މަތިންދާބޯޓު ދުއްވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެތައް ފަސިންޖަރުންނަކާ އަދި ކެބިން ކްރޫއިން ގޮވައިގެން، ބޯޓުގެ ކެޕްޓަން ރަންވޭ އިން ނައްޓާލަނީ ރައްކާތެރިކަމާއެކު ވަކި މަންޒިލަކަށް ގެންގޮސްދޭނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ދެމުންނެވެ. އެ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށްޓަކައި ޕައިލެޓުން އުފުލާ ބުރައަކީ އެމީހުން އަޅާ ސްމާޓް ޔުނިފޯމަކުން ނުވަތަ ދުއްވާފައި ދާ ބޯޓުގެ ބޭރުފުށުން ފެންނާނެ ކަންކަމެއް ނޫނެވެ.
ހ. ސްނޯޑްރޮޕް އަހްމަދު ނައީލް ނުވަތަ ކެޕްޓަން ނައީލަކީ ފަސިންޖަރުންގެ ފަރާތުންނާ އޭނާ މަސައަކަތް ކުރާ ކުންފުނީގެ ފުރިހަމަ އިތުބާރު ލިބިފައިވާ މޮޅު ގާބިލް ޕައިލެޓެކެވެ. 2008 ގައި މެލޭޝިއާގައި އިންފޮމޭޝަން ޓެކްނޮލޮޖީ އިން ޑިގްރީ ފުރިހަމަކޮށް މޯބައިލް ކޮމްޕިއުޓިން އިން ސްޕެޝަލައިޒްވިއިރު ވެސް ޕައިލެޓަކަށްވުމަކީ ކުލަ ނުޖެހި އޮތް ހުވަފެނެކެވެ.
"އަޅުގަނޑު ޑިގްރީ ނިންމުމަށް ފަހު އެއްއަހަރު ދިރާގުގައި މަސައްކަތް ކުރިން. ދެން ލިބުނު ޗާންސެއްގައި ރިސޯޓް ފޮޓޯގްރަފީ ހެދީ. ފަސް އަހަރު އެ މަސައްކަތުގައި އުޅުނިން،" ޕައިލެޓަކަށްވުމުގެ ކުރިން އަދާކުރި ވަޒީފާތަކުގެ ތަފްސީލް އޭނާ ހިއްސާ ކޮށްލި އެވެ.
ޕައިލެޓް ޓްރެއިނިން ހެދީ އައްޑޫގައި
ފޮޓޯގްރަފީގެ މަސައްކަތުގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު، ޕައިލެޓަކަށްވުމަށް މަގުކޮށި އެވެ. އާއިލާގެ އެއްބާރުލުމާއެކު ޕައިލެޓް ޓްރެއިނިން އަށް އައްޑުއަށް ފުރީ ވަރަށް އުފަލުން ހުރެ އެވެ.
"އެއީ ދެ އަހަރުގެ ޓްރެއިން ކޯހެއް. އޭރު އެ ސްކޫލްގައި ޓްރޭންވާ ދިވެހިން ވަރަށް މަދުވާނެ،" އޭނާ ބުންޏެވެ.
ނައީލް ޕައިލެޓް ޓްރޭނިންގް 2015 ގައި ނިންމުމަށްފަހު އައިލެންޑް އޭވިއޭޝަނާ ގުޅުނީ 2016 ވަނަ އަހަރު މޭ މަހު އެވެ. މިހާރު އޭނާއަކީ އެ ކުންފުނިން ދުއްވާ ޑޭޝް 8 އެއާކްރާފްޓްގެ ކެޕްޓަނެއްގެ މަގާމުގަ އެވެ.
"މިހާރު މިހިރަ ހިސާބަށް އާދެވުނީ ވަރަށް މަސައްކަތުން ވަރަށް ގިނަ ތަޖުރިބާއާއެކު. ވަރަށް ހިތްހަމަޖެހޭ މިހާރު އާދެވިފަ މިހިރަ ހިސާބާ ދޭތެރޭ،" ނައީލް ބުނެލި އެވެ.
ޓްރެއިނިން ނިންމުމަށްފަހު ވަޒީފާއާ ގުޅުނުއިރު ކުރިން ހީކޮށްފައި ނުވާ ކަމަކާ ދިމާވިކަން އޭނާ ފާހަގަކުރި އެވެ. އެ ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަސްކޮޅު ދަސްވި އެއްކަމަކީ ޕައިލެޓުންނަކީ އަބަދުވެސް އާ ޓްރެނިންތަކާއި އާ ކަންތައްތައް ދަސްކޮށް، މަސައްކަތަށް ވަރަށް ބޮޑަށް އަހުލުވެރި، ގާބިލް ވާން ޖެހޭނެ ބައެއްކަން އެނގުނެވެ.
"ވަޒީފާއާ ގުޅުނު ފުރަތަމަ ދެ އަހަރު އަމިއްލަ މީހާ ހާނު ވަންޖެހުނު ކަމެއް އެއީ. ނަމަވެސް މިހާރު ގަބޫލުކުރަން ކިޔެވުމާ އަވަސް އަވަސް އަވަހަށް ހަދަންޖެހޭ ތަމްރީންތަކަކީ މި ދާއިރާގެ ގޮތުން ވަރަށް މުހިންމު ކަންތައްކަން. މަސައްކަތުގެ ސްޓޭންޑާޑް ހިފެހެއްޓުމަށްޓަކާ ކޮންމެ އަހަރަކުވެސް ޕައިލެޓުން ވަރަށް ގިނަ ޓެސްޓްތައް ހަދާނެ. އަދި ރަނގަޅު ނަތީޖާ ދެއްކުމަށް ވަރަށް ޑެޑިކޭޓަޑް މީހަކަށް ވެސް ވާންޖެހޭނެ. މަސައްކަތުގެ އެންމެ މަތީ ލެވަލްގަ ހިފެހެއްޓޭނީ އޭރުން. މިފީލްޑް ޗޫސް [ހިޔާރު]ކުރާ ކުދިން މިކަން ދަންނަން ވާނެ،" ނައީލް ކިޔައިދިނެވެ.
ފްލައިންއަށް ތައްޔާރުވާ ގޮތް ވަރަށް ތަފާތު
ކޮންމެ ދުވަހަކު ވެސް ކުރާ ތަފާތު ތަޖުރިބާތަކަކީ މި މަސައްކަތުން ލިބޭ އެންބޮޑު ހިތްމަޖެހުމެވެ. ވަޒީފާއަށް ދާން ތައްޔާރުވުމުގައި ވެސް ތަފާތެވެ.
"އަޅުގަނޑުގެ އެދުވަހުގެ ޑިއުޓީ އެނގުމުން ފުރަތަމަ ކުރާ ކަމަކީ ނިދި ހަމަކުރަނީ. ގެއިން ނިކުންނަނީ ކޮފީތައްޓެއް ބޯލައިގެން އަދި ކޮންމެވެސް އެއްޗެއް ކާލައިގެން. ދެން ގަޑިއަށް ޑިއުޓީއަށް ރިޕޯޓް ކުރަން،" އޭނާ ބުންޏެވެ.
އޭގެ ފަހުން ފްލައިކުރުމުގެ ދެގަޑިއިރު ނުވަތަ ދޮޅުގަޑިއިރު ކުރިން ފްލައި ކުރަންޖެހޭ އެއާ ކްރާފްޓާ ބެހޭ ޑީޓެއިލް ހޯދަ އެވެ. އެއަށް ބެލުމުން އެދުވަހުގެ ވާކްލޯޑް އޭނާއަށް އެނގެ އެވެ. އެއަށްފަހު ދެން ބޯޓުގެ ކްރޫއާ ބައްދަލުކޮށް ފްލައިޓާ ބެހޭގޮތުން މަޝްވަރާކުރެ އެވެ.
