ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރް ރާއޯ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ.

ރާޖްކުމާރުގެ ޕްލާސްޓިކް ސާޖަރީއެއް ހެދިކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެން ފެށީ ދާދި ފަހުން ބޭއްވި ބޮލީވުޑް އިވެންޓެއްގައި އޭނާ ބައިވެރިވެ ނަގާފައިވާ ފޮޓޯތަކެއް އާއްމުވުމުންނެވެ. އެ ފޮޓޯތަކާއި ކުރީގެ ފޮޓޯތަކާ ވަރަށް ބޮޑަށް ތަފާތުތަކެއް ހުރުމުގެ ސަބަބުންނެވެ.

އެ ފޮޓޯތަކުގައި އޭނާގެ ދަތްދޮޅިއާއި ކޯތާފަތުން ތަފާތުކަމެއް ފާހަގަވާން ހުރިއިރު ގިނަ މީހުން ބުނަނީ އޭނާ "ޗިން އިމްޕްލާންޓް"އެއް ހަދާފައިވާ ކަމަށެވެ.

އެކަން ފާހަގަކޮށް ގިނަ ބަޔަކު ރާޖް ކުމާރަށް އަންނަނީ ފާޑުކިޔަމުންނެވެ.

ފާޑުކިޔުންތަކާއި ގުޅިގެން ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި ރާޖްކުމާރް ބުނެފައިވަނީ ޕްލާސްޓިކް ސާޖަރީއެސއް ނަހަދާ ކަމަށެވެ.

"އެކަމަކު މީގެ އަށް އަހަރު ކުރިން ޗިން ފިލާއެއް ހެދިން، އެކަން ކުރީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ބޮޑުކުރުމަށްޓަކައި. އަހަރެން ބުނާނީ އޭގެ ސަބަބުން އަހަރެންގެ ކެރިއަރަށް ވެސް ބަދަލުތަކެއް އައޭ." ރާޖްކުމާރް ބުންޏެވެ.

https://www.instagram.com/reel/C58QbKZMji2/?utm_source=ig_embed&ig_rid=8c6c9449-1484-4f5c-97da-788cdbfaf735

ނެޝަނަލް އެވޯޑް ހޯދާފައިވާ ހުނަރުވެރި އެކްޓަރުގެ ކުރިއަށް އޮތް ފިލްމް އަކީ މެއި 10 ގައި ގެނެސްދޭން ހަމަޖެހިފައިވާ ބައޮގްރަފިކަލް ޑްރާމާ "ސްރީކާންތު" އާއި މެއި 31 އަށް ތާވަލުކޮށްފައި އޮތް ކުޅިވަރު ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ" އެވެ.

ރާޖް ޕްލާސްޓިކް ސާޖަރީ ހެދިކަމުގެ ވާހަކަތައް ދެކެވޭ އިރު، ބޮލީވުޑްގެ ބަތަލާއިން ސިފަ ރީތިވާން ޕްލާސްޓިކް ސާޖަރީ ހަދާ ވާހަކަ އަކީ ވަރަށް އާންމު ވާހަކައެކެވެ. އެކަމަކު ވަރަށް މަދު ބަތަލާއެއް ނޫނި އެކަމަށް އަމިއްލަ އަށް އެއްބަސްވެފައެއް ނުވެ އެވެ. އަދި ބޮލީވުޑްގެ ދުވަސްވީ އެކްޓަރު ޒުވާންކަން ދަމަހައްޓަން ބޮޓޮކްސް އިންޖެކްޝަން ޖަހާ ކަމަށް ވާހަކަ ދެކެވެ އެވެ.