެހިކަލް މަގުތަކުން ނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ޓްރެފިކް ބޮއްސުންލުމުން ގަވައިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ފެށީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. ފުލުހުން ބުނީ މި މަސައްކަތުގެ ދަށުން ރޭ ވެސް މާފަންނުގެ އެކި ސަރަޙައްދުތަކުން 19 ވެހިކަލް ޓޯ ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ބޭނުން ނުކޮށް މަގުތަކަށް އުކާލާފައިވާ އުޅަނދުތައް ވެސް ނެގުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

ގިނަ ދުވަސްވެ ހަލާކުވެފައިވާ އުޅަނދުތައް ނައްތާލުމަށް ފުލުހުން ފަށާފައިވާ ޕްރޮގްރާމްގެ ދަށުން މާލެ އަދި ހުޅުމާލެއިން މިގޮތަށް ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ އުޅަނދު ވަނީ ނަގާފަ އެވެ. އެ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްގެން ދަނީ ތިލަފުއްޓަށް ގެންގޮސްގެންނެވެ.

ފުލުހުން ބުނީ ބައެއް ސަރަޙައްދުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކުރޭތޯ ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ގްރީން ޒޯނާއި، ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތަކާއި، މަގުތަކާއި ގޯޅިތަކުގެ ކަންމަތިގެ އިތުރުން ސްކޫލުތައް ހިމެނޭ ސަރަޙައްދު ބަލަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

މާލޭ ސަރަޙައްދުގައި ޕާކް ކުރާނެ އިތުރު ޖާގަތައް ހެދެންދެން ޕާކިން ސްޓިކާ ޖެހުން މަޑުޖައްސާލީ މިދިޔަ ޖެނުއަރީ މަހު އެވެ. ނަމަވެސް އޭގެ ފަހުން މަގުތަކުގެ ދެ ފަރާތުގައި ވެސް ގިނަ އުޅަނދު ގަވައިދާ ހިލާފަށް ޕާކުކުރުމުން މަގުމަތީގެ ޓްރެފިކް ބާރުބޮޑުވެ، މަގުތައް ބޭނުންކުރުމުގައި އުނދަގޫވާތީ، އެކަމާ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެ އެވެ.