މަސްޖިދުލް ހަރަމްގައި އުމްރާވުމަށް ދާ އުމްރާވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އެ ކައުބާ ވަށައިގެން ތަވާފްކުރަން ހާއްސަ ބެޓެރި ކާރުތަކުގެ ހިދުމަތް ދޭން ފަށައިފި އެވެ.
ހަރަމައިންގެ ރަސްމީ ޓްވިޓާ އެކައުންޓްގައި ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ހިދުމަތަކީ އުމުރުން ދުވަސްވެފައިވާ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތަވާފް ކުރުމުގެ މަގުފަހި ކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ހިދުމަތެއް ކަމަށެވެ.
އެގޮތުން އޭގެ 50 ކާރު ހަރަމްފުޅުގައި ބޭނުން ކުރާއިރު ކޮންމެ ކާރެއްގައި 10 މީހުންގެ ޖާގަ ހުރެ އެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ގޮނޑިއެއް ވެސް ކާރުގެ ފަހަތުގައި ހުރެ އެވެ.
މި ކާރުތައް ދުއްވާނީ ކިންގް އަބްދުލްއަޒީޒް އުމްރާ ގޭޓުން ވަދެވޭ ހަރަމްފުޅުގެ މަތީ ފަންގިފިލައެއްގައި އެކަމަށް ހާއްސަ ކުރެވިފައިވާ މަގެއްގަ އެވެ.
މި ހިދުމަތް ކޮންމެ މީހަކަށް 25 ރިޔާލްގެ އަގަކަށް ލިބޭއިރު، އެ ހިދުމަތް ކޮންމެ ދުވަހަކު ވެސް ހަވީރު 4:00 ން ފަތިހު 4:00 އަށެވެ.
މަސްޖިދުލް ހަރަމްއަކީ ކޮންމެ އަހަރަކު ވެސް އެތައް ބިލިއަން މުސްލިމުންނެއް ޒިޔާރަތްކުރާ މުސްލިމުންގެ އެންމެ މުގައްދަސް މިސްކިތެވެ.