ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދާ އާ ސިޔާސީ ޕާޓީ, ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް މިރޭ ބާއްވަން އިއުލާން ކުރި ޖަލްސާ "ދައުލަތުގެ އެކި އިދާރާތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން" ފަސްކުމަށް ފަހު އަނެއްކާ މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.
އެ ޕާޓީ އުފެެއްދުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވާ، ކުރީގެ މިނިސްޓަރު މަލީހު ޖަމާލު މިއަދު ވިދާޅުވީ މިރޭ ބާއްވަން ނިންމި ޖަލްސާ ބޭއްވުމަށް ލިބެންޖެހޭ ހުއްދަތައް ނުލިބުމުން ފަސްކުރި ނަމަވެސް، އެ ހުއްދަތައް ލިބުމާ އެކު މާދަމާރޭ ޖަލްސާ ބާއްވަން ނިންމާފައިވާ ކަމަށެވެ. އެހެންވީމާ މާދަމާރޭ 9:15ގައި ގިޔާސުއްދީނު ސްކޫލު ހޯލުގައި ޖަލްސާ އޮންނާނެ ކަމަށް މަލީހު ވިދާޅުވި އެވެ.
މާދަމާރޭ ގެ ޖަލްސާގައި ވެސް ރައީސް އަބްދުﷲ ޔާމީން ބައިވެރިވަޑައިގަންވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މަލީހު ވަނީ، ޕީއެންއެފް އަށް ސޮއިކޮށްފައި ތިބި ވީހާ ވެސް ގިނަ މެންބަރުން މާދަމާރޭގެ ޖަލްސާގައި ބައިވެރިވުމަށް އެދިވަޑައިގެންފަ އެވެ.އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުށް ސާބިތުވެ، ކުރީގެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި އެމަނިކުފާނު ޖަލަށް ލުމަށް ކުރި ހުކުމުގެ އިސްތިއުނާފު އޮތީ ހައި ކޯޓުގައި ހުކުމަކާ ހަމައަށް ގޮސްފަ އެވެ. މިވަގުތު އެމަނިކުފާނު ހުންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ދިން ލުއިތަކާ އެކު ގޭ ބަންދުގަ އެވެ. ގޭބަންދުގައި ހުންނަވަނީ ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް ޝަރުތު ވެސް ކޮށްފަ އެވެ.