ޔޫއޭއީގައި ޓެސްޓް ފޭސް ތިނެއްގައިވާ ކޮވިޑް-19ގެ ވެކްސިނެއް ބޭނުންކުރުމަށް އިމަޖެންސީ ހުއްދައެއް ދީފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ އިދާރާތަކުން ބުނެފި އެވެ.

"މި ވެކްސިން ދެވޭނީ ވައިރަހަށް އެންމެ ބޮޑަަށް ހުށައެޅިފައިވާ، ކުރީ ސަފުގައި މަސައްކަތް ކުރާ މީހުންނަށް،" ނެޝަނަލް އިމަޖެންސީ ކްރައިސިސް އަދި ޑިސާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޔޫއޭއީގެ މިނިސްޓަ އޮފް ހެލްތު އެންޑް ޕްރިވެންޝަން، އަބްދުލް ރަހްމާން އަލް-އޮވައިސް ވިދާޅުވި ގޮތުގައި ވެކްސިނަކީ ރައްކާތެރި އަދި އަދި ގާނޫނާއި ގަވައިދުތަކަށް ފެތޭ ވެކްސިނެކެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ވެކްސިން ބޭނުން ކުރުމުގެ އިމަޖެންސީ ހުއްދަ ދީފައި ވަނީ ކޮރޯނާވައިރަހާ ދެކޮޅަށް އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކަ އެވެ. އަދި މި ވެކްސިން ޓެސްޓްކުރި މީހުންގެ ހަށިގަނޑުގައި ގިނަ އަދަދެއްގެ އެންޓި ބޮޑީސް އުފެދިފައިވާ ކަމަށް މިހާތަނަށް އެއްކުރެވިފައިވާ ޑޭޓާ ތަކުން ދައްކާތީ، ވެކްސިން އިން ނަތީޖާ ނެރެވޭނެ، ރައްކާތެރި ވެކްސިނެއް ކަމަށް ގަބޫލުކުރާ ކަމަށް ވެސް އަބްދުއްރަހުމާން ވިދާޅުވި އެވެ.