ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ޣިޔާސުއްދީން ސްކޫލަށް ވަންނަން ދިޔަ އާއްމުންނަށް ފުލުހުން ހުރަސް އަޅައި، ހިންގި އަމަލުކުރި ގޮތާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ސުލްހަވެރި އެއްވުންތަކާއި ރައްޔިތުން ކުރާ އިހްތިޖާޖުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އަދި އާއްމުކޮށް ރައްޔިތުންނާއި ގުޅޭކަންކަން ހައްލުކުރުމަށް ފުލުހުން ހަރަކާތްތެރިވާއިރު ހާލަތާ ނުބައްދަލު ބާރު ބޭނުން ނުކުރެއްވުމަށް ރައީސް މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް "އެސްއޯ" ފުލުހުން ޚާއްސަ ހާލަތްތަކުގައި ނޫނީ ބޭނުން ނުކުރެއްވުމަށް ވެސް ރައީސް އަންގަވާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ރޭ ޣިޔާސުއްދީން ސްކޫލު ކައިރީގައި ފުލުހުން މަސައްކަތް ކުރެއްވި ގޮތް އަދި ބާރުގެ ބޭނުން ކުރުމާއި "އެސްއޯ" ފުލުހުން ބޭނުން ކުރަން ޖެހުނު ސަބަބު ރިވިއުކޮށް ބަލަން ކަމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއުއަށް ދަންނަވާފައިވާ ކަމަށެވެ.

ޣިޔާސުއްދީން ސްކޫލު ކައިރީގައި ހިނގި ކަންކަމާއި ގުޅޭގޮތުން ފުލުހުން ބުނީ އެ ސްކޫލު ކައިރީ ހަރަކާތްތެރިވީ ހުއްދަދީފައި ނުވާ އެއްވުމަށް އެ ސްކޫލްގައި ބާއްވަން އުޅޭތީ އެކަން ހުއްޓުވައި، ސްކޫލް ރައްކާތެރިކުރުމަށް ސްކޫލްގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގައި އެދިފައިވާތީ ކަމަށެވެ. އަދި އެ މިނިސްޓްރީން އެކަން ތަންފީޒުކުރުމަށް، ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ނަމަވެސް ޕީއެންއެފް އިން ބުނީ އެ ޖަލްސާ ބާއްވަން އެ ސްކޫލްގެ ހޯލު ކުއްޔަށް ހިފައިގެން ކަމަށާއި އެ ޖަލްސާ ބޭއްވުމާ ހަމަޔަށް ވެސް އެކަން ނުކުރެވޭނެ ކަމަށް އެ ސްކޫލުން އެ ޕާޓީއަށް އަންގާފައިނުވާ ކަމަށެވެ.