ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރާ 93 ދާއިރާގެ ތެރޭން މަޖިލީހަށް އިންތިޚާބުވެފައި ވަނީ އެންމެ ތިން އަންހެނުން ކަމަށް މިހާތަނަށް ސާފުވި ނަތީޖާތަކުން ދައްކައިފި އެވެ.
މި ފަހަރުގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންނެވި ތިން އަންހެން ބޭފުޅުންނަކީ މާފަންނު މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ އަސްމާ ރަޝީދާއި ހުރާ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަމިއްލަ ކެންޑިޑޭޓް ޑރ. އަނާރާ ނައީމް އަދި ނިލަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ފާތިމަތު ސައުދާ އެވެ.
މީގެ ތެރޭން އަސްމާ އާއި އަނާރާ ވަނީ 18 ވަނަ މަޖިލީހުގެ މެންބަރުކަން ކުރައްވައިފަ އެވެ. އެ ފަހަރުގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ އަސްމާ ތަމްސީލް ކުރެއްވީ ޕީޕީއެމްގެ ޓިކެޓުގަ އެވެ. ނަމަވެސް މި ފަހަރު ޕީއެންސީގެ ފަރާތުންނެވެ. އަނާރާ މަކުނުދޫ ދާއިރާ އަށް ކުރިން ހޮވިވަޑައިގެންނެވީ އަދާލަތު ޕާޓީގެ ޓިކެޓުގަ އެވެ. މި ފަހަރުގެ އިންތިޚާބުގައި ހުރާ ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި އަނާރާ ވާދަކުރައްވައި ނާކާމިޔާބުވުމުން ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެވެ. އަލަށް އުފެއްދި ހުރާ އަށް ޕީއެންސީގެ ޕްރައިމަރީން ކާމިޔާބު ކުރެއްވި މާލެ އަތޮޅު ކައުންސިލްގެ ނައިބް ރައީސް، ގުޅީ އަބްދުﷲ ވާރިސް ހުންނަވަނިކޮށް ސަރުކާރުގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ތާއީދު ކުރެއްވީ އަނާރާ އަށެވެ.
ސިޔާސީ ދާއިރާ އަށް އަލަށް ނުކުންނެވި ސައުދާ އަކީ ރައީސް މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅެކެވެ. ޕީޕީއެމް/ޕީއެންސީގެ ތާއީދު ބޮޑު ނިލަންދޫ ދާއިރާގެ ގޮނޑި ކޮއްކޯފުޅަށް ހޯއްދަވައި ދެއްވުމަށް ރައީސް މުއިއްޒު ވަނީ އެ ދާއިރާ އަށް އެތައް ވައުދެއް ވެވަޑައިގެންފަ އެވެ. އެ ދާއިރާގައި ސައުދާއާ ވާދަކުރެއްވީ އަމިއްލަ ކެންޑިޑޭޓެކެވެ. ސައުދާ އަށް ނިލަންދޫ ދާއިރާގެ ޓިކެޓް ދީފައި ވަނީ ވެސް ޕްރައިމަރީއަކާ ނުލަ އެވެ. އެހެންވެ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރެވުނު ހަމައެކަނި އަންހެން ބޭފުޅަކީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސެން ޝަރީފް (މުންދު) ގެ މަންމަ އަސްމާ އެވެ.
މި ފަހަރުގެ އިންތިޚާބުގައި ޕާޓީތަކުންނާއި އަމިއްލަ ގޮތުން 43 އަންހެނުން ބޭފުޅުން ވާދަކުރި އެވެ. ޕީއެންސީން ވާދަކުރި ދެ އަންހެން ކެންޑިޑޭޓުން ވެސް ގޮނޑި ކާމިޔާބު ކުރި އެވެ. އެމްޑީޕީން ވާދަކުރި ހަ އަންހެން ކެންޑިޑޭޓުންނަށް ވަނީ ނާކާމިޔާބުވެފަ އެވެ. އެންމެ ގިނަ އަންހެން ކެންޑިޑޭޓުން ވާދަކުރި ދަ ޑިމޮކްރެޓްސް އަށް އެންމެ ގޮނޑިއެއްހާ ހިސާބު ވެސް ނުލިބެ އެވެ.
މިހާރު ކުރިއަށްދާ މަޖިލީހުގައި ފަސް އަންހެން ބޭފުޅުން ހިމެނެ އެވެ. އޭގެ ތެރޭން ގަލޮޅު އުތުރުގެ އީވާ އަބްދުﷲ އާއި ހިންނަވަރު ދާއިރާގެ ޖީހާން މަހްމޫދަށް މި ފަހަރު ވަނީ ގޮނޑި ގެއްލިފަ އެވެ. އޭގެ ކުރިން އައްޑޫ މީދޫ ދާއިރާގެ ރޮޒައިނާ އާދަމަށް ވަނީ އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވެފަ އެވެ.
ރައީސް މުއިއްޒު ވެސް ވަނީ މަޖިލީހުގައި އަންހެން މެންބަރުން އިތުރު ކުރުމަށް ބާރު އަޅުއްވާ ވާހަކަ ދައްކަވައިފަ އެވެ. އެކަމަކު އެމަނިކުފާނުގެ އެ ވާހަކަތަކަށް ރައްޔިތުން މިފަހަރު ވަނީ ބީރު ކަންފަތެއް ދީފަ އެވެ.