ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ދެބަފައިންނާއި ދެމަފިރިން އިންތިޚާބު ކާމިޔާބު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. އަނާރާ ނައީމް އެ ގޮނޑި ކާމިޔާބު ކުރެއްވި އިރު އޭނާގެ ފިރިކަލުން އާދަމް ޝަފީގު ވަނީ މަކުނުދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ. އަދި އޭދަފުށީ ދާއިރާގެ ގޮނޑި މިހާރުގެ ވެސް މެންބަރުން އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) ކާމިޔާބު ކުރެއްވި އިރު އޭނާގެ ދަރިކަލުން އިބްރާހިމް ނައުފަލް ވަނީ މުލަކު ދާއިރާ އަށް އިންތިޚާބުވެވަޑައިގެންފަ އެވެ.

އަނާރާ ވަނީ 18 ވަނަ މަޖިލީހުގެ މެންބަރުކަން ކުރައްވައިފަ އެވެ. އެ ފަހަރުގެ އަނާރާ މަކުނުދޫ ދާއިރާ އަށް ހޮވިވަޑައިގެންނެވީ އަދާލަތު ޕާޓީގެ ޓިކެޓުގަ އެވެ. މި ފަހަރުގެ އިންތިޚާބުގައި ހުރާ ދާއިރާގެ ޕީއެންސީގެ ޕްރައިމަރީގައި އަނާރާ ވާދަކުރައްވައި ނާކާމިޔާބުވުމުން ކުރިމަތިލެއްވީ އަމިއްލަ ގޮތުންނެވެ. އަލަށް އުފެއްދި ހުރާ ދާއިރާ އަށް ޕީއެންސީގެ ޕްރައިމަރީން ކާމިޔާބު ހޯއްދެވި މާލެ އަތޮޅު ކައުންސިލްގެ ނައިބް ރައީސް، ގުޅީ އަބްދުﷲ ވާރިސް ހުންނަވަނިކޮށް ސަރުކާރުގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ތާއީދު ކުރެއްވީ އަނާރާ އަށެވެ. އަނާރާގެ ފިރިކަލުން މީގެ ކުރިން ސިޔާސީ ކަންކަމުގައި އުޅުއްވާ ތަނެއް ނުފެނެ އެވެ.

ރެޑް ވޭވް ސަލީމް އާއި ދަރިކަލުން ނައުފަލް

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން އޭދަފުށީ ދާއިރާގެ ގޮނޑި ދިފާއު ކުރައްވަމުން ގެންދަވާ ރެޑް ވޭވްގެ ނަމުގައި ފިހާރަތައް ހިންގަވާ މަޝްހޫރު ވިޔަފާރި ވެރިޔާ ސަލީމް މި ފަހަރުގެ ވެސް އިންތިޚާބުވެވަޑައިގެންނެވީ ވަރަށް މަތީ އަޣުލަބިއްޔަތަކުންނެވެ. އޭނާގެ ޒުވާން ދަރިލުން ސިޔާސީ ހަޔާތަށް މި ނުކުންނަވަނީ އަލަށެވެ.

މި ފަހަރުގެ އިންތިޚާބުގައި ކާށިދޫ ދާއިރާގެ މިހާރުގެ މެންބަރު އަބްދުﷲ ޖާބިރު އާއި އޭނާގެ ދަރިކަލުން އަހުމަދު މުއާޒް އަބްދުﷲ ވެސް ކުރިމަތިލެއްވި އެވެ. ޖާބިރު ވާދަކުރެއްވީ ކާށިދޫ ދާއިރާއަށެވެ. މުއާޒް ކުރިމަތިލެއްވީ މަހިބަދޫ ދާއިރާ އަށެވެ. ނަމަވެސް ދެބަފައިންނަށް ވެސް ވީ ނާކާމިޔާބެވެ.

ހިނގަމުން މިދާ މަޖިލީހުގެ ދައުރުގައި ދެމަފިރިންގެ ގޮތުގައި ތިއްބެވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ކިނބިދޫ ދާއިރާގެ މެންބަރު އިބްރާހިމް ނާޝިޒް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ. ހިސާން އާއި ރޮޒައިނާ މި އިންތިޚާބުގައި ވާދައެއް ނުކުރައްވަ އެވެ. ނާޝިޒަށް ގޮނޑި ގެއްލުނު އިރު ނާޒިލް ވަނީ ގޮނޑި ދިފާއު ކުރައްވައިފަ އެވެ.