މިއަދު ކުރިޔަށްދާ އިންތިހާބުގައި ވޯޓު ކަރުދާސް ދައްކާ މީހުންނާމެދު، ޖިނާއީ ތަހުގީގު ކުރެވި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ)ން ބުނެފި އެވެ.
އެ ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ "ހުރިހާ"އަށް ވިދާޅުވީ މި އިންތިހާބުގައި ވޯޓު ކަރުދާސް ދެއްކުން ނުވަތަ ކަރުދާހުގެ ފޮޓޯ ނެގުމުގެ އެއްވެސް އަމަލެއް ހިނގާ ހިސާބުން ފެށިގެން އެސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުން އެކަން ބަލައި ޖިނާއީ ތަހުގީގު ކުރަން ފަށާނެ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގު ކުރިއަށްދާއިރު ފުލުހުން ހަރަކާތްތެރިވާނީ ބޮޑީ ވޮން ކެމެރާއާއެކު ކަމަށާއި އެހުރިހާ މަންޒަރެއް ރެކޯޑު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިފަހަރު ގާނޫނު އިސްލާހުކުރި އިރު އަޅުގަނޑުމެން އެދިގެން ހިމަނާފައިވާނެ ވޯޓު ކަރުދާސްކޮޅު ދައްކާ މީހުންނާ މެދު ޖިނާއީ ދައުވާކުރަން. ވޯޓު ކަރުދާސްކޮޅު ދެއްކި ކަމަށް ޝައްކުވިޔަސް ދައުވާކުރަން ފޮނުވާނަން،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބަދުވެސް ވޯޓު ކަރުދާސްކޮޅު ދައްކާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބޭ ކަމަށެވެ. އެހެންވެ އެ މައްސަލައަށް ހައްލެއް ގެނައުމަށް މިފަހަރު ގާނޫނު އިސްލާހުކުރި އިރު އެދުނު ކަމަށް ހަސަން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަބަދުވެސް އަންނަ ޝަކުވާއެއް ވޯޓު ކަރުދާސްކޮޅު ދެއްކުމަކީ. މިފަހަރު އެކަން ހައްލުވާނެ ކަމަށް މިބަލަނީ،" އޭނާ ވިދާޅުވި އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހުގައި އިންތިހާބާ ބެހޭ ކުށުގެ ބަޔަށް ވަނީ ވޯޓުކަރުދާސް އަތަށް ލިބުމަށްފަހު އެމީހަކު ވޯޓުލާ ގޮތް ހާމަކުރުމުގެ ގޮތުން ވޯޓުލާ މަރުކަޒުގައި ތިބޭ މީހުންނަށް ފެންނަ ގޮތަށް ވޯޓު ކަރުދާސް އާންމުކޮށް ދެއްކުން އިތުރުކޮށްފަ އެވެ. އެގޮތުން މިކުށް ކުރާ މީހަކަށް ދެވޭ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެމީހަކު ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، އެއް މަސްދުވަހާއި ތިން މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6,000 ރުފިޔާއާއި 18,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.
ހަސަން ވިދާޅުވީ މި އިންތިހާބުގައި މާބޮޑު ޝަކުވާތަކެއް ލިބެމުން ނުދާ ކަމަށެވެ. ނަމަވެސް ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ކެންޑިޑޭޓުން ހަރަކާތްތެރިވަމުން އަންނަ ކަމުގެ ޝަކުވާ ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.