ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީ އަށް ލިބޭ ތަން ފެނިވަޑައިގަންނަވާ ކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ އިންތިހާބުގައި ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސޯލިހް ވިދާޅުވީ ގައުމުގެ މަސްލަހަތާއި ކުރިމަގަށްޓަކައި ކޮންމެ ރައްޔިތަކަށް ވެސް ގާނޫނީ ގޮތުން ލިބިފައިވާ ވޯޓުލުމުގެ ހައްގު އެންމެ ފުރިހަމައަށް ބޭނުންކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އެހެންވެ، ވީހާވެސް ގިނަ ބަޔަކު އަވަހަށް ވޯޓުލާން ނުކުތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

"މިއީ ގާނޫނީ ގޮތުން ލިބިފައިވާ ވަރަށް ބޮޑު ހައްގެއް. މި ހައްގު އެންމެ ފުރިހަމަ ގޮތުގަ ކޮންމެ ރައްޔިތަކު ވެސް ބޭނުންކުރުމަކީ ގައުމުގެ މަސއްލަހަތަށްޓަކާ ގައުމުގެ ކުރިމަގަށްޓަކާ ކޮންމެހެން މުހިއްމު ކަމެއް،" ސޯލިހް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ

ސޯލިހު ވިދާޅުވީ، ނިމިދިޔަ ކެމްޕެއިން ތެރެއިން އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެކަން ހާމަވެގެންދާނެ ކަމަށެވެ.

"އެމްޑީޕީ އަށް ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް އުންމީދު ކުރަން. އަޅުގަނޑަށް ފެނޭ ސާފު އަޣުލަބިއްޔަތު އެމްޑީޕީ އަށް ލިބޭނެ. އަދި ބޮޑެތި ސިޓީތަކުގެ އަޣުލަބިއްޔަތު ވެސް ލިބޭނެ ކުދި ރަށްތަކާ ވެސް އެކުގައި." ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނގިލި ދައްކާލައްވަނީ. ފޮޓޯ: އެމްޑީޕީ

ހި ވަނަ މަޖިލިހަށް 93 މެމްބަރުން އިންތިހާބު ކުރުމުގެ ވޯޓުލުން ހެނދުނު ފަށާފައިވާ އިރު، މިއަދު ހަވީރު 5:30 ވަންދެން ވޯޓުލުން ކުރިއަށް ދާނެ އެވެ. މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮއްޓެއް ބަހައްޓާފައިވެ އެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާއީ ރަށްތައް އަދި ރާއްޖެއިން ބޭރުގެ ތިން ގައުމެއްގައި ވޮޓު ފޮށި ބަހައްޓާފައިވެ އެވެ.

މިފަހަރުގެ އިންތިޚާބުގައި ރާއްޖޭގެ 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.