ބޮލީވުޑްގެ ތަރި ޝިލްޕާ ޝެޓީ އާއި އޭނާގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖް ކުންދުރާ ބިޓްކޮއިން މެދުވެރިކޮށް ހިންގާފައިވާ ޕޮންޒީ ސްކީމެއްގެ މައްސަލައެއްގައި ތާށިވެއްޖެ އެވެ.

މީގެކުރިން ވެސް ޝިލްޕާގެ ފިރިމީހާ ރާޖްގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް ވަނީ ސުވާލުކޮށްފަ އެވެ.

އިންޑިއާގެ އެންފޯސްމަންޓް ޑައިރެކްޓަރޭޓް (އީޑީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަނީ ލޯންޑްރިން ހުއްޓުވުމުގެ ގާނޫނު ޕީއެމްއެލްއޭ 2002 ގެ ދަށުން ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދްރާގެ 97.79 ކްރޯޑް ރުޕީސްގެ މުދާ ހިފަހައްޓާފައިވާ ކަމަށެވެ. މި މުދާ ހިފެހެއްޓީ ގާތްގަނޑަކަށް 7،000 ކްރޯޑް ރުޕީސްގެ ބިޓްކޮއިން ޕޮންޒީ ސްކޭމަކާ ގުޅިގެންނެވެ.

މީގެ އިތުރުން ހިފެހެއްޓި މުދާތަކުގެ ތެރޭގައި ޖުހޫގައި ހުންނަ ރެޒިޑެންޝަލް ފްލެޓަކާއި (ޝިލްޕާ ޝެޓީގެ ނަމުގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ފްލެޓެއް)، ޕޫނޭގައި ހުންނަ ރެޒިޑެންޝަލް ބަންގަލޯއެއްގެ އިތުރުން ރާޖް ކުންދްރާގެ ހިއްސާ އޮންނަ ހުރިހާ މުދާތައް ހިމެނެ އެވެ.

ޝިލްޕާ އާއި ރާޖް މީގެ ކުރިން ވެސް އެކި ފަރާތްތަކާ އެކީ ހިންގާފައިވާ މުއާމަލާތްތަކުގައި ދޭން ޖެހޭ ފައިސާ ނުދީގެން ބައެއް މައްސަލަތައް ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ.

ރާޖް އަކީ 2021 ވަނަ އަހަރު ބަރަހަނާ ފިލްމު ހަދައިގެން އޭގެ ޒަރީރާ އިން ބޮޑު އާމްދަނީއެއް ހޯދާ ކަމަށް ތުހުމަތުކުރެވި ހައްޔަރު ވެސް ކުރި މީހެކެވެ. އެ މައްސަލައިގައި އޭނާ ދެ މަހެއްހާ ދުވަހު ޖަލުގައި ބަންދު ވެސް ކުރި އެވެ. އަދި ދޫކުރީ ކަފާލާތުގެ ދަށުންނެވެ.

ރާޖް ޖަލުގައި ހޭދަކުރި ދުވަސްތައް ދައްކުވައިދޭ ފިލްމެއް އޭނާ ހިމަނައިގެން މިދިޔަ އަހަރު "ޔޫޓީ 69" ގެ ނަމުގައި ގެނެސްދީފައިވެ އެވެ.