މިހާރު ސަރުކާރުގެ އިދާރާއަކަށް ގުޅައިގެން ހިދުމަތެއްހޯދަން އުޅުނު މީހަކަށް އެކަމުގައި ހުރި އުނދަގޫތައް އިހުސާސްކުރެވޭނެ އެވެ. އެއްފަހަރު ގުޅައިގެން ހިދުމަތެއް ލިބުމަކީ ވަރަށް މަދުން ނޫނީ ނުވާނެ ކަމެކެވެ. އެއިން އިދާރާއެއްގެ ފޯނަކަށް ގުޅައިގެން ޖަވާބެއް ލިބޭނީ ގުޅައި ގުޅައި ވަރުބަލިވާ ފަހުންނެވެ. ބައެއް ފަހަރު ވިއްސަކަށް މިނެޓުވަންދެން ކޯލަށް ޖަވާބު ދޭނެ ކަމުގެ އިންތިޒާރުގައި ހުންނަން ޖެހެ އެވެ.

ހިދުމަތެއް ހޯދަން އެއިން އިދާރާއަކަށް ދިޔުމަކީ ވެސް އިންތިހާއަށް ބޮޑު ބުރައެކެވެ. އޭގެ ތަނަކަށް އެއްފަހަރު ގޮސްގެން އެ ކުރަން އުޅޭ ކަމެއްވުމަކީ އެއީ އެ މީހެއްގެ ނަސީބެވެ. އެކަމަކު ގޮސް އެތައް ގަޑިއިރަކު މަޑުކުރަން ނުޖެހި ސަލާމަތްވާނީ މަދުފަހަރަކު އެވެ.

މިހުރިހާ ކަމަކަށް ވެސް ޝޯޓްކަޓެއް އެބައޮތެވެ. އިހުޒަމާނު ރަށުމެދަށް ނުކުމެ ސަންގު ހިފައިގެން ހުރެ ފުމޭހެން ނިކަން ބާރަށް ޓުވިޓާގައި ސަރުކާރުގެ މިވެނި އިދާރާއަކުން މިވެނި ހިދުމަތެއް ހޯދަން އެބަ ގުޅަމޭ، ތިޔަ ފޯނު ނަގާބަލާށޭ ކިޔާ ޕޯސްޓެއް ޖަހާބަލާށެވެ. އެ އިދާރާއަކުން ނުވަތަ ތަނެއްގައި ރޯވެގެން އުޅޭހެން ނިކަން އަވަހަށް އެ ޓުވީޓަކަށް ރިޕްލައިކޮށް، ޑީއެމް ކުރާށޭ ބުނެ އެކަމަކާއިގެން އުޅެން ފަށާނެ އެވެ. އަޑު ގަދަ މީހާ ރުއް ގިނަވާނޭ ބުނާހެން ޓުވިޓާގައި ހަޅޭއްލަވާ މީހާއަށް ކަންކަން ވާން ވަރަށް ފަސޭހަ އެވެ.

މިގޮތް ނިކަން ފަސޭހަ އެވެ. އެހެނަސް މިއީ ކަން އޮންނަންވީ ގޮތް ހެއްޔެވެ؟ ސަރުކާރުން ފަސޭހައިން ހިދުމަތް ލިބެން ޖެހޭނީ އަޑުގަދަ މީހާއަށް އެކަނި ހެއްޔެވެ؟ ސަރުކާރުގެ އިދާރާތަކަކީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ގާއިމު ކުރެވިފައިވާ ތަންތަނެވެ.

ރައްޔިތުންނަށް އަހުވަ ނުޖައްސައި، ހިދުމަތް ދިނުމަކީ ޔަގީނުން ވެސް އެ އިދާރާތަކުގައި މައްސޫލިއްޔަތު ހަވާލުވެކުރެވިފައި ތިބި މީހުންގެ ވާޖިބެކެވެ. ތިޔަ ފޯނުތަކުގެ ނިވަލުގައި ތިބެ، އެ މީހުން ކުރަނީ ކޮން ކަމެއްތޯ ވަރަށް ގިނައިން އޭ ހިތަށް އަރަ އެވެ.

ދެން ތިބީ ބޮޑެތި ގޮނޑިތަކުގައި ބޮޑު މުސާރަ ނައިގެން ތިބޭ ސަރުކާރުގެ ބޮޑުންނެވެ. ބޮޑުންގެ ނޭފަތް ދަށުން އެއްކަލަ ވަގުކަލޭގެ ގޮސް ކުޑަދޮރުން ފުންމާލާތަނުން އެކަން ކުއްވެރިކުރަމޭ ކިޔާ ޓުވިޓާގައި ބޮޑު އަކުރުން ޓުވީޓު ޖަހާލަން ނިކަން ފަރިތަވާނެ އެވެ. އެކަމަކު ވީގޮތް ބަލާއިރު ގިނަފަހަރު ވަގުކަލޭގެ އަތުން ވެއްޓޭ ނޫޓު އޮންނަނީ "އޮޅިގެން" ބޮޑު މީހާގެ ބޮޑު މޭޒުގެ ތަޅުލީ ވަތްގަނޑުގަ އެވެ. ނޫނީ ކޮންމެވެސް އިހުމާލެއް އޮޅިގެން އޮންނަނީ ވެވިފަ އެވެ. ޓުވިޓާގައި ވަގުތު ހޭދަކުރެވޭލެއް ގިނަނަވުމުން ވާގޮތެއް ކަމަށް ވެސް ވެދާނެ އެވެ.

ގާނޫނު ހަދަން މަޖިލީހަށް ވޯޓުދީގެން ހޮވާފައިތިބޭ މީހުންގެ ހާލަކީވެސް އަނެއްކާ ހަމަ މިއީ އެވެ. ބޮޑު މީހާއާއި ވަގުކަލޭގެ ގޮވައިގެން ކޯޓަށް ދާތަނުން އެ ދެމީހުން ގާނޫނު އަސާސީގެ ހަތަރު ފާރުގައި ހުރި ބާގަނޑަކުން ނުކުމެ ފިލައި، ރައްކާވެދާނެ އެވެ. ގިނަ ފަހަރަށް ވަގު ކަލޭގެ ތޭރިތަކުގެ ބުޑަށް ޖަހާފައި، ބޮޑު މީހާ ރައްކާވާއިރު އިއްޒަތްތެރި މެންބަރު ފިނިކުރި ކޮޓަރިކޮޅުގައި އިންނަވާނީ ޓުވީޓު ކުރައްވާށެވެ. ބައެއް މެމްބަރުން ފުލުފުލުގަ އެވެ. ބައެއް މެމްބަރުންނަށް ދަމަކުން ބަޑިއެއް ޖަހާހެން ޓުވީޓެއް ކުރެވުނީމަ ވާޖިބު އަދާވީއޭހެން ހީވާކަހަލަ އެވެ.

ކޯޓޭ ފަނޑިޔާރުންނެކޭ ވެސް ކިޔާނެކަމެއް ނެތެވެ. ލިޔުންތަކުގައި ތާރީހު އިސްފަސްވެ ބޮޑުމީހާ އިނގިރޭސިވިލާތަށް ފުރައިގެންދާ ފަހުން ވެސް ކޮށްލެވެނީ ޓުވީޓެކެވެ.

ޓުވީޓެއްގެ އިންތިޒާރުގައި ފަތިހުން ފެށިގެން ތިއްބައި ކޮށްލި ޓުވީޓުން އޮޅުމަކުން އިސްފަސްވި ތާރީހު ރަނގަޅު ގޮތަށް ބަދަލުވެ، ބޮޑުމީހާ ތޭރިތަކުގެ ފުރަގަށް އަނބުރާ ގެންދާ ނަމަ ހާދަ މީހަކަށް އޮންނާނީ އިންސާފު ލިބިފަ އެވެ. އެހެނަސް ކަންމިހެން ނުވާކަމަކީ ހިތާމަހުރި ކަމެކެވެ.

ސަރުކާރު އިދާރާ ދޮށަށް ހިދުމަތް ހޯދަން ދާ ރައްޔިތުމީހާ އެކޭ، ފިނިކުރި ކޮޓަރީގައި ބޮޑެތި ގޮނޑިތަކުގައި ތިއްބަވާ އިއްޒަތްތެރި ބޮޑުންނެކޭ މާބޮޑު ތަފާތެއް ނެތެވެ. އެންމެން ވެސް ދޫނިތަކެއްހެން ޓުވީޓާގައި ގޮވަނީ އެވެ. އެހެން ނޫނީ މިއޮންނަނީ ގޮވައިގަންނަން މަޖުބޫރުވެފަ އެވެ. މިހާރު އުފެދޭ ސުވާލަކީ، ޓުވީޓެއް ކޮށްލުމުން ވާޖިބު ހަމަރަނގަޅަށް ވެސް އަދާ ކުރެވުނީ ހެއްޔެވެ؟ އަޅެ ގައުމު ހިންގަނީ ޓުވިޓާއިން ހެއްޔެވެ؟