ކަމަކާމެދު ވަރަށް ބޮޑަށް ފިކުރުބޮޑުވެ، ކަންބޮޑުވާ ވަގުތުތަކުގައި ބަނޑުގައި ވައި ހެދުން، ބަނޑުގައި ރިއްސުން ނުވަތަ ބަނޑު ހަރުވުން ފަދަ ކަންކަން ކުރިމަތިވުމަކީ އާންމު ކަމެކެވެ.
މަޝްހޫރު ގެސްޓްރޯއެންޓްރޮލޮޖިސްޓް ޑރ. ވިނީތު ކުމާރު ގުޕްތާ ވިދާޅުވާ ގޮތުގައި ސްޓްރެސްއަކީ ހަމައެކަނި ސިކުނޑިއަށް އެކަނި ކުރާ އަސަރެއް ނޫނެވެ. އޭގެ ޖިސްމާނީ ނޭދެވޭ އަސަރު ސީދާ ބަނޑާއި ހަޖަމު ކުރުމުގެ ނިޒާމަށް ފޯރަ އެވެ.
ސިކުނޑިއާއި ބަނޑުގެ ހަޖަމު ކުރުމުގެ ނިޒާމަކީ ސީދާ ގުޅިފައިވާ ދެ ބައިކަމުން، މާބޮޑަށް ފިކުރު ބޮޑުވުމާއި، ނަފްސާނީ ނުތަނަވަސް ކަމާއި، އަދި ނިދި މަދުވުމަކީ ބަނޑުގެ މައްސަލަތައް ކުރިމަތިކުރުވާ މައިގަނޑު ސަބަބުތަކެވެ.
ސްޓްރެސްގެ ސަބަބުން ބަނޑަށް އަސަރުކުރާ ގޮތް
ސްޓްރެސްވާ ވަގުތު ހަށިގަނޑު އަންނަ "ފައިޓް އޯ ފްލައިޓް" ހާލަތުގެ ސަބަބުން، ކާނާ ގުދުރަތީ ގޮތުން ހަޖަމުވާ މިންވަރަށް ބަދަލު އާދެ އެވެ.
މީގެ ސަބަބުން ބައެއް މީހުންނަށް ވަގުތުން ބަނޑު ހަރުވުން ކުރިމަތިވާއިރު، އަނެއްބައި މީހުންނަށް ގޮހޮރު ފާރުވުމުގެ މައްސަލަ ދިމާވެ އެވެ.
މީގެ އިތުރުން، ސްޓްރެސްގެ ސަބަބުން ބަނޑުގެ ނާރުތައް ނާޒުކުވެ، އާންމުކޮށް ބަނޑުފުރޭ އިހުސާސް ނުވަތަ ކުޑަކޮށް ވައި ހެދުންވެސް ބޮޑު ތަދެއްގެ ގޮތުގައި އިހުސާސް ކުރެވޭ ގޮތްވެ އެވެ.
ފިކުރު ބޮޑުވާ ދުވަސްވަރު ގަވާއިދުން ކެއުން މަޑުޖެހުން، ގިނައިން ކޮފީ ބުއިން، ކުޅިގަދަ އަދި ޕްރޮސެސްކުރި ކާނާ ކެވުން، އަދި ކަސްރަތު ނުކުރެވުމުގެ ސަބަބުން ބަނޑުގެ މައްސަލަތައް އިތުރަށް ގޯސްވެގެންދެ އެވެ.
ޑޮކްޓަރު ވިނީތު ފާހަގަ ކުރެއްވި ގޮތުގައި، ސިކުނޑިން ބަނޑަށް އަސަރުކުރާ ފަދައިން، ބަނޑުގެ މައްސަލަތަކުގެ ސަބަބުންވެސް މީހާ ނަފްސާނީ ގޮތުން ކަންބޮޑުވެ ސްޓްރެސްވެ އެވެ. ވަކިން ހާއްސަކޮށް 'އައިބީއެސް' (އިރިޓަބަލް ބޮވެލް ސިންޑްރޯމް) ފަދަ ބަލިތައް ހުންނަ މީހުންނަށް މި މައްސަލަ މާ ބޮޑަށް ކުރިމަތިވެ އެވެ.
"ބަނޑުގެ ކޮންމެ މައްސަލައަކީ ހަމައެކަނި ސްޓްރެސްގެ ސަބަބުން ދިމާވާ ކަމެއް ނޫން. ސީރިއަސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު." ޑރ. ވިނީތު ވިދާޅުވި އެވެ.
ސަމާލުވާންޖެހޭ އަލާމާތްތަކާއި ހައްލު
ސަބަބެއް ނެތި ބަރުދަން ލުއިވުން، ބޮޑުކަމުދާއިރު ލޭއައުން، ތަކުރާރުކޮށް ހޮޑުއެވުން ނުވަތަ ކާނާ ދިރުވަން އުނދަގޫވުން، އަދި ކުއްލިއަކަށް ބަނޑުގައި ގަދައަށް ރިއްސުން ފަދަ އަލާމާތްތައް ފެންނަނަމަ އެއީ ހަމައެކަނި ސްޓްރެސް ކަމަށް ނުބަލައި، ޑޮކްޓަރަށް ދައްކަންޖެހެ އެވެ.
އާންމުކޮށް ބަނޑުގެ ދުޅަހެޔޮކަން ހިފެހެއްޓުމަށްޓަކައި ގަވާއިދުން އެކަށީގެންވާ ގަޑީގައި ކެއުމާއި، ކޮންމެ ރެއަކު ހަމަނިދި ހޯދުމާއި، ކޮންމެ ދުވަހަކު ކަސްރަތު ކުރުމާއި، އަދި ޔޯގާ ނުވަތަ ހިނގާލަންގޮސް ނަފްސާނީ ހަމަޖެހުން ހޯދުމަކީ ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.
އަދި އެއް އެޕިސޯޑު؟ ދަންވަރު "ބިންޖް ވޮޗް" ކުރުމުގެ ނުރައްކާތައް!
ޕީއެންސީގެ މީހުންގެ މައްސަލަ ބަލާކަށް ނުކެރޭނެ: ޔާމީން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަލީ އަވަހާރަވެއްޖެ