އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީން މަޖިލިހުގެ ސުޕާ މެޖޯރިޓީ ލިބުމާ ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މި ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ.

ޖަލްސާ އަށް ފަހުގައި އެ ސަރަހައްދުގައި ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ގިނަ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

"މި ޖަލްސާއަށް ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަން، އިވެންޓަށްފަހު ހަވާ އެރުވުން އޮންނާނެ،" ޕީއެންސީން މީޑިއާތަކަށް ފޮނުވި މެސެޖްގައިވެ އެވެ.

.އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީން ކާމިޔާބުކޮށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ. ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓުންނާއި ސަރުކާރުގެ ކެންޑިޑޭޓުންނާ އެކުގައި އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުންގެ އަދަދު 70 އަށް ވުރެ މައްޗަށް އަރަ އެވެ.