ޕްރިޔަންކާ ޗޯޕްރާގެ ދިރިއުޅުން ބަދަލުވެގެން ދިޔައީ 2000 ވަނަ އަހަރު އޮތް ފެމިނާ މިސް އިންޑިއާ މުބާރާތް ކާމިޔާބުކުރުމަށްފަހު އެވެ. އޭރު އުމުރުން 18 އަހަރުގެ ޕްރިޔަންކާ ވަނީ ހަމައެ އަހަރު ބޭއްވި މިސް ވޯލްޑްގެ ތާޖުވެސް ހާސިލްކޮށްފަ އެވެ. އެއާއެކު ގައުމީ އަދި ބައިނަލްއަގްވާމީ އެކި މައިދާންތަކުގައި މަޝްހޫރުކަން ލިބިގެންދިޔަ އެވެ.

މިސް ވޯލްޑްގެ ލަގަބާއެކު ޕްރިޔަންކާ މަސައްކަތް ފެށީ ފިލްމު އިންޑަސްޓްރީއިން ކުރިއަށް ދިއުމަށެވެ. އެގޮތުން އެ މުބާރާތުން މޮޅުވުމަށް ފަހު އޭނާ ހަތަރު ފިލްމަކަށް ސޮއިކުރި އެވެ. ނަމަވެސް ކުރި ސާޖަރީއެއް ސަބަބުން މޫނަށް އައި ބަދަލުތަކާ ގުޅިގެން އޭގެ ތެރެއިން ދެ ފިލްމުން އޭނާއަށް ފުރުސަތު ގެއްލުނެވެ.

ޕްރިޔަންކާ ސޮއި ކުރި ހަތަރު ވަނަ ފިލްމު ވެގެންދިޔައީ އޭނާގެ ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޝޫޓުވެސް ކުރި ފިލްމަށެވެ. 2002 ވަނަ އަހަރު ނެރުނު "ތަމިޒަން" ނަމަކަށް ކިޔާ މި ތަމަޅަ ފިލްމަކީ މަޖިތް ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. ޕްރިޔަންކާ އާއެކު މި ފިލްމުން ފެނިގެން ދިޔައީ ވިޖޭ އެވެ.

ޕްރިޔަންކާ ވަނީ ދާދިފަހުން ނެރުނު އޭނާގެ ފޮތް "އަންފިނިޝްޑް" ގައި މި ފިލްމުގެ ތަޖުރިބާ ހިއްސާކޮށްފަ އެވެ. އެގޮތުން އެއީ އޭނާގެ އަލަތު ފިލްމަށްވެފައި އެ ފިލްމުގެ ޓީމުން އޭނާއަށް ދިން ސަޕޯޓާއި އިހުތިރާމު ފާހަގަކޮށްފައިވެ އެވެ. އަދި ސާޖަރީގެ ސަބަބުން އޭނާއަށް ކުރިމަތިވި ފުރައްސާރަތައް އެއްކިބާކޮށް، އެ ފިލްމުގެ ސެޓްގައި އެ ވާހަކަ ވެސް ދެކެވިފައިނުވާ ކަމަށް ޕްރިޔަންކާ ބުންޏެވެ.

މީގެ އިތުރުން ޕްރިޔަންކާ ވަނީ އެ ފިލްމުގައި އޭނާގެ ކޯ-ސްޓާ ކަމަށްވާ ވިޖޭ އަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އަދި އޭނާގެ ކިބައިން ދަސްވި ފިލާވަޅުތައް މިހާރުވެސް މަސައްކަތުގެ މާހައުލުގައި ބޭނުންކުރާ ކަމަށް ލިޔެފައިވެ އެވެ.