ބޮލީވުޑްގެ ބަތަލާ މަލައިކާ އަރޯރާ އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން ގުޅޭ އެކްޓަރު އަރުޖުން ކަޕޫރާ ކައިވެނި ކުރާނެ ދުވަހަކާ ބެހޭ ގޮތުން މަލިކާގެ ދަރިފުޅު އަރްހާން ޚާން ސުވާލުކޮށްފި އެވެ.

އަރްހާން މި ސުވާލު އޭނާގެ މަންމަ އާ ކޮށްފައިވަނީ އޭނާގެ ރައްޓެހިންތަކެއް ގުޅިގެން "ޑަމް ބިރިޔާނީ" ގެ ނަމުގައި ޔޫޓިއުބްގައި ގެނެސްދޭން ފެށި ޝޯގެ ދެ ވަނަ އެޕިސޯޑްގަ އެވެ. މި ޝޯގެ ފުރަތަމަ އެޕިސޯޑްގައި އަރުހާންގެ ބައްޕަ އަރުބާޒް ހާނާއި ބޮޑުބޭބެެއެއް ކަމަށްވާ ސުހައިލް ހާން މެހުމާނުންގެ ގޮތުގައި ބައިވެރިވެ އެވެ.

ޝޯގެ ދެވަނަ އެޕިސޯޑްގެ ޓްރެއިލާގައި މަންމަގެ ކައިވެންޏާ ބެހޭ ގޮތުން އަރުހާން ސުވާލުކުރި އިރު، އެ ސުވާލަށް މަލިކާ ދޭ ޖަވާބެއް ނުދައްކަ އެވެ.

އުމުރުން 50 އަހަރުގެ މަލައިކާ އަރޯރާ އާއި 38 އަހަރުގެ އަރުޖުން ކަޕޫރާ ރައްޓެހިވެގެން އުޅޭތާ މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އަދި އެ ދެމީހުންގެ ކައިވެނީގެ ވާހަކައަކީ މިޑިއާގައި ދޭތެރެއަކުން ދައްކާ ވާހަކަތަކެވެ.

މަލައިކާ އަރޯރާ އާއި އަރްބާޒް ޚާން ކައިވެނި ކުރީ 1998 ވަނަ އަހަރު އެވެ. އެމީހުންގެ ކައިވެނި ރޫޅުނީ 2017 ވަނަ އަހަރު އެވެ.

އަރުބާޒް ވަނީ ޝޫރާ ޚާން ކިޔާ މޭކަޕް އާޓިސްޓަކާ މި އަހަރުގެ ޖެނުއަރީގައި ކައިވެނިކޮށްފަ އެވެ. އަދި އެ ކައިވެންޏާ މެދު ވަރަށް އުފަލުން ހުރި ކަމަށް ބުނެފައިވެ އެވެ.