ރާއްޖޭގެ ހަތަރު ވަޒީރަކާއި އެސްޓީގެ މެނޭޖިން ޑިރެކްޓަރު ސައުދީ އަރަބިއާ އަށް ވަޑައިގެން މުހިންމު ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގެން އެބަ ގެންދަވަ އެވެ.

ސައުދީ އަށް މި ވަގުތު ވަޑައިގެން އުޅުއްވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.

އެސްޓީއޯގެ އެމްޑީ ޝިމާދު (ކ) އާއި ސީއެފްއޯ ނިޒާމް (މ) ސައުދީގައި. --ފޮޓޯ:އެސްޓީއޯ

މިނިސްޓަރު ޝަހީމް ސައޫދީ އަަށް ވަޑައިގަތީ މުސްލިމް ވޯލްޑް ލީގުގެ ސްޕްރީމް ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށެވެ. މުސްލިމް އެކި ގައުމުތަކުގެ ދީނީ އިލްމުވެރިން ހިމެނޭ ރާބިތާގެ ސުޕްރީމް ކައުންސިލަށް ޑރ. ޝަހީމް ދާދި ފަހުން ވަނީ އައްޔަންކޮށްފަ އެވެ.

ސައުދީގެ އިސް ފަރާތްތަކާ ޑރ. ޝަހީމް ވަނީ ބައްދަލު ކުރައްވައިފަ އެވެ.

އިސްލާމިކް ނިސްޓަރު ޝަހީމް އާއި ފިނޭންސް މިނިސްޓަރު ޝަފީގު ސައުދީގައި

ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު ސައުދީ އަށް ވަޑައިގެން ވަނީ އޯޕެކް ފަންޑާއި ސައޫދީ ޑިވެލޮޕްމަންޓް ފަންޑާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ.

ފޮރިން މިނިސްޓަރު ޒަމީރާއި އިކޮނޮމިކް މިނިސްޓަރު ސައީދު ސައޫދީ އަށް ވަޑައިގަތީ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ ބައްދަލުވުމުގައި އެކި ގައުމުތަކުން 700 އަށް ވުރެ ގިނަ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.

އެސްޓީއޯގެ އެމްޑީ ޝިމާދާއި ސީއެފްއޯ މުހައްމަދު ނިޒާމް ސައުދީގެ ވެރިރަށް ޒިޔާޒަށް ވަޑައިގެންނެވީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެޑައިގަތުމަށެވެ. މާދަމާ ނިމޭ އެ ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުން 2،000 އަށް ވުރެ ގިނަ އޮފިޝަލުން ބައިވެރިވެ އެވެ.

އިސްލާމިކް ނިސްޓަރު ޝަހީމް އާއި ފިނޭންސް މިނިސްޓަރު ޝަފީގު ސައުދީގައި