އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާތަނަށް ސާފުކުރި ނަތީޖާތައް ދައްކާ ގޮތުން އެންމެ ގިނަ ވޯޓާ އެކު އަދި އެންމެ މަތީ ޕަސެންޓޭޖަކުން އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓަކީ ހއ. ބާރަށު ދާއިރާ އަށް ވާދަކުރެއްވި އިބްރާހިމް ޝުޖާއު ކަމަށް ދައްކައިފި އެވެ.
އަށާރަ ވަނަ މަޖިލީހުގައި ވެސް އެ ދާއިރާގެ މެންބަރުކަން ކުރެއްވި ޝުޖާ އަށް 2،447 ވޯޓު ލިބިފައިވާ ކަމަށް ބައެއް ނަތީޖާތަކުން ދައްކަ އެވެ. ތިން ކެންޑިޑޭޓުން ވާދަކުރި އެ ދާއިރާގައި، މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ދާއިރާ މިހާރު ތަމްސީލް ކުރައްވާ ޝުޖާއާ އެންމެ ގާތުން ދެން ވާދަކުރި އެމްޑީޕީގެ އަލީ އަސްގަރަށް ލިބިފައި ވަނީ 468 ވޯޓެވެ. އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރި މުޖްތަބާ އަލީ އަށް ލިބިފައި ވަނީ 16 ވޯޓެވެ.
ޕަސެންޓޭޖުން ބަލާ ނަމަ ޝުޖާ ވަނީ 83.49 ޕަސެންޓް ވޯޓުން ގޮނޑި ކާމިޔާބުކޮށްފަ އެވެ. މިއީ މިފަހަރުގެ އިންތިޚާބުގައި މިހާތަނަށް އެންމެ މަތީ ޕަސެންޓޭޖެވެ. ބާރަށު ދާއިރާ އަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 3،483 މީހުންނަށެވެ. އެ ދާއިރާ އަށް 2،931 ސައްހަ ވޯޓުލީ ކަމަށް ދައްކަ އެވެ.
ދެހާސް ނަވާރަ ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވާފައިވާ ހިތަދޫ ދެކުނު ދާއިރާގެ އިބްރާހިމް ނާޒިލް ހޯއްދަވާފައި ވަނީ 1930 ވޯޓެވެ. އެހެން ކަމުން ޝުޖާ މިވަނީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓުގެ ރެކޯޑް ހައްދަވައިފަ އެވެ.
މި އިންތިޚާބުގައި މިހާތަނަށް އެންމެ މަތިން ވޯޓު ހޯދި ކެންޑިޑޭޓުން
- އިބްރާހިމް ޝުޖާ - ބާރަށު ދާއިރާ (ޕީއެންސީ) 2،447
- ޔޫސުފް ނަޝީދު - ގަމު ދާއިރާ (ޕީއެންސީ) 1،848
- ހަމަދު އަބްދުﷲ - ފުވައްމުލަކު އުތުރު (ޕީއެންސީ) - 1،738
- އަހުމަދު ޒާހިރު - މަޑުއްވަރީ ދާއިރާ (ޕީއެންސީ) - 1735
- އަބްދުﷲ ޝަޒީމް - ހުޅުމާލެ މެދު ދާއިރާ (ޕީއެންސީ) ،- 1،735
- އަހުމަދު އަޒާން - ހިތަދޫ މެދު ދާއިރާ (ޕީއެންސީ) - 1،720
- މުހައްމަދު މަމްދޫހު - ފުނަދޫ ދާއިރާ (ޕީއެންސީ) - 1،698
- އަބްދުއްރަހީމް އަބްދުﷲ - ފޮނަދޫ ދާއިރާ (ޕީއެންސީ) - 1،649
- އަލީ މޫސާ - ހޯރަފުށި ދާއިރާ (ޕީއެންސީ) - 1،602
- އިބްރާހިމް ފަލާހު - އިނގުރައިދޫ ދާއިރާ (ޕީއެންސީ) - 1،582