ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފައްދަވަން މަސައްކަތް ކުރާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް ޕާޓީ (ޕީއެންއެފް) އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުން ހަމަކުރުމާ އެކު، އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފި އެވެ.

ޕީއެންއެފް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުއްވީ ޔާމީންގެ ދަރިކަލުން ޒެއިން ޔާމީންގެ ނަމުގަ އެވެ. ޕީއެންއެފް އުފެއްދުމަށް މެމްބަރުންގެ ފޯމް ހުށަހެޅި ނަމަވެސް ބައެއް ފޯމްތައް ސައްހަ ނުވާތީ އެކަން ރަނގަޅު ކުރަން އީސީން އެންގި އެވެ.

އީސީން މިއަދު ބުނީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުންގެ ސޮއި ޕީއެންއެފްއިން ހަމަކޮށްފައިވާތީ އެ ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އެ ޕާޓީއަށް ދީފައިވާ ކަމަށެވެ.

ޕާޓީ އުފެއްދުމަށް ބާއްވާ ޖަލްސާއަކީ އެ ޕާޓީގެ ވަގުތީ ލީޑާޝިޕާއި ޕާޓީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދާ ބެހޭ ކަންކަން ފާސްކުރުމަށް ބާއްވާ ޖަލްސާ އެކެވެ. އެ ޖަލްސާ ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން ވަކި އަދަދަކަށް މެމްބަރުން ހަމަވެގެންނެވެ. އެ ގޮތުން އެ ޖަލްސާގައި މަދުވެގެން 300 މެމްބަރުން ތިބެން ޖެހޭނެ އެވެ.

ޔާމީން ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ޕީޕީއެމުން ވަކިވެވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.