"ވަރަށް ރެއާލީ(މަދުން) ތަފާތުކަމެއް ހުންނާނީ. އަބަދުވެސް ބޮޑަށް މަޝްވަރާ ކުރާނީ މޫސުމާ ބެހޭގޮތުން. ދެން ބޯޓަށް އަރާ ފުރަތަމަ އޮންނާނީ އިންސްޕެކްޓް ކުރުން. ބޯޓުގެ ބޭރާ ކޮކްޕިޓް ވަރަށް ރަނގަޅަށް ޗެކް ކުރަން. ފަސިންޖަރުން ބޯޑިންވާން (ބޯޓަށް އަރަން) ގޮވާލަނީ ކެބިންކްރޫން ފުރިހަމަ ކުރަންޖެހޭ ކަންކަން ނިމުމުން،" އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ ނައީލް ފްލައިކުރަން ދާ ދުވަހެއްގައި ކަންތައް ކުރާ ގޮތް ހިއްސާ ކޮށްލި އެވެ.
މަތިންދާ ބޯޓެއް ދުއްވުމަކީ ސަލާމަތާ ރައްކާތެރިކަން ވަރަށްބޮޑަށް ކަށަވަރު ކުރެވިފައިވާ ވަޒިފާއަކަށް ވާތީ، ބޯލަނބަން ޖެހޭ ވަރަށް ގިނަ ހަރުކަށި ގަވާއިދުތަކެއް ހުންނަކަން ވެސް ކެޕްޓަން ފާހަގަ ކުރި އެވެ.
"މިއީ ވަރަށް ރެގިއުލޭޓް ކުރެވިގެން ކުރެވޭ މަސައްކަތެކެވެ. އެކަމަށްޓަކައި ޗެކްލިސްޓްތަކާ މެނުއަލްސްތަކުގަ ހުންނަ ކަންކަން ފުރިހަމަ ކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ. މެޑިކަލް އިމަޖެންސީއެއްގަ ނުވަތަ ބޯޓުގެ އިޝޫ (މައްސަލަ) އެއްގަ ނުވަތަ ފަސިންޖަރެއްގެ ފަރާތުން ދިމާވާ ކަމެއްގަ ބޯޓް ކެޕްޓަންގެ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކީ މިބުނާ ޗެކްލިސްޓް ތަކާ މެނުއަލްސްގެ ބޭރުން އަންނަ ކަންކަމުގައި، އަމިއްލަ ތަޖުރިބާގެ އަލީގަ ގޮތެއް ނިންމުން. ބައެއް ފަހަރު ސީނިއާ ބޭފުޅުންނަށް ގުޅައިގެން އެބޭފުޅުންގެ ލަފައާއި އިރުޝާދުގެ މަތިން ނިންމަން ޖެހޭ ކަންކަން ހުރޭ،" ނައީލް އިތުރަށް ސާފުކޮށްދިނެވެ.
ފްލައި ކުރިއިރު ދިމާވި ހައްލު ނުކުރެވުނު ހަދިސާއަކީ ކޮބާ؟
ބޯޓުތެރޭގައި ހިގާފާނެ ކޮންމެ ކަމަކަށް ކެބިން ކްރޫންނާ އެއްފަދައިން ޕައިލެޓުން ވެސް ތިބެނީ ތައްޔާރަށެވެ. އެންމެ ގިނައިންދިމާވާ މައްސަލަތަކަކީ ފަސިންޖަރުންގެ ފަރާތުން އަންނަ މައްސަލަތަކެވެ. ބޯޓަށް އެރުމަށްފަހު ވަކި ގޮތަކަށް ކަންތައް ކުރުމަށް އެންގުމުން ހިތްހަމަ ނުޖެހިގެން އުޅޭ މީހުންނާ ވެސް ދިމާވެ އެވެ.
"ކެބިން ކްރޫއިން އިނީޝިއަލީ އެކަން ހައްލު ކުރާނީ. ނަމަވެސް ކެބިންކްރޫއަށް އެކަން ނުވެއްޖެ ނަމަ، އަޅުގަނޑު އެމައްސަލަ ބަލަން. ހައްލުނުވެއްޖެ ނަމަ އެމީހަކު އޯފްލޯޑް ކުރަން (ބޯޓުން ބާލަން އެއީ ސެކިއުރިޓީ އިޝޫ އެއްކަމަށް ބަލާފަ. ވަރަށް ބަލަންޖެހޭ އެހެން ފަސިންޖަރަކަށް ނުވަތަ ބޯޓަށް ގެއްލުމެއްދީފާ ނެތީ،" އޭނާ ކިޔައިދިނެވެ.
އޭގެ ތެރެއިން އެއް ހާދިސާއަކީ ކޮވިޑް ތެރޭގައި ޗާޓާޑް ފްލައިޓެއްގައި ކޮލޮމްބޯއިން މާލެއައި އިރު، ބޭރު ގައުމެއްގެ ދެފަސިންޖަރުންގެ ދެމެދުގައި ހިނގި މައްސަލައެއް ހޫނުވެ ގަޔަށް އަތްލާ ހިސާބަށް ދިޔަ މައްސަލަ އެވެ. އެމައްލަ ނިމުނީ ބޯޓު ޖެއްސުމަށްފަހު އެއާލައިން ސެކިއުރިޓީން ގެނެސްގެންނެވެ.
"ބޭރު މީހުންނާއި ދިވެހިންނާ ވަރަށް ތަފާތު. ކަމެއް ދިމާވެއްޖެ ނަމަ ވެގެން އުޅޭ ގޮތް ދިވެއްސަކަށް ކިޔައިދިނީމަ ގަބޫލުކުރާނެ،" ކެޕްޓަންގެ ތަޖުރިބާ ހިއްސާކޮށްލި އެވެ.
އެންމެ ރައްކާތެރީ މަތިން ދަތުރުކުރުން
ވައިގެ މަގުން ދަތުރުކުރުމަކީ ބައެއް މީހުން ވަރަށް ބިރުގަންނަ ކަމެކެވެ. ނަމަވެސް ކެޕްޓަން ނައީލް ބުނާގޮތުގައި ވައިގެ މަގަކީ ދަތުރުކުރަން އެންމެ ރައްކާތެރި ގޮތެވެ.
"މި އިންޑަސްޓްރީގައި ސަލާމަތީ ކަންތައްތައް ކަށަވަރު ކުރެވިފައިވޭ. ރާއްޖޭގެ އުދުހުންތަކުގެ މަޒީއަށް ބަލާލުމުން ވެސް އެކަން ޔަގީންވޭ. މި ދުއްވާ އެއާ ކްރާފްޓްތަކަކީ ވަރަށް ރައްކާތެރި އެއްޗެއް. އަދި ކަނޑައެޅިފައިވާ ގަވާއިދުތަކެއްގެ ދަށުން ބޯޓުތައް އޮޕަރޭޓް ކުރަން ހުއްދަ އޮންނަނީ. މިހެން ބުނާއިރު އުޑުމަތި ބަނަ ދުވަސް ދުވަހު އެސަރަހައްދުތަކަށް ނާރާ ދުއްވުމުގެ ހުއްދަ ވެސް އޮވޭ. އެންމެ ކްރިޓިކަލް ވަގުތުތަކަކީ ޓޭކްއޯފް [ނައްޓާލާއިރު] އާއި ލޭންޑިން [ޖައްސާއިރު]،" އޭނާ ބުންޏެވެ.
ރާއްޖޭގައި ފްލައިޓްތައް ނައްޓާލާއިރާއި ޖައްސާއިރު ދިމާވާ އެންމެ ބޮޑު މައްސަލައެއް ކަމަށް ނައީލް ފާހަގަކުރި އެއް ކަމަކީ ރަންވޭތައް ކުޑަވުމެވެ. ދެން މޫސުން ގޯސްވުމެވެ.
"މިނޫނިއްޔާ ހުރިހާކަމެއް ވެސް ވަރަށް ސޭފް [ރައްކާތެރިއޭ] އޭ ބުނެވޭނީ. އަސްލު ކަމެއް ގޯސްކޮށް ދިއުމުގެ ޗާންސަސް ހަމަ ނެތޭ ވަރަށް ޔަގީން ކަމާއެކު ބުނެވިދާނެ،" ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ސަލާމަތީ ކަންކަން ގައިމު ވެސް އެންމެ ރަނގަޅަށް އެނގޭނެ ކެޕްޓަން ވަރަށް ތަފްސީލީ ޖަވާބެއް ދިނެވެ.