މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރި ފަރުހަތު މުހައްމަދުގެ ކެމްޕޭން އޮފީހުގައި ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އޭޕްރީލް 16 ވަނަ ދުވަހު ކުޅުދުއްފުށީގައި ހުރި ކެމްޕެއިން އޮފީހެއްގައި އަލިފާން ރޯކޮށްލިކަމަށް ތުހުމަތުކުރެވޭ މީހަކު މިއަދު މެންދުރުފަހު ހައްޔަރުކޮށްފައިވާކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށާއި މައްސަލަ މިހާރު ތަހުގީގުކުރަމުންދާކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރި ފަރުހަތު މުހައްމަދުގެ ކެމްޕެއިން އޮފީހުގައި އަލިފާން ރޯކުރާ މަންޒަރު ފެންނަ ވީޑިއޯ ވަނީ އާއްމުވެފައެވެ. އެ ވީޑިއޯ އިން ފެންނަގޮތުގައި އެ އޮފީހުގައި ރޯކޮށްލަނީ މޫނު ނިވާކޮށްގެން ތިބި ދެމީހެކެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާ ފަރުހަތު މުހައްމަދު ކާމިޔާބު ކުރީ 1228 ވޯޓާއެކުއެވެ. އޭނާއަށް އެންމެ ކައިރިން ވާދަކުރި އެމްޑީޕީ ކެންޑިޑޭޓް އަލީ ވަހީދަށް ލިބުނީ 1136 ވޯޓެވެ.