ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފި އެވެ.

ޝޔާޒް، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވީ މީގެކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށް 2019 ވަނަ އަހަރުން ފެށިގެން ކުރަމުންދިޔަ ދައުވާތަކުގައި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ޝިޔާޒު ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތްތަކުގައި ޔާމީންގެ ދިފާއުގައި ޝިޔާޒް ވަކާލާތު ކުރެއްވި އެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފީ މައްސަލަ މި މަހުގެ 18 ވަނަ ދުވަހު ހައި ކޯޓުގައި ނިމިގެން ދިޔައިރު އެ އަޑުއެހުމުގައި ވެސް ޝިޔާމް ބައިވެރިވެވަޑައިގެންފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޝިޔާޒް އައްޔަން ކުރެއްވި ނަމަވެސް އޭނާއަކީ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި މިހާރު ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ޔާމީންގެ ވެރިކަމުގައި ޝިޔާޒް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމު އަދާކުރެއްވި އެވެ.