އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމުގެ ސަބަބުން ފޭދޫގެ 40 އަށް ވުރެ ގިނަ ގެއަށް ފެން ވަދެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ
ނޭޝަނަލް ޑިޒަރސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އައްޑޫ ސިޓީގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައިވާ ކަމަށެވެ، އެގޮތުން އައްޑޫ ފޭދޫގެ 40 އަށްވުރެ ގިނަ ގޭގެއަށް ފެނުގެ އަސަރުކޮށްފައިވާ ކަމަށެވެ. ފެންބޮޑުވުމުގެ ސަބަބުން ފަސް ގެއަކުން މީހުން ހުސްކޮށް، ދެ ގެއެއްގެ މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
މިދިޔަ 24 ގަޑީއިރު އައްޑޫއަށް 167،7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ މިހާތަނަށް އައްޑޫއަށް މި އަހަރު އެންމެ ބޯކޮށް ވާރޭވެހުނު 24 ގަޑިއިރު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުންޏެވެ
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކުރާ ގޮތުގައި މިއަދު ވެސް މެދުރާއްޖެ ތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާ އެކު ގުގުރާނެ އެވެ. އެގޮތުން އައްޑޫ ސިޓީއަށް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިއަދު ވައި އެނބުރި މަޑުން، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާ ކޮށްފަ އެވެ. އަދި އާދައިގެ ވަރަކަށް ކަނޑު މަޑުވާނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. ވިއްސާރަވުމުގެ ސަބަބުން ފެންބޮޑުވާ ސަރަހައްދުތަކުގެ ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސް ކުރެ އެވެ. އެގޮތުން، ގެއަށް ފެން ނުވަންނަ ގޮތަށް ވެލި ބަސްތާ ޖެހުމާއި ފެނުގެ ސަބަބުން ގެއްލުން ވެދާނެ ފަދަ ސާމާނުތައް ރައްކާތެރި ހިސާބުތަކުގައި ބެހެއްޓުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ.