އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ އެއާޕޯޓުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ކުރި އިއުލާނެއްގައި ވަނީ އޭވީއެސް ޓްރެއިނީގެ މާގަމަށް 55 މުވައްޒަފުން ބޭނުންވާ ކަމަށެވެ.
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި މަހަކު 5920.00ރ. ލިބޭ އިރު ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 1500.00ރ. ލިބޭނެ އެވެ. އެހެނިހެން އެލަވަންސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ކޮއްތު ފައިސާގެ ގޮތުގައި ޑިއުޓީ އަށް ނުކުންނަ ކޮންމެ ދުވަހަކަށް 60ރ. އަދި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ލިބޭނެ އެވެ.
މީގެއިތުރުން ފޯނު އެލަވަންސް ގޮތުގައި މަހަކު 150ރ. އާއި ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އަދި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެ އެވެ.
ވަޒީފާގެ މަސްއޫލިއްޔަތުގެ ތެރޭގައި ވަޒީފާ އަށް ވަނުމާ ވިދިގެން އަންނަ ޕްރޮބޭޝަނަރީ ތިން މަސް ދުވަހުގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީ ބޭސިކް ކޯސް ފުރިހަމަ ކުރުމާއި ޑިއުޓީ ސުޕަވައިޒަރު، ޝިފްޓް އިންޗާޖް ނުވަތަ އެމީހުން އައްޔަން ކުރާ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން އަންގާފައިވާ ގަވައިދުތަކާއި މަސައްކަތް ކުރުމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މަސައްކަތް ފުރިހަމަ ކުރަން ވާނެ އެވެ.
މީގެއިތުރުން ޑިއުޓީ ސުޕަވައިޒަރު، ޝިފްޓް އިންޗާޖް ނުވަތަ އެމީހުން އައްޔަން ކުރާ އިސް މުވައްޒަފެއްގެ ބެލުމުގެ ދަށުން މަދަނީ ވައިގެ ބަނދަރުތަކުން ދަތުރު ކުރާ ފަސިންޖަރުންނާއި ކްރޫންނާއި އެމީހުން ގެންދާ ތަކެތި ބަލައި ފާސް ކުރަން ޖެހެ އެވެ. އަދި އެއާޕޯޓުގެ ސެކިއުރިޓީ ރެސްޓްރިކްޓެޑް އޭރިއާތަކަށާއި މަތިންދާ ބޯޓު ފަހަރަށް ނުރައްކާތެރި ތަކެތި ގެންދިއުން ހުއްޓުވުމާއި މި ސަރަހައްދުތަކަށް އެކްސެސްވާ މީހުންނާއި ދާގީނާތަކާއި ވެހިކަލްތަކާއި އެ ވެހިކަލްތަކުގައި ގެންދާ ތަކެތި ބަލައި ފާސް ކުރަން ޖެހޭނެ އެވެ.
އެ މުވައްޒަފުން ފުރަތަމަ މަސައްކަތް ކުރަން ޖެހޭނީ ޓްރެއިނީއެއްގެ ގޮތުގައެވެ. މަގާމަށް ހޮވުމަށް ހަމަޖެހިފައިވާ މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުންނެވެ.