ވަރަށް ގިނަ މީހުން ބުނާ ވާހަކައެކެވެ. މުޅި ޤައުމުގެ އިޤްތިޞާދު ބިނާވެފައިވަނީ ރިބާއާއި ބަނގުރާއާއި އޫރުމަސް ފަދަ ޙަރާމް އެއްޗެހީގެ މުޢާމަލާތުން ޤައުމަށް ވަންނަ ފައިސާގެ މައްޗަށެވެ. މުޅި ޤައުމުގައި ދައުރުވަނީ އެ ފައިސާއެވެ. ދައުލަތުން މުސާރަ ދެނީ އެ ފައިސާއިންނެވެ.
އެހެން ބުނާ ބަޔަކު އެހެން ބުނަނީ، ރިބާއަކީ ޙަރާމް އެއްޗެކޭ ނުވަތަ ބަނގުރާ ވިއްކައިގެން ލިބޭ އާމްދަނީއަކީ ޙަރާމް އެއްޗެކޭ، އެ ތަކެއްޗާ ދުރުވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެކޭ މީހަކު އެބައިމީހުންގެ ގާތުގައި ބުނެފި ހިނދެއްގައެވެ. އެހެން ބުނަނީ، އެ ކަންކަމުން ދުރުވުމަކީ މުސްތަޙީލުކަމެއް ކަމަށް ބަޔާންކުރުމުގެ ގޮތުންނެވެ. ނުވަތަ އެއީ ނުވާނޭ ކަމެއް ކަމަށް ބުނެ ޖަދަލުކުރުމުގެ ގޮތުންނެވެ.
މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ، ފަހުގެ ތާރީޚެއްގައި ސަޢޫދީ ޢަރަބިއްޔާގައި އުފެދުނު ޢިލްމީގޮތުން އެންމެ ފުންނާބުއުސް އެއް ޢިލްމުވެރިޔާ ޝައިޚް މުޙައްމަދު ބުނު ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ އާ ކުރެވުނު ސުވާލަކަށް އެ ބޭފުޅާ ދެއްވައިފައިވާ ޖަބާށެވެ.
ސުވާލުކުރެވުނެވެ. ރިބާގެ މުޢާމަލާތު ކުރާ މީހަކު ދޭ ހަދިޔާ ގަބޫލުކުރުން ހުއްދަވާނެތޯއެވެ؟
ޝެއިޚް އިބްނު ޢުޘައިމީން رحمه الله (لقاء الباب المفتوح 2/59ގައި) ޖަވާބު ދެއްވިއެވެ. ޔަހޫދީން ރިބާގެ މުޢާމަލާތުކޮށް އުޅޭތޯއެވެ؟ އެހެނީ، މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. { وَأَخْذِهِمُ الرِّبَا وَقَدْ نُهُوا عَنْهُ وَأَكْلِهِمْ أَمْوَالَ النَّاسِ بِالْبَاطِلِ ۚ وَأَعْتَدْنَا لِلْكَافِرِينَ مِنْهُمْ عَذَابًا أَلِيمًا } سورة النساء 161 މާނައީ: "އަދި، އެއުރެންނަށް އެ ކަންތައް ނަހީކުރައްވައިފައިވާ ޙާލުގައި، އެއުރެން (އެބަހީ، ޔަހޫދީން) ރިބާ ހިފިކަމުގެ ސަބަބުންނެވެ. އަދި، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި އެއުރެން ކެއުމުގެ ސަބަބުންނެވެ. އެއުރެންގެ ތެރެއިން ކާފިރުކަމުގައި ދެމިތިބިމީހުންނަށް، ވޭންދެނިވި ޢަޒާބު ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ."
ނަމަވެސް މިކަން މިހެން ހުރި އިރުވެސް މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެބައިމީހުން (ޔަހޫދީން) ދިން ހަދިޔާ ގަބޫލުކުރެއްވިއެވެ. އޭގެ އެއް މިސާލަކީ، ޙައިބަރުގައި އެކަލޭގެފާނަށް ކަންބަޅިއެއް ހަދިޔާކުރި ޔަހޫދީ އަންހެނާގެ އެ ހަދިޔާ ވެސް އެކަލޭގެފާނު ގަބޫލުކުރެއްވުމެވެ. އަނެއް މިސާލަކީ، ވިޔަފާރިއާއި އެހެނިހެން ތަފާތު އެކިއެކި މުޢާމަލާތު އެބައިމީހުންނާ ކުރެއްވުމެވެ. އަނެއް މިސާލަކީ، އެކަލޭގެފާނު އަވަހާރަވިއިރު، އެކަލޭގެފާނު ހަނގުރާމަ މަތީގައި ބޭނުންކުރައްވައި އުޅުއްވި އައްޑަނަކޮޅެއް ވެސް ޔަހޫދީއަކަށް ރަހުނުކުރައްވައިފައިވުމެވެ.
އެހެންކަމުން، މިފަދަ ކަންކަމަށް ނުވަތަ މިފަދަ މީހުންނާ މުޢާމަލާތުކުރުމުގައި އަޅުގަނޑުމެން އަތުގައި ޤާޢިދާއެއް ވެއެވެ. އެ ޤާޢިދާއަކީ "އެއްޗެއް ޙަރާމް ގޮތުގައި ހޯދައިފި މީހަކަށް އެ އެއްޗެއް ޙަރާމް ވާނެއެވެ. ނަމަވެސް އޭތި އޭނަ އަތުން މުބާޙު މަގުން (ހުއްދަ މުޢާމަލާތެއްގެ ޒަރީޢާއިން) ހޯދައިފި މީހަކަށް އޭތި ޙަރާމެއް ނުވާނެއެވެ.
ވުމާއެކު، ރިބާގެ މުޢާމަލާތު ކުރާ މީހެއްގެ ފަރާތުން ހަދިޔާ ގަބޫލުކުރުމަކީ ހުއްދަ ކަމެކެވެ. އަދި އޭނާއާ ގަނެވިއްކުމުގެ މުޢާމަލާތު ކުރުން ވެސް ހުއްދަވާނެއެވެ. ނަމަވެސް އެއީ އޭނާ ހަޖުރު (އެކަހެރި ކުރުން، ގުޅުން ކަނޑައިލުން ނުވަތަ ބޮއިކަޓު) ކުރުމުގައި ފައިދާއެއް ނެތް ނަމައެވެ. މާނައީ، އޭނައާ މުޢާމަލާތު ނުކުރުމާއި، އޭނަ ދޭ ހަދިޔާ ގަބޫލު ނުކުރުމުގައި (އެ ޙަރާމް ކަމުން އޭނަ ދުރުވުމުގެ) މަޞްލަޙަތެއް ހިމެނުމެވެ. އެ މަޞްލަޙަތު ޙާޞިލުކުރުމަށް ޓަކައި، އެ ގޮތަށް ޢަމަލުކުރަން ޖެހޭނެއެވެ.
ނަމަވެސް، އޭގެ ޒާތުގައި އެ އެއްޗަކީ ޙަރާމް އެއްޗަކަށްވާ ނަމަ، އޭތި ހޯދާ މީހާއާއި ލިބިގަންނަ މީހާއަށް ވެސް އެ އެއްޗެއް ޙަރާމްވާނެއެވެ. މިސާލަކަށް ބަނގުރާއަށް ބަލައިލަމާ ހިނގާށެވެ! ބަނގުރާއަކީ ހުއްދަ އެއްޗެއްކަމަށް ގަބޫލުކުރާ ޔަހޫދީއެއް ނުވަތަ ނަޞާރާއެއް ތިބާއަށް ހަދިޔާކުރަނީ ރާފުޅިއެކެވެ. ތިބާއަށް އޭތި ގަބޫލުކުރުން ހުއްދަވާނެތޯއެވެ؟ ހުއްދައެއް ނުވާނެއެވެ. އެހެނީ، ބަނގުރައަކީ އޭގެ ޒާތުގައި، އޭގެ އަޞްލުގައި ޙަރާމް އެއްޗަކަށް ވާތީއެވެ.
އެހެންކަމުން، ޙަރާމްގޮތުގައި ހޯދާ އެއްޗެއް ޙަރާމްވާނީ އެ ހޯދާ މީހަކަށެވެ. (އެހެނަސް، އޭނައާ އެހެން މީހަކު ކުރާ ހުއްދަ މުޢާމަލާތަކުން އޭނާ އަތުން ލިބޭ އެއްޗެއް ޙަރާމެއް ނުވާނެއެވެ. މިސާލަކަށް، ރިބާގެ މުޢާމަލާތުކުރާ މީހެއްގެ ވަރަށް ގިނަ އެހެން ވިޔަފާރީގެ މުޢާމަލާތުތަކެއް ވެސް ހުރެދާނެއެވެ. އޭގެ ތެރޭގައި ހުއްދަ ވިޔަފާރިތައް ވެސް ހުރެދާނެއެވެ. މިސާލަކަށް، އޭނާއަކީ ރެސްޓޯރެންޓެއް ވެސް ހިންގާ މީހަކަށް ވެދާނެއެވެ. އެ ތަނުގައި ޙަރާމް އެއްވެސް އެއްޗެއްގެ މުޢާމަލާތު އޭނާއެއް ނުކުރެއެވެ. އެހެންކަމަށްވާ ނަމަ، އެ ތަނުގައި މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީއަކީ އެ ވަޒީފާ އަދާކުރާ މީހަކަށް ޙަލާލު އާމްދަނީއެކެވެ. ޙަލާލު އުޖޫރައެކެވެ. މީގެ ދަލީލަކީ، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި ޔަހޫދީންގެ ދަނޑުބިންތަކުގައި އުޖޫރައަށް މުސްލިމުން މަސައްކަތްކޮށްފައިވުމެވެ. ޔަހޫދީންނަކީ ރިބާގެ މުޢާމަލާތުގައި އޭރު ވެސް އެންމެ އަރައިތިބި މީހުންނެވެ. މިއިން އެނގެނީ، އެ މުޢާމަލާތުގައި ސީދާ ޙަރާމްކަމެއް ނުހިމެނޭ ނަމަ، އެ މުޢާމަލާތުން ލިބޭ އުޖޫރައަކީ ޙަލާލު އެއްޗެއް ކަމެވެ.)
އެހެނަސް ޙަރާމް ބައެއް މުޢާމަލާތްކުރާ މީހުންނާ ހުއްދަ މުޢާމަލާތް ނުކޮށް ދޫކޮށްލުމާއި، އޭނާ ބޮއިކަޓުކުރުމާއި އޭނާ ދޭ އެއްވެސް އެއްޗެއް ގަބޫލުނުކުރުން ފަދަ ކަންކަން ހިމެނޭނީ މަޞްލަޙަތެއް އެކަމުގައި އޮތް ނަމައެވެ. އެއީ އޭނާ ކުރާ ޙަރާމް ކަންކަމުން އޭނާ ދުރުވެ ތައުބާވެ އެނބުރި ރުޖޫޢަ ވެދާނޭ ކަމުގެ ފުރުޞަތު އޮތް ކަމަށް ފެންނަ ނަމައެވެ. އެހެންކަމުން، އެ މަޞްލަޙަތު ޙާސިލުކުރުމަށް ޓަކައި އޭނާ ހަޖުރުކުރެވިދާނެއެވެ.
އިސްވެ އެ ދިޔައީ، ޝައިޚް ޢުޘައިމީން މި މައްސަލައިގައި ދެއްވައިފައިވާ ޖަވާބެވެ. ރާއްޖޭގެ ޙާލަތަށް ބަލާއިރު ރާއްޖޭގެ އިޤްތިޞާދުގެ ތެރޭގައި ޙަރާމް ކަންކަން ހިމެނިފައިވުމުން، އަޅުގަނޑުމެން އެންމެންނަށް ލިބޭ އުޖޫރައަކީ ޙަރާމް ފައިސާއިން ލިބޭ އުޖޫރައެކޭ ބުނެވޭނޭ ކަމެއް ނޫނެވެ. ސީދާ ޙަރާމް މުޢާމަލާތެއްގައި ބައިވެރި ނުވެ، ޙަލާލު މަސައްކަތެއް ކޮށްގެން ލިބޭ އާމްދަނީއަކީ ހުއްދަ އަދި ޙަލާލު އާމްދަނީއެކެވެ. ހަމަ އެހެންމެ، ރާއްޖޭގެ މުޅި އިޤްތިޞާދު ހިނގަނީ ޙަރާމް ފައިސާގެ މައްޗަށޭ ބުނެ، އެ މުޢާމަލާތެއްގައި ޙަރާމް ކަންކަން ސީދާގޮތެއްގައި ހިމެނޭ ކަންކަމުގައި ބައިވެރިވާން ބަހަނާ ދެއްކުމަކީ ރަނގަޅުކަމެއް ނޫނެވެ. ޙުއްޖަތާއި ބުރުހާން އޮތީ އެފަދަ ކަންކަމުން ދުރުވުމަށެވެ.
ދުޢާއަކީ މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުމާއި ހެޔޮ ބުއްދި ދެއްވުމެވެ. އަދި ޙަލާލު މަގުން އާމްދަނީ ހޯދުމުގެ ތައުފީޤު ދެއްވުމެވެ. އާމީން!