ރަމަޟާން މަސް ނިމުމުން ހެޔޮކަމުގެ މޫސުން ނިމުނީއެއް ނޫނެވެ. ހެޔޮކަމުގެ މޫސުމަކީ އަބަދާއި އަބަދަށް ދެމިއޮންނަ މޫސުމެކެވެ. އަހަރުގެ ހުރިހާ މަހަކީ ވެސް ހެޔޮކަމުގެ މައްސަރެވެ. އެހެނަސް، ރަމަޟާން މަސް އިތުރަށް މާތްވެގެން ވަނީއެވެ.
މުއުމިނު އަޅާއަކީ އަބަދުވެސް ހެޔޮކަމުގެ މަތީގައި ހުންނާންޖެހޭ އަޅެކެވެ. އެއް ހެޔޮކަމަށްފަހު އަނެއް ހެޔޮކަމެވެ. ރަމަޟާން މަހަށްފަހު ޝައްވާލުމަހުގެ 6 ރޯދައެވެ. އެއަށް ފަހު ހޯމަ، ބުރާސްފަތީގެ ރޯދައެވެ. ޢާޝޫރާ ދުވަހުގެ ރޯދައާއި ޢަރަފާތް ދުވަހުގެ ރޯދައެވެ. އަދި ކޮންމެ މަހެއްގައި ހިފާ ތިން ރޯދައެވެ.
ޝައްވާލު މަހުގެ 6 ރޯދައަކީ ވެސް ސަވާބާއި ދަރުމަ އިންތިހާއަށް އޮތް ރޯދައެކެވެ. އެ ގޮތުން ޝައްވާލްމަހު 6 ރޯދައާ ބެހޭގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވައިފައިވެއެވެ. "مَنْ صَامَ رَمَضَانَ، ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ، كَانَ كَصِيَامِ الدَّهْرِ ". [مسلم: 1164] މާނައީ: "ރަމަޟާންމަހު ރޯދަ ހިފުމަށްފަހު ޝައްވާލު މަހުން 6 ރޯދަ ހިފާ މީހަކީ މުޅި އަހަރު ދުވަހު ރޯދަހިފާ މީހެއް ފަދަ މީހެކެވެ."
ޝައްވާލު މަހު 6 ރޯދަ ހިފުމަކީ މުޅި އަހަރު ދުވަހު ރޯދަހިފުން ކަމަށް އެ ބެލެވެނީ، ހެޔޮކަންތަކުގެ ސަވާބާއި ދަރުމަ މާތް ﷲ ދިހަ ގުނައަށް އިތުރުކޮށްދެއްވާތީއެވެ. ރަމަޟާންމަހު ރޯދަ ހިފުމަށް ފަހު ޝައްވާލުމަހު 6 ރޯދަ ހިފުމަކީ އެ ގޮތުން ބަލާއިރު 360 ރޯދަ ހިފުން ފަދަ ކަމަކަށް ވާތީއެވެ. މުއުމިނުތަކުންނަށް އޮތީ މާތްﷲ ދެއްވާ މިފަދަ މަތިވެރި ސަވާބާއި ދަރުމަ ޙާޞިލުކުރާން މަސައްކަތްކުރުމެވެ. މިފަދަ ހެޔޮކަންކަމުން މަޙްރޫމުވުމަކީ މުސްލިމަކާ އެކަށީގެންވާ ކަމެއް ނޫނެވެ.
ދެން ޝައްވާލުމަހުގެ ރޯދައަށް ބަލާއިރު، ޝައްވާލުމަހު ރޯދައާއި ޝަޢުބާންމަހު ރޯދަ ކުޅޭ ދައުރަކީ ފަރުޟު ނަމާދުތަކުގެ އިހާއި ފަހުގައިވާ ސުންނަތް ނަމާދުތަކާއި ރަވާތިބު ސުންނަތް ނަމާދުތަކުގެ ދައުރެވެ. އެއީ ފަރުޟު ނަމާދުގައި އުނިކަމެއް ވާ ނަމަ، އެ ކަމެއް ފިލުވައިލުމެވެ. އެހެނީ، ފަރުޟު އަޅުކަންތަކުގައި ހިމެނޭ ނުޤުޞާންތައް (އުނިކަންތައް) ނަވާފިލު (ސުންނަތް) އަޅުކަންތަކުން ފިލުވައިލައެވެ.
ހަމަ އެހެންމެ، ރަމަޟާން މަހަށް ފަހު ޝައްވާލުމަހު 6 ރޯދަ ހިފާ ހިފުމުގައި ދަލީލުކޮށްދެނީ، އެ މީހަކު މާތް ﷲ އަށް ޝުކުރު އަދާކުރާ އަދާކުރުމެވެ. އެއީ ރަމަޟާންމަހު ރޯދަ ހިފުމަށް އޭނާއަށް ﷲ ތަޢާލާ ތައުފީޤު ދެއްވި ކަމަށް ޓަކައި އޭނާ ހިތުގައި އެ އިލާހަށް އޮތް ކޮޅުނެތްކޮޅުގެ ޝުކުރާއި ޙަމްދެވެ. އަދި އެ އަޅާއަކީ ހެޔޮކަމަށް ލޯބިކުރާ އަދި ގިނަ ހެޔޮކަންކަން ޣަނީމާކުރާން ލޯބިކުރާ އަޅެއް ކަމެވެ. ހެޔޮކަމުގެ މަގުގައި އަބަދުވެސް ސާބިތުވެހުރުމަށް ލޯބިކުރާ އަޅެއް ކަމެވެ.
ހަމަކަށަވަރުން މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެ އިލާހުގެ އަޅުތަކުން ރަމަޟާން މަހުގެ ރޯދައަށް ތައުފީޤު ދެއްވި ކަމަށް ޓަކައި އެ އިލާހުގެ މަތީން ޒިކުރުކޮށް ހަނދުމަ ކުރުމަށް އަމުރުކުރައްވައިފައެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައިވެއެވެ. وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ﴿١٨٥﴾ [البقرة:185] މާނައީ: "... (އަދި ރޯދައިގެ މި އަޙްކާމުތަކާއި މި ކަންތައްތައް މި ގޮތަށް ކަނޑައަޅުއްވައިފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ އަދަދު ފުރިހަމަ ކުރުމަށް ޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް ތަކްބީރު ކިޔައި އުޅުމަށް ޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށް ޓަކައެވެ. (185)"
މި އާޔަތަކީ ރަމަޟާންމަހު ރޯދަ ހިފުމަށް މާތްﷲ އަމުރުކުރެއްވި އާޔަތެވެ. އަދި ރޯދަ ނުހިފޭ ބަލި މީހުންނާއި ދަތުރުވެރީންނާއި އެހެނިހެން ވެސް މީހުން ކަންތައް ކުރަންވާ ގޮތް ބަޔާންކުރެއްވި އާޔަތެވެ. އެއަށްފަހު އެ އިލާހު މި އާޔަތުގައި ބަޔާންކުރައްވައިފައިވަނީ މި ކަންތައް މި ބީދައިން ލައްވައިފައި މި ވަނީ އަޅުގަނޑުމެން އެ މަހުގެ ރޯދަތައް ފުރިހަމަކޮށް އެ އިލާހަށް ތަކްބީރުކިޔައި އެ އިލާހަށް ޝުކުރުވެރި ވުމަށްޓަކައި ކަމެވެ. މިއިން ދޭހަކޮށްދެނީ، ހެޔޮކަންކަމުގެ މޫސުމާއި ހެޔޮކަންކަމަށް އަޅުގަނޑުމެންނަށް އެ އިލާހު ދެއްވާ ތައުފީޤަކީ އަޅުގަނޑުމެން އެ ކަންކަން ބަލައިގަނެ އެ ފުރުޞަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައި، އެ ފަދަ ނިޢުމަތްތަކަށް ފަށްފަށުން ޝުކުރު އަދާކުރާންޖެހޭ ކަމެއް ކަމެވެ. މާތްﷲ ވަޙީކުރައްވައިފައިވަނީ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ [إبراهيم:7] "ތިޔަބައި މީހުން ޝުކުރުކޮށްފި ނަމަ، ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ ތިޔަބައި މީހުންނަށް އިތުރުކޮށް ދެއްވާހުށީމެވެ." މިފަދައިންނެވެ.
ދެން މި އެނބުރިލަނީ، ޝައްވާލު މަހުގެ 6 ރޯދަ ހިފުމުގައި ކަންތައް ކުރާންޖެހޭ ގޮތުގެ މައްޗަށެވެ. ވަރަށް ގިނަބަޔަކު ކުރާ ސުވާލެއް އޮވެއެވެ. އެއީ، ރަމަޟާން މަހު ޤަޟާކުރާން ޖެހޭ ރޯދަތައް ހުއްޓައި، އެ ރޯދަތައް ޤަޟާ ނުކޮށް ޝައްވާލުމަހުގެ ރޯދަތައް ހިފިދާނެތޯ ކުރާ ސުވާލެވެ. އޭގެ ޖަވާބެއްގެ ގޮތުން ދަންނަވާން އޮތީ، ހުރިހާ ޢިލްމުވެރީން ވެސް އިއްތިފާޤުވެވަޑައިގަންނަވާ ގޮތުން، ރަމަޟާން މަހުގެ ރޯދަތައް ޤަޟާކުރުމަށްފަހު ޝައްވާލު މަހުގެ 6 ރޯދަ ހިފުމަކީ އެންމެ މޮޅު އިތުރު ގޮތް ކަމަށެވެ. އެހެނަސް އެންމެންގެ ޙާލަތަކީ އެއް ޙާލަތެއް ނޫނެވެ. އެންމެންގެ ޤަޟާކުރާންޖެހޭ ރޯދައިގެ އަދަދަކީ ވެސް އެއް އަދަދެއް ނޫނެވެ. ބައެއް މީހުންގެ ޤަޟާކުރާން ޖެހޭ އަދަދު ވަރަށް މަދުވެދާނެއެވެ. ބައެއް މީހުންގެ ވަރަށް ގިނަވެދާނެއެވެ. ވުމާއެކު، ޤަޟާކުރުމަށްފަހު ދެން ޝައްވާލު 6 ރޯދަ ހިފާން ބައެއް މީހުންނަށް ވަގުތު ނުލިބިދާނެއެވެ. އެފަދަ މީހުންނަށް ދަންނަވާލަން އޮތީ، ޝައްވާލުމަހުގެ 6 ރޯދައަށް އެފަދަ ޙާލަތުގައި އިސްކަންދިނުމަކީ މައްސަލައެއް ނޫން ކަމެވެ. އެހެނީ، ރަމަޟާންމަހު ރޯދަތައް ޤަޟާކުރުމަށް ވަނީ ވަރަށް ތަނަވަސް ވަގުތެއް މާތްﷲ ދެއްވައިފައެވެ. އެއީ ކުރިޔަށް އޮތް ރަމަޟާން މަސް ޖެހެންދެން ދެމިގެންވާ ވަގުތެކެވެ.
ހަމަ މި ބީދައިން، ވަރަށް ގިނަބަޔަކު ކުރާ އެހެން ސުވާލެއް އޮވެއެވެ. އެއީ ޢަރަފާތް ދުވަހުގެ ރޯދައާއި ޢާޝޫރާ ދުވަހުގެ ރޯދައާއެކު ޤަޟާ ރޯދަތައް އެއް ނިޔަތެއްގައި ހިފޭގޮތަށް، ޝައްވާލުމަހުގެ ރޯދަ ވެސް ޤަޟާ ރޯދަޔާ އެއް ނިޔަތެއްގައި ހިފުމުން ފުދޭނެތޯ ކުރާ ސުވާލެވެ. އޭގެ ޖަވާބަކީ، ޝައްވާލު މަހުގެ 6 ރޯދަ އެ ގޮތަށް ހިފުމުން ރަނގަޅު ނުވާނެ ކަމެވެ. އެހެނީ، ޝައްވާލު މަހުގެ 6 ރޯދައިގެ މަތިވެރިކަން ބަޔާންކުރެއްވި ހިނދު ޙަދީޘް ކުރައްވައިފައި ވަނީ ރަމަޟާންމަހު ރޯދަ ހިފުމަށް ފަހު، އެއާ ވިދިގެން 6 ރޯދަ ހިފުމުގެ މާތްކަމުގެ ވާހަކައެވެ. އެހެންކަމުން، އެއިން ދޭހަކޮށްދެނީ، އެއީ ރަމަޟާން މަހުގެ ރޯދަ ޤަޟާކުރުމާ އެއް ނިޔަތެއްގައި ހިފޭނޭ ރޯދަތަކެއް ނޫން ކަމެވެ.
ޝައްވާލު މަހުގެ 6 ރޯދައަކީ އެކުއެކީ ވެސް އަދި ވަކިވަކީން ވެސް ހިފިދާނޭ ރޯދަތަކެކެވެ. މުހިންމީ ޝައްވާލު މަސް ނިމުމުގެ ކުރީން އެ 6 ރޯދަ ހިފައި ނިންމައިލުމެވެ. ދުޢާއަކީ، މާތްﷲ ތަޢާލާ އަޅުގަނޑުމެންނަށް މި ރޯދަތައް ހިފުމުގެ ތައުފީޤު ދެއްވުމެވެ. އާމީން